އެންމެ ކުޑަ އުޖޫރަ އަވަސްކުރުމަށް ގޮވާލާ ހއ.ދިއްދޫ ޒުވާނުން ޞުލްޙަވެރި މުޒާހަރާއެއް ކޮށްފިއެވެ.
މިއަދު ހަވީރުފެށި މިޞުލްޙަވެރި މުޒާހަރާގައި އެރަށުގެ ޒުވާނުންނާއި ރަށު ކައިރީ ރިޒޯޓްތަކުގައި މަސައްކަތް ކުރަމުންދާ ޒުވާނުންނާއެކު، ގާތްގަނޑަކަށް 100 އެއްހާ ޒުވާނުން ބައިވެރިވެފައިވެއެވެ.
ދިއްދޫގައި މިއަދު ކުރިއަށްދިޔަ މުޒާހަރާގެ މައިގަނޑު ބޭނުމަކީ “އެންމެ ކުޑަ އުޖޫރަ”ގެ ބިލް އަވަސްކުރުންކަމަށް މުޒާހަރާގެ ބައިވެރިންވަނީ ބުނެފައެވެ.
“ޞުލްޙަވެރި މިމުޒާހަރާއަކީ މަސައްކަތްތެރިންގެ ޙައްޤުގައި މިނިމަމް ވޭޖް ގެ ބިލް އަވަސް ކުރުމަށް ހއ. އަތޮޅުގައި ތިބި ހުރިހާ މަޖިލީހުގެ މެންބަރުންނަށް ގޮވާލާ ގޮވާލުމެއް” މުޒާހަރާގެ ބައިވެރިން ބޭނުންކޯށްފައިވާ ބެނާއެއްގައިވެއެވެ. މިބެނާގައި ހއ އަތޮޅަށް ނިސްބަތްވާ 5 މެންބަރުންގެ ފޮޓޯޖަހާފައިވެއެވެ. މުޒާހަރާގެ ބައިވެރިން އެމީހުންގެ ޝުޢޫރުތައް ލިޔެފައިވާ ޕޯސްޓަރުތަކާއެކު ކުރިއަށްދިޔަ މުޒާހަރާގައި އެމީހުންނަކީ ވިޔަފާވެރިންގެ ޕަޕެޓުން ނޫންކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން ރިޒޯޓުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ ނިސްބަތް އިތުރުކޮށްދިނުމަށް ގޮވާލާފައިވާއިރު، އެޖެންޑާ 19 ގައިވާ ގޮތުގެ މަތިން މަސައްކަތްތެރިންގެ ބިލް އަވަސްކުރުމަށްވެސް މުޒާހަރާގެ ބައިވެރިންވަނީ ގޮވާލާފައެވެ.
ދިވެހިންނަށް ވަޒީފާ ނުލިބޭ މައްސަލައިގެ ޙައްލަކީ މިނިމަމް ވޭޖު ކަނޑައެޅުންކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވާއިރު، އެބިލް މިއަހަރުތެރޭ މަޖިލީހަށް ވާއްދާނެކަމަށްވެސް ރައީސްވަނީ ވިދާޅުވެފައެވެ. އެގޮތުން މިނިމަމް ވޭޖް ކަނޑައެޅުމަށް ލަފާދޭނެ ”އެޑްވައިޒަރީ ބޯޑެއް” ރައީސްވަނީ އުފައްދަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!