ހދ. ހަނިމާދޫއިން ދިރިއުޅުމަށް ގޯތި ދޫކުރެވޭތޯ މަސައްކަތް ކުރަމުން އަންނަތާ ދެ އަހަރެއްހާ ދުވަސް ވެއްޖެކަމަށް ހަނިމާދޫ ކައުންސިލުން ބުނެފިއެވެ.
ހަނިމާދޫ ކައުންސިލުން މިއަދު ބުނީ، އެ ކައުންސިލުން ގޯތި ނުދީ ތިބީކަމަށް ބަޔަކު ރަށުތެރޭގައި ދޮގު މަޢުލޫމާތު ފަތުރަމުން އަންނަ ކަމަށާއި، 2018 ވަނަ އަހަރުން ފެށިގެން ހަނިމާދޫން ގޯތި ދޫކުރެވޭތޯ އެކައުންސިލަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ.
އެކަމާއި ގުޅިގެން ހަނިމާދޫ ކައުންސިލުން މިއަދު މައުލޫމާތު އާންމުކުރަމުން ބުނެފައިވަނީ ހަނިމާދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫ ނުކުރާތާ 8 އަހަރަށްވުރެ ދިގުމުއްދަތެއް ފާއިތުވެފައި ވަނިކޮށް މިހާރު އުފެދިފައިވާ ކައުންސިލްގެ 3 ވަނަ ދައުރުގައި، 2018 ވަނަ އަހަރުން ފެށިގެން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް މަސައްކަތް ފެށިކަމަށެވެ.
މިގޮތުން ކައުންސިލުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއްކޮށް ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖްރާތުތަކެއް ފުރިހަމައަށް ހިމަނާ ގޯތިދޫކުރުމުގެ ހުއްދައަށްއެދި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ އަށް ފޮނުވުމުން ގޯތި ދޫކުރުމުގެ ހުއްދަ ކުރީގެ ސަރުކާރުން އެ ކައުންސިލަށް ދިންކަމަށް ހަނިމާދޫ ކައުންސިލުން ބުންޏެވެ.
ކުރީ ސަރުކާރުން ގޯތި ދޫކުރުމުގެ ހުއްދަ ދިނުމުން އެކަމަށް އިޢުލާންކޮށް، ގޯއްޗަށްއެދި މީހުން ފޯމު ހުށަހަޅާނިމި، ގޯތި ދޫކުރުމާއި ގާތްވެފައިވަނިކޮށް އެކަން، އޭރުގެ ރައީސް ޔާމީންގެ ސަރުކާރުން ހަނިމާދޫ ކައުންސިލުންނަގައި، ކުންފުންޏަކާއި މަތިކޮށް އެކުންފުނިން އެމަސައްކަތްކޮށް ނިމުމުގެ ކުރިން ނުވަތަ ގޯތި ދޫކުރުމުގެ ކުރިން، އެ ސަރުކާރު ބަދަލުވީ ކަމަށް ހަނިމާދޫ ކައުންސިލުން ބުންޏެވެ.
"މިސަރުކާރުގައިވެސް ގޯތި ދޫކޮށްދިނުން އެދި ފޮނުވަންޖެހޭ ހުރިހާ ލިޔެކިޔުމެއް ފޮނުވާފައި ވީނަމަވެސް، މިއަދާއި ހަމައަށްވެސް ގޯތި ދޫކުރުމުގެ ހުއްދަ ދެއްވާފައި ނެތިއޮއްވައި ދާދި ފަހަކުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ އޮނަރަބަލް މުޙައްމަދު އަސްލަމް ލައިވް ނޫސް ކޮންފަރެންސެއްގައި ވިދާޅުވެފައިވާ ގޯތި ދޫކުރުން ހަމަޖައްސާފައިވާ ރައްތަކުގެ ލިސްޓްގައި ހަނިމާދޫ ހިމެނިފައިވުން ފިޔަވާ އަދާއި ހަމައަށްވެސް އިތުރު އެއްވެސް ހުއްދައެއް ގޯތި ދޫކުރުމާއި ގުޅޭގޮތުން ދެއްފާއިނެތި، ރަށުގެ ބަޔަކު ވިދާޅުވަމުން ގެންދަނީ މިކައުންސިލުން ގޯތި ދޫނުކުރަން އުޅެނީކަމަށެވެ." ހަނިމާދޫ ކައުންސިލުން ބުނެފައި ވެއެވެ.
