ނިމިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހަކީ ދިވެހިންގެ ތެރެއިން ގިނަބަޔަކު ކަރުނުން ތެންމާލި ދުވަހެކެވެ. ހދ. ނޮޅިވަރަމްފަރުގެ ރައްޔިތުންތަކެއް ދަތުރުކުރި ލޯންޗެއް ގަދަ ވިއްސާރައިގައި ބަންޑުން ޖަހާލައި މުޅި ގައުމާއި އެރަށުގެ ރައްޔިތުން، ހިތާމައާއި ކަރުނައިގެ އަސަރުތަކުން ފުރުނު ދުވަހެކެވެ. ހަމަ އެ ދުވަހު އެހެން "ހަނގުރާމައެއް" ވެސް އެ ރަށު ރައްޔިތުންތަކެއް ދިޔައީ ކުރަމުންނެވެ.
ރަށުގެ އެއް އަވަށް އެ އޮތީ ފެނު އަޑީގަ އެވެ. ފެން ނުވަންނަ ގެއެއް ނެތެވެ. ގެއްލުން ނުވާ ގެއެއް ނެތެވެ.
އަތުޖެހުނު ބަދިގެ ސާމާނެއް، ބާލިދީއެއް އަދި ފެންފުޅިއެއް ނަގައިގެން ނޮޅިވަރަމްފަރުގެ އަވަށެއްގެ ރައްޔިތުން ދިޔައީ ވެހެމުންދިޔަ ވާރޭގެ ސަބަބުން ހެދެމުންދިޔަ ފެންގަނޑުން ގޭގެ ސަލާމަތްކޮށް، ނަރުދަމާ ނިޒާމް ފެއިލްވެފައިވާތީ އޭގެން ނުކުމެދާނެ ގެއްލުމަކުން ސަލާމަތްވާން ވެސް މަސައްކަތް ކުރަމުންނެވެ.
މިހާލުގައި އޮތީ އެއްފަސް ކުރުމުގެ ސިޔާސަތުން ކުދި އާބާދީ އޮތުމުގެ ސަބަބުން ކައިރި ރަށްރަށުން މީހުން ގެނެސްގެން އާބާދުކުރުވި ހިސާބުގަނޑެކެވެ. ފަރިދޫ، ކުނބުރުދޫ އަދި މާވައިދޫގެ ރައްޔިތުން ދިރިއުޅެމުންދާ މި ސަަރަހައްދަށް އެމީހުން ގެނެވުނީ އުފާވެރި މުސްތަގްބަލަކާއި އެކަށީގެންވާ ވަސީލަތްތަކުގެ އުންމީދުތައް ދައްކައިގެންނެވެ. ނަމަވެސް ހަގީގަތަކީ މުޅިން ތަފާތު މަންޒަރެކެވެ.
މި ސަރަހައްދުގައި މީހުން އާބާދުވެގެން އުޅޭތާ ނުވަ އަހަރު ވެފައިވާއިރު، އެންމެ ޒަރޫރީ ވަސީލަތްކަމުގައިވާ ނަރުދަމާގެ ނިޒާމެއް އެ ރައްޔިތުންނަށް އަދިވެސް ނެތެވެ.

މި ސަރަހައްދުގައި ގާއިމްކުރެވިފައިވާ ނަރުދަމާގެ ނިޒާމަކީ ފުރިހަމައަށް މަަސައްކަތް ނުކުރާ ނިޒާމެކެވެ. އެގޮތުން އާދަކޮށް ޕަންޕް ނުކުރާނަމަ ސެޕްޓިކް ޓޭންކްތައް ފުރި މަގުމައްޗަށް ނަޖިސް ބޭރުވާގޮތް ދިމާވެއެވެ. މީގެ ސަބަބުން ރައްޔިތުން ވަނީ ބަލިތަަކަށް ހުށައެޅިފައެވެ. ނަޖިސް ވަޅުތައް ހިއްކައި ހުސްކުރަން ޖެހެނީ މަދަކުން ނޫނެވެ. ވާރޭ ވެހެލާއިރަށް ނަޖިސްތައް މައްޗަށް އަރަ އެވެ.
