ދިވެހިރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ ބައްދަލު ކުރައްވައިފިއެވެ.
މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި އިންޑިއާއާއި ދިވެހިރާއްޖެއާއި ދެމެދު މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި ދެ ޤައުމު ގުޅިގެން ފަތުރުވެރިކަން ކުރިއެރުވުމާއި، އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުމާއި، ދެ ޤައުމުގެ މެދުގައި ވިޔަފާރިއާއި ދަތުރުފަތުރު އިތުރުކުރުމާއި، ސިއްހީ ދާއިރާއާއިން ގުޅިގެން މަސައްކަތްކުރުމާއި، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ އިތުރުން ކޮންސިއުލަރ ޚިދުމަތްތައް ހަރުދަނާކުރުމާ ގުޅޭ ގޮތުންވެސް ދެބޭފުޅުން މިއަދު މަޝްވަރާކުރެއްވިއެވެ.
ކޯވިޑް-19 ބަލިމަޑުކަމުގެ މި ދަތި އުނދަގޫ ހާލަތުން އަރައިގަތުމުގައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.

މީގެއިތުރުން ދެ ޤައުމުގެ ޑިޕްލޮމެޓިކް ގުޅުމަށް 55 އަހަރު ފުރިފައިވާއިރު ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ވަޑައިގެން އުޅުއްވަނީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދަޢުވަތަކަށެވެ. ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު ވަނީ މި ބައްދަލުވުމުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމާއި ދިވެހި ރައްޔިތުންނާމެދު ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!