ނޯޓް: މިއީ "ތިލަދުންމަތި – ޤައުމަށް ބޭނުންވި ކޮންމެ ވަގުތެއްގައި ނަމޫނާއެއް" ނަމުގައި ލިޔަމުން އަންނަ ކޮލަމްގެ ފުރަތަމަ ލިޔުމެވެ.
ދިވެހި ތާރީޚު ހެކިދޭ ގޮތުގައި ދިވެހި މި ލޮބުވެތި ފަސްގަނޑަށް ދިމާވި ދަތި އުނދަގޫ ކޮންމެ ވަގުތެއްގައި ތިލަދުން މަތީގެ ދަރީން ވަނީ ޤައުމަށްޓަކައި ޤުރުބާންވެ ވަޑައިގެން ޤައުމު ދިފާޢުކުރައްވާފައެވެ. ތިލަދުންމައްޗަކީ މުޅިޤަމުގެ ފަޚުރެއްކަން ޔަޤީނެވެ.
ތިލަދުންމަތީ މީހުންނަކީ، މާތްވެގެންވާ އިސްލާމްދީނަށް ލޯބިކުރާ، ޒަމާނުއްސުރެ ރިވެތި އަޚުލާޤެއްގެ ވެރިބައެކެވެ. ސުލްހަމަސްލަހަތަށާއި، އެކުވެރިކަން އިސްކުރާ ބަޔެކެވެ. ޤައުމިއްޔަތުގެ ރޫޙު ހިތްތަކުގައި ބިންވަޅު ނެގިފައިވާ ބަޔެކެވެ. އެންމެ ފުރަތަމަ