މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރުގެ ދަށުން ހިނގަމުންދާ "މެރީން ރިސަރޗް ސެންޓަރ" ގެ ނަން، "މޯލްޑިވްސް މެރީން ރިސަރޗް އިންސްޓިޓިއުޓް" މި ނަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް 29 އޮގަސްޓް 2019 ވަނަ ދުވަހު ބަދަލުކުރައްވައި އެ ތަނުގެ މަސައްކަތްތަކަށް ބައެއް ބަދަލު ގެންނަވައިފިއެވެ.

މޯލްޑިވްސް މެރީން ރިސަރޗް އިންސްޓިޓިއުޓުގެ މަސައްކަތްތައް ބެހިފައިވާ ގޮތަކީ ކަނޑުގެ މާޙައުލާއި، އެ މާޙައުލުގައި އުޅޭ ދިރުންތަކާ ގުޅޭ ސައިންޓިފިކް މަޢުލޫމާތު އެއްކުރުމަށްޓަކައި، ކަނޑުތަކާ ގުޅުންހުރި ދިރާސާތައް ކުރުމާއި ރާއްޖޭގެ ކަނޑުގެ މާޙައުލުގައި އުޅޭ ދިރުންހުރި ތަކެތީގެ މަޢުލޫމާތު އެއްކުރުމާއި، ކަނޑުގެ ދިރުންތަކުގެ ސްޕެސިމަން އެއްކޮށް ބެލެހެއްޓުމުގެ އިތުރުން ރާއްޖޭގެ ކަނޑުގެ މާޙައުލުން މަދުވަމުންދާ ބާވަތްތަކާއި، ނެތި ހިނގައިދާނެކަމުގެ ބިރުހީވެފައިވާ ބާވަތްތަކާއި، ކަނޑުގެ މާޙައުލުގެ ދުޅަހެޔޮކަމަށް މުހިންމު ބާވަތްތައް ދެނެގަނެ، އެ ބާވަތްތައް ރައްކައުތެރިކޮށް ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ މަޢުލޫމާތާއި ލަފަޔާއި އިރުޝާދު ދިނުން ހިމެނެއެވެ.

Ad
rt
އަދި ދިވެހިރާއްޖޭގައި ކުރެވޭ ތަފާތު ބާވަތް ބާވަތުގެ މަސްވެރިކަން ކުރެވެނީ އެ މަސައްކަތްތަކުގައި ހިފާ ބާވަތްތަކުގެ އާބާދީއަށާއި، އެ ތަކެތީގެ މާޙައުލަށް ގެއްލުން ނުވާ ގޮތަކަށްކަމާއި،އެ ބާވަތްތައް ހިފެނީ އެ ބާވަތްތަކަށް ގެއްލުން ނުވާ މިންވަރަށްކަން ޔަގީންކުރުމަށް ކުރަންޖެހޭ ދިރާސާތައް ކޮށް، އެ ދިރާސާތަކުގެ އަލީގައި މަސްވެރިކަމުގެ ވުޒާރާއަށް ފަންނީ ލަފާދިނުމާއި، މަސްވެރިކަމުގެ ތަފާސްހިސާބުތަކަކީ ބުނެވިދިޔަ ކަންކަމަށް އެކަށޭނަ ހިސާބުތަކަކަށް ހެދުމަށް ބޭނުންވާ ލަފާދިނުން މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.
ރާއްޖޭގެ ކަނޑުތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރެވޭކަން ކަށަވަރު ކުރުމަށްޓަކައި، މާޙައުލީ ނިޒާމާ ގުޅުވައިގެން މި ވަސީލަތްތައް މެނޭޖްކުރުމަށް (އިކޯސިސްޓަމް ބޭސްޑް މެނޭޖްމަންޓް) ބޭނުންވާ ސިޔާސަތުތައް އެކަށައެޅުމަށް، ސައިންސްގެ އަލީގައި މަޢުލޫމާތު ފޯރުކޮށްދިނުމާއި ރާއްޖޭގައި މެރިކަލްޗަރގެ ސިނާޢަތެއް ޤާއިމުކުރުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި، މެރިކަލްޗަރގެ ދާއިރާ ތަރައްޤީ ކުރާނެ ގޮތުގެ ފަންނީ ލަފާ ދިނުމުގެ އިތުރުން މަސްވެރިކަމާއި، މެރިކަލްޗަރާއި، ފަރުތަކާ ގުޅޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ މަސައްކަތްތަކުގައި ބައިވެރިވެ، މި ދާއިރާއިން ސައިންސް ކުރިއަރުވައި، މިފަދަ ޖަމްޢިއްޔާތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.

ރާއްޖޭގައި އަމިއްލަ ފަރާތްތަކުން ކުރާ ކަނޑުގެ މާޙައުލާ ގުޅޭ ދިރާސާތަކުން އެއްކުރާ މަޢުލޫމާތާއި ޑޭޓާތައް ޖަމާކޮށް، އެ ތަކެތި ބެލެހެއްޓުން މޯލްޑިވްސް މެރީން ރިސަރޗް އިންސްޓިޓިއުޓުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭކަމަށް ރައީސް އޮފީހުން ނެރެފައިވާ ދެންނެވުމުގައި ބުނެފައިވެއެވެ.

މެރިން ރިސާޗް ސެންޓަރު ހިންގަމުން އަންނަނީ ފިޝަރީޒް މިނިސްޓްރީގެ ދަށުންނެވެ.