ނޮޅިވަރަންފަރުގެ ކައުންސިލާއި ރައްޔިތުން އެކި ފަހަރު މަތިން މި ޝަކުވާތައް ސަރުކާރަށް ހުށަހަޅައިފި އެވެ. ކުރީގެ ސަރުކާރުތައް ވެސް ހުށަހެޅި އެވެ. ހައްލެއް ނުލިބެ އެވެ. މި ސަރުކާރަށް ކެމްޕެއިންނަށް އެ ރަށަށް ދިޔުމުން ވެސް ރައްޔިތުން އޭރުގެ ކެންޑިޑޭޓަށް މި ޝަކުވާ ހުށަހެޅި އެވެ.
މި ސަރުކާރު އައި ފަހުން ރަށުގެ ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމަށް ވެސް ޝަކުވާ ހުށަހަޅައިފި އެވެ. ރަށަށް ސަރުކާރުގެ މިނިސްޓަރަކު ވަޑައިގެންނެވިޔަސް ފަހަތުން ހިންގަވައި ކައުންސިލުން މި ހާލަތު ދައްކަވަ އެވެ. އެކަމަކު، އަދި އެންމެ އެދެވޭ ޖަވާބެއް ނާދެ އެވެ. މިނިސްޓަރުން ވިދާޅުވަނީ "ދަންނަވާލާނެ" ކަމަށެވެ. ރައީސްގެ ފަރާތުން އަންނަ ޖަވާބަކީ "ހައްލުވާނެ" ކަމެވެ. އެ ދުވަހެއް އަދި ނުފެނެ އެވެ.
ނޮޅިވަންފަރުގައި މިހާރު ވަނީ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއު ފަށާފަ އެވެ. ކައުންސިލްގެ އަދި ރައްޔިތުންގެ ވެސް މިހާރުގެ އެދުމަކީ އެ މަޝްރޫއާއެކު ނަމަވެސް ނަރުދަމާގެ ނިޒާމް ފުރިހަމަ ވެގެން ދިޔުމެވެ.
ހަނިމާދޫ އެއާޕޯޓާ 10 މިނެޓްގެ ރާސްތާއެއްގެ ދުރުގައި އޮންނަ ނޮޅިވަރަންފަރަކީ ގުދުރަތީ ގޮތުން ރާއްޖޭގައި އޮތް އެންމެ ރީތި ރަށްތަކުގެ ތެރެއިން ރަށެކެވެ. ބިން ބޮޑު ތަރައްގީ ކުރެވޭނެ ރަށެކެވެ. އާބާދީ ވެސް އިތުރުވަމުން އަންނަ މުސްތަގުބަލެއް އޮތް ރަށެކެވެ. ލޯކަލް ޓޫރިޒަމަށް ވެސް ފައްކާ ކުރެވޭނެ ރަށެކެވެ. ކޮންމެ ވެސް ވަރަކަށް މިހާރު ވެސް ގެސްޓްހައުސްގެ ވިޔަފާރި ކުރަން އެ ރަށުގައި މަސައްކަތް ކުރަމުންދާއިރު މި ހުރިހާ ކަމަކަށް ވެސް އެޅޭ އެންމެ ބޮޑު ހުރަހަކަށްވެފައި އޮތީ ނަރުދަމާއެއް ނެތުމެވެ.
މިއީ 1،900 އަށްވުރެ ގިނަ ރައްޔިތުންނަށް ހައްގު މިންވަރު ބާވަ އެވެ؟ ނަރުދަމާއެއް އަޅައި އެ ފުރިހަމަ ގޮތުގައި ހިންގައިދޭން އެހާ ގިނަ އަހަރުތަކެއް ބޭނުންވޭބާވަ އެވެ؟ ނޫންނަމަ، މި ރައްޔިތުންނަށް ކަމެއް ކޮށްދޭނެ އިހްލާސްތެރިކަމެއް ނެތީބާވަ އެވެ؟
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!