އެހެލާފައިހުރި ބޮޑު މަސްދޯންޏެއް ބާލައިގެން ޒުވާން ކުދިންކޮޅެއް ފުރަން ތައްޔާރުވަނީއެވެ. އެއީ މަނަދޫ ޤާސިމް ހާރޫނު ހާޖީގެ "ދިލާވަރު" ކިޔާ މަސް ދޯންޏެވެ.
އެ މަސައްކަތުގައި ހުރިހާ ކުދިން އުޅުނީ ވަރަށް ފޯރިއާއި ޖޯޝުގައެވެ. ނަމަވެސް ދަތުރަށް ނުފުރެނީސް އެ ފޯރިގަނޑުގައި ކުންޏެއް ޖެހުނެވެ. ދަތުރުގެ ދެ ބައިވެރިއަކަށް އެ ދޯނިން ނުދެވޭނެކަމަށް އޮޑިވެރި ފަރާތުން އެންގެވީއެވެ. އެއީ މުޙައްމަދު ޙަމީދާއި ޢަބްދުލްޣަފޫރު ޢަލީއެވެ. ވީކީއްތޯ އަހާލަން ކެރޭ މީހަކު ވެސް އެ ޒަމާނަކު ނުހުންނާނެއެވެ. އެ ދުވަސްވަރު އާންމުކޮށް އެފަދަ އެންގުންތައް އޮޑިވެރިން އަންގަނީ އޮޑިދޯނިފަހަރު އެހެލާ ބޭލުމުގައި ބައިވެރިނުވެގެންނެވެ.
އެ ޒުވާން ދެ ކުދިންނާމެދު އޮޑިވެރިފަރާތުން އެޅި ފިޔަވަޅަކީ އޭރަށް ބަލާއިރު ވަރަށް ބޮޑު ފިޔަވަޅެކެވެ. އަދި އެއީ ޢިބުރަތްތެރި އަދަބެކެވެ. އެ ދަތުރުގައި ނުދެވޭނެ ކަމަށް އެންގެވި ދެ ކުދިން ބައިތިއްބާފައި ދެން ތިބި ކުދިން ދަތުރަށް އަރައިފިއެވެ.
އެއީ ތާރީޚީ ދަތުރެކެވެ. ނ. މިލަދޫ ރަތްވިލާގޭގެ އަހަރީ މާލޫދުފުޅު ކިޔައިދިނުމަށް މަނަދޫ ޖަމްޢިއްޔަތުލް އިއުތިލާފުގެ ހުނަރުވެރި ޒުވާން މާލޫދުޕާޓީ އެ ރަށަށް ދިޔަ ދަތުރެވެ. އެ ގޭގެ ވެރިޔާ އަލްފާޟިލް އިބްރާހީމް އަބޫބަކުރު މަނަދޫ މާލޫދުޕާޓީއަށް އެ ޚާއްޞަ ދައުވަތު ދެއްވީ ކީއްވެގެންބާވައެވެ؟ އޭރު މަނަދޫގައި އޮތް މާލޫދުޕާޓީއަކީ ނ. އަތޮޅުގައި ކީއްކުރަންތޯއެވެ. ރާއްޖޭން އުތުރުގައި ވެސް އެންމެ މަޝްހޫރު އެންމެ ހުނަރުވެރި އެއް މާލޫދުޕާޓީއެވެ. އެއީ ރަށްރަށުގެ ބޮޑު މާލޫދުތަކުގައި ޚާއްޞަ ދައުވަތު ފޮނުވައިގެން ގޮސް މާލޫދުކިޔާ ހެދި މާލޫދު ޕާޓީއެކެވެ. އެއީ ނ. އަތޮޅުން ހޮޅުދޫއާއި ވެލިދޫގެ އިތުރުން އިރުވައިތޮށީގެ ބައެއް ރަށްރަށުގައި ވެސް މާލޫދުކިޔާ ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައިވާ މާލޫދުޕާޓީއެކެވެ.