"އެއީ ހަޤީގަތާއި ޚިލާފު ދޮގުވާހަކައެއް ކަމުގައި މިދަންނަވަނީ މިކައުންސިލުން ގޯތި ދޫކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ނިންމާ 2018 ވަނަ އަހަރުން ފެށިގެން ގޯތި ދޫކުރުމުގެ މަސައްކަތް ފުރިހަމަކޮށްފައި ވާނެކަން އެފަދަ ހުރިހާ ފަރާތްތަކަށް ސާފުކޮށްދިނުމަށާއި، މިފަދަ ހަޤީގަތާއި ޚިލާފު ދޮގުވާހަކަތައް ފަތުރަމުން ނުގެންދިއުމަށް ހުރިހާ ފަރާތްތަކަށް މި ކައުންސިލުން އިލްތިމާސްކުރަމެވެ." ހަނިމާދޫ ކައުންސިލުން އިތުރަށް ބުނެފައި ވެއެވެ.
ހދ. ހަނިމާދޫން ގޯތި ދޫނުކުރާތާ 8 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށް، މިހާރުގެ ކައުންސިލުން ރަށުން ގޯތި ދޫކުރުމުގެ މަސައްކަތް ކުރި ނަމަވެސް ނިމުނު ރައީސް ޔާމީނުގެ ސަރުކާރުން ހަނިމާދޫން ގޯތި ދޫކުރުމުގެ ހުއްދަ ދިނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނަނި ކޮށެވެ. އެފަހަރު ހަނިމާދޫން ގޯތި ދޫކުރުމުގެ މަސައްކަތް ހަނިމާދޫ ކައުންސިލުން ނިއްމުމާއި ހަމައަށް ގޮސްފައިވަނިކޮށް އެ ސަރުކާރުން ހަނިމާދޫން ގޯތި ދޫކުރުމުގެ އެންމެހާ މަސައްކަތްތައް ހަނިމާދޫ ކައުންސިލްއަތުން ނަގައި، ހަވާލުކުރީ ހަނިމާދޫ ފެނަކަ ބްރާންޗާއެވެ. ނަމަވެސް، އެ ފުރުޞަތުގައިވެސް އެރަށުން ގޯތި ދޫކުރެވިފައެއް ނުވެއެވެ.
ހަނިމާދޫއަކީ ހަނިމާދޫއަށް ނިސްބަތްނުވާ މީހުންގެ ގިނަ ޢަދަދެއްގެ ބޮޑެތި ގޯތިތައް ދޫކޮށްފައިވާ ރަށެކެވެ. އެ ގޯތި ތަކުގެ ތަރޭގައި ރައީސް މައުމޫންގެ ވެރިކަމުގެ ދުވަސްވަރު ތިއްބެވި ބައެއް ވަޒީރުންނާއި، އެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، މާލޭއަށް ނިސްބަތްވާ މީހުންގެ އިތުރުން އެކި ރަށްތަކުގެ މީހުންގެ ގޯތިތައް ވެސް ހިމެނެއެވެ. އޭގެ ތެރެއިން ގިނަ ގޯތިތަކެއް ބީޗް ފްރަންޓްގައި ހުރިއިރު، އަދިވެސް އޭގެ ތެރެއިން އިމާރާތްކޮށްފައި ވަނީ މަދު ގޯތި ތަކެއްގައި އެވެ.
ހަނިމާދޫން ގޯތި ދޫނުކުރާތާ 10 އަހަރު މިހާރު ފާއިތުވެފައި ވާއިރު، ބިމުގެ ގޮތުން ތަނަވަސް އެރަށުން މިހާރު ގޯތި ދޫކުރާ ސައިޒުގެ 2000 އަށް ވުރެ ގިނަ ގޯތި އަދިވެސް ދޫ ކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. ގޯތި ނުލިބި އެތައް އަހަރެއް ފާއިތުވުމީ، އެރަށުގެ ރައްޔިތުންނާއި ޚާއްޞަކޮށް ޒުވާނުންގެ ވަރަށް ބޮޑު ކަން ބޮޑުވުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!