އިއްޔެ ހަވީރު ފެށި ހދ. އަތޮޅު ކައުންސިލް ވޮލީ މުބަރާތުގައި ނޮޅިވަރަމްގެ އަންހެން އަދި ފިރިހެން ޓީމުން ކުޅުނު ފުރަތަމަ މެޗުން މެޗުން މޮޅުވެއްޖެއެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަންގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ވާދަކޮށްފައި ވަނީ ކުމުންދޫ ސްޕޯޓްސް ކުލަބާއި ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ނޮޅިވަރަންފަރު އެސްސީއެވެ.

Ad
rt

އަންހެން ޑިވިޝަންގެ ދެވަނަ މެޗުގައި ރޭ ނޮޅިވަރަމް ޒުވާނުންގެ ގުޅުމާއި ނައިވާދޫ ޓްރެއިނާސް ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ނޮޅިވަރަމް ޒީޖީއެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ރޭ ބައްދަލުކޮށްފައި ވަނީ ކުޅުދުއްފުށި އެކުވެރިންގެ ދިރުމާއި ޓީމް ނޮޅިވަރަމްއެވެ. މި މެޗު 2-3 ސެޓުން ކާމިޔާބު ކުރީ ނޮޅިވަރަމްގެ ޓީމެވެ.

މުބާރާތުގައި މިއަދުވެސް އަންހެން ޑިވިޝަންގެ ދެ މެޗާއި ފިރިހެން ޑިވިޝަންގެ މެޗެއް ކުޅެވޭނެއެވެ. އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ނައިވާދޫ ޓީއެސްސީ އާއި ޓީމް ހަނިމާދޫ ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ނޮޅިވަރަންފަރު އެސްސީ އިން ނިކުންނާނީ ޓީމް ކުޅުދުއްފުށިއާ ދެކޮޅަށެވެ. އަދި މިރޭ ކުޅޭ ފިރިހެން ޑިވިޝަންގެ މެޗުގައި ވައިކަރަދޫގެެ ވިޔެސް ނިކުންނާނީ ޓީމް ފިނޭއާ ދެކޮޅަށެވެ.

އަންހެން އަދި ފިރިހެން ޑިވިޜަނަށް ބަހާލައިގެން މި މުބާރާތް ކުރިއަށް ގެންދާ މި މުބާރާތް މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް، ކުރިއަށް ގެންދާނެއެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޜަންގައި މި އަހަރު ބައިވެރިވެފައިވަނީ ހަތަރު ޓީމަކުންނެވެ. އެއީ، ކުޅުދުއްފުށީ އީޑީ، ޓީމް ނޮޅިވަރަމް، ވިޔެސް އަދި ޓީމް ފިނެއެވެ. އަންހެން ޑިވިޜަންގައި ހަ ޓީމު ބައިވެރިވެފައިވާއިރު، މި ޑިވިޜަންގެ މެޗުތައް ކުރިއަށް ގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

އަންހެން ޑިވިޜަނުގެ ފުރަތަމަ ގުރޫޕުގައި ހިމެނެނީ ކުމުންދޫ އެސްސީ، ނޮޅިވަރަންފަރު އެސްސީ، އަދި ޓީމް ކުޅުދުއްފުއްޓެވެ. ދެވަނަ ގްރޫޕުގައި ހިމެނެނީ ނޮޅިވަރަމު ޒީޖީ، ނައިވާދޫ ޓީއެސްސީ އަދި ޓީމް ހަނިމާދޫއެވެ.

ކުޅުދުއްފުށީގެ ޑަބްލިޔު ސްޕޯޓްސް އެކެޑަމީއާ ހަވާލުކޮށްގެން މުބާރާތް ކުރިއަށްގެންދާ މި މުބާރާތުގެ މެޗުތައް ކުޅޭނީ އެރަށު ޒޯން ސްޓޭޑިއަމުގައެވެ.