ވައިގެ މަގުން ރާއްޖެ އައި ބިދޭސީއެއްގެ އަތުން 83 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.

އެ ބިދޭސީ މީހާއަކީ ބްރެޒިލްއަށް ނިސްބަތްވާ އަންހެނެކެވެ. އަދި އެއީ އުމުރުން 29 އަހަރުގެ މީހެކެވެ. އެމީހާ ރާއްޖެ އައީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

Ad
rt

އެ މީހާގެ އަތުން މަސްތުވާތަކެތި ފެނިފައިވަނީ އެ މީހާގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން އޭނާގެ ލަގެޖް ބަލާ ފާސްކުރުމުން ކަމަށް އެ ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

އަދި ފުރަތަމަ މަރުޙަލާގައި ކަސްޓަމްސް އިން މިތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މި މީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 16.723 ކިލޯގުރާމް ހުރި ކަމަށް ވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

މި މައްސަލަައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 83,000,000 (އަށްޑިހަ ތިން މިލިއަން) ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މިކަމާއި ގުޅޭ އިތުރު ތަހުގީގު ކުރުމަށްޓަކައި އަތުލައިގަނެވުނު މީހާއާއި މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވިއެވެ.