ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ހދ. އަތޮޅުބުރުގެ ގްރޫޕް އެކެއްގެ ފުރަތަމަ މެޗު ފަސޭހަ ކަމާއެކު ނޭކުރެންދޫ ކާމިޔާބުކުރިއިރު، ނޮޅިވަރަންފަރާއި ނައިވާދޫ ބައްދަލުކުރި މެޗުން އެއްވަރުވެގެން ނިމިއްޖެއެވެ.

ގްރޫޕް އެކެއްގެ ފުރަތަމަ މެޗު ނޭކުރެންދޫއިން ކާމިޔާބުކުރީ ކުމުންދާއާ ވާދަކޮށް 1-4 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ނޭކުރެންދޫގެ ލަނޑުތައް ޖަހައިދިނީ ވިލްފް، ނަޝްވާން، އާއްކޮ އަދި އިފާޒްއެވެ. ކުމުންދޫގެ ހަމައެކަނި ލަނޑު ޖަހައިދިނީ އާދަމް އަބްދުﷲ އެވެ.

Ad
rt

ގްރޫޕް އެކެއްގެ ދެވަނަ މެޗުގައި ނޮޅިވަރަންފަރާއި ނައިވާދޫ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މި މެޗުގައި ނޮޅިވަރަންފަރުން ޖެހި ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ފިޒާންއެވެ. އަދި ނައިވާދޫގެ ލަނޑު ޖަހައިދިނީ އިސްމާއިލް ވަހީދުއެވެ.

ހދ. އަތޮޅުގެ ފަރާތުން މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ހަތް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ، ކުމުންދޫ، ނޭކުރެންދޫ، ނައިވާދޫ ނޮޅިވަރަންފަރު، މަކުނުދޫ، ނެއްލައިދޫ އަދި ކުޅުދުއްފުއްޓެވެ.

ހދ. އަތޮޅުގެ ބުރު ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، ފުރަތަމަ ގުރޫޕުގައި ހިމެނެނީ ކުމުންދޫ، ނޭކުރެންދޫ، ނައިވާދޫ އަދި ނޮޅިވަރަންފަރެވެ. ދެވަނަ ގްރޫޕުގައި ހިމެނެނީ މަކުނުދޫ ނެއްލައިދޫ އަދި ކުޅުދުއްފުއްޓެވެ.

ހދ.ގެ ދެވަނަ ގުރޫޕުގައި ހިމެނޭ މަކުނުދޫ އާއި ނެއްލައިދޫގެ މެޗެއް މިއަދު އޮންނާނެއެވެ.

މި މުބާރާތުގެ މަކުނޫދޫ ދާއިރާގެ ޓީމްތަކުގެ މެއިން ސްޕޮންސަރަކީ ޑައިރެކްޓް ލޮޖިސްޓިކްސް އެވެ.