މަނަދޫ ކަނޑިންމައިން ރިޔާކޮށާލައި ރިޔަލުގައި ވައި އަޅުވާލިއެވެ. ވާދޫ ދަށްބޭރު ޖައްސާފައި ރިޔާލިތާ މާގިނައިރެއް ނުވެ ދޯނި އޮތީ މަގޫދޫ ބޭރުގައެވެ. މިލަދޫއާ ދޯނި ކައިރިކުރިއިރު ޖަހާފައި އައި ދޯންޏެއް ރަށުގެ އޮޅުން އިސްތިޤުބާލަށް ނިކުންނަނީއެވެ. އޭރު 1391ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ 03 ވަނަ ދުވަހުގެ ހަވީރުގެ ފިނިކަން ދުނިޔެއަށް ވެރިވެއްޖެއެވެ. އެއީ މީލާދީން 29 އެޕްރީލް 1971 ވީ ބުރާސްފަތި ދުވަހެވެ.
އެ ޒަމާނުގައި މިގޮތަށް މާލޫދު ކިޔުމަކީ ކުޑަކަމެއް ނޫނެވެ. ވަރަށް ޚާއްޞަ އިސްކަމެއްދީގެން ކުރާ ކަމެކެވެ. މި ދަތުރަކީ ރަށެއްގެ ބޮޑުމާލޫދަށް ނުވިޔަސް މާލޫދު ކުޑައެއް ނޫނެވެ. އިންތިޒާމުތައް ހުރީ ވަރަށް ފުރިހަމައަށެވެ. ހުރިހާ ރައްޔިތުންގެ ޝާމިލުވުމާއި އެއްބާރުލުމާއެކުގައެވެ. މި ދަތުރުގައި މިލަދޫ ރައްޔިތުންގެ ފަރާތުން ފެނުނީ އެކުވެރިކަމާއި އެއްބައިވަންކަމެވެ. ހީވަނީ މިލަދުއަށް އީދެއް އައިސްފައިވާހެންނެވެ. މާލޫދުޕާޓީއަށް ކައްކާ ކާންދިނުމާއި އިންތިޒާމުތައް ހަމަޖެއްސުމުގައި ގިނަ ބައެއްގެ ބައިވެރިވުމާއި އެއްބާރުލުން އިންތިހާއަށް އޮތެވެ.
މާލޫދުޕާޓީއަށް މިލަދޫ މަރުޙަބާ ވިދާޅުވީ ރަތްވިލާގޭގެ ވެރިޔާ އިބްރާހީމްފުޅެވެ. މަރުޙަބާގެ ބުއިމަކަށް ހުރީ ދޮންކެޔޮފަންޏެވެ. މައުލޫދު ފެށުނީ މަޣުރިބް ނަމާދަށް ފަހުގައި އޮތް ޖާފަތަށް ފަހުގައެވެ. މިލަދޫގެ ވެރިންނާއި އޮޑިވެރިންނާއި ކެޔޮޅުންނާއި ކަމުވޮށިވެގެންވާ ގިނަ އަދަދެއްގެ ރައްޔިތުން އެ ޖާފަތުގައި ބައިވެރިވިއެވެ. ޖާފަތަށް ފަހު މައުލޫދު ފަށްޓަވައި ދެއްވީ މަނަދޫ ކަތީބު އާދަމް މަނިކުބެއެވެ. ޢިޝާ ނަމާދަށް މެދުކަނޑާލުމަށްފަހު ނަމާދު ކޮށްގެން އަލުން ކުރިއަށް ގެންދިޔައެވެ. އޭގެފަހުން އެއްފަހަރު އަރާމުކޮށްލުމަށް މެދުކަނޑާލިއެވެ. އެ ގަޑީގައި އޮތީ އޭރުކިޔާ "ލައިމް ޖޫހެވެ." މާލޫދު ކިޔާ ނިމުނުއިރު މެންދަމުން އަލިވެ އެކެއްޖަހައި ބޮޑުވެއްޖެއެވެ. އޭރުވެސް މާލޫދު އަޑުއަހަން މިލަދޫގެ ކުދިބޮޑު، އަންހެން ފިރިހެން ގިނަ އަދަދެއްގެ ބަޔަކު އެ ގޭދޮށުގައި ތިއްބެވެ. އެ ގަޑީގައި ފެންވަރު ރަނގަޅު މޮޅު ސައެއް އޮތެވެ.
އިރުއެރީ ބަރަކާތްތެރި ހުކުރު ދުވަހަކަށެވެ. އެ ދުވަހުގެ ހެނދުނު ސައި ވެސް ތަފާތެވެ. އަވެއްޔާއި ދޮންކޭލާއި ވަޅޯމަހާއި ސަޔެވެ. ސަޔަށްފަހު އޮތީ ޖަމްޢިއްޔާގެ ފަތްކެޔޮ ދަނޑެއް ހެދުމަށް މިލަދޫން ފަތްކެޔޮގަސް ހޯދުމުގެ މަސައްކަތެވެ. މިލަދޫ ކަތީބު ޢަބްދުލްޣަނީ ޔޫސުފް ކޮށްދެއްވި މަސައްކަތުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެކިއެކި ގޭގެއިން 56 ގަސް ހޯއްދަވައި ދެއްވިއެވެ. މިލަދޫގެ މާލޫދު ދަތުރު މަނަދޫ ޖަމްޢިއްޔަތުލް އިއުތިލާފުގެ ޒުވާނުން ނިންމާލީ ހުކުރު ނަމާދު މިލަދޫގައި ކޮށްފައެވެ. އެ ރަށުގެ ރައްޔިތުންގެ ލޯތްބާއި ތަޢުރީފާއެކުގައެވެ.
މަނަދޫ ޖަމުޢިއްޔަތުލް އިއުތިލާފަކީ މަނަދޫގެ ތާރީޚުގައި ފެނިގެން ދިޔަ ވަރަށް ހަރަކާތްތެރި ޖަމުޢިއްޔާއެކެވެ. މިލަދޫން ގެނައި ފަތްކެޔޮ ގަސްތައް އިންދައި ފަތްކެޔޮ ދަނޑު ހެއްދީ މަނަދޫ ހުޅަނގު ކޮޅުގައެވެ. ކުދިފިޔާ ދަނޑެއް އިރުމަތީކޮޅުގައި ހެއްދިއެވެ. ސައި ހޮޓަލެއް ކާޑުގޭގައި ހިންގިއެވެ. މަސްފިހާރައެއް ކުރީގެ އޮފީސް ހުރި ތަނުގައި ހިންގިއެވެ. ސަރުކާރުގައި ރަޖިސްޓްރީ ކޮށްގެން މަޖައްލާއެއް ނެރުނެވެ. ރަށުގެ ތަޢުލީމަށް އަގުހުރި ބުރަ މަސައްކަތްތަކެއް ކުރިއެވެ. ދީނީ ހޭލުންތެރިކަމާއި އަދަބިއްޔާތު ކުރިއެރުވިއެވެ. އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރިއެވެ. އެ ޖަމްޢިއްޔާއަކީ މަނަދޫގެ ރައްޔިތުންގެ ޖަމްޢިއްޔާއެއްގެ ގޮތުގައި ރައްޔިތުން ބަލައިގަތެވެ.

ނޯޓު: މި ލިޔުމަކީ މަނަދޫ ޖަމުޢިއްޔަތުލް އިއުތިލާފުން ނެރުނު މަޖައްލާއަށް ނ.މަނަދޫ ވާރޭވިލާ އިސްމާޢީލް ޙުސައިން ލިޔުއްވާފައިވާ "އުފާވެރި ދަތުރެއް" މި ލިޔުން އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ. މި ލިޔުން 1971 ވަނަ އަހަރު އިސްމާޢީލްބޭ ލިޔުއްވިއިރު އަޅުގަނޑު އުފަން ވެސް ނުވެއެވެ. އިސްމާޢީލްބެއަށް ފުރިހަމަ ޞިއްޙަތަކާއި އުފާވެރި ހަޔާތެއް މިންވަރުކުރައްވާށިއެވެ. (ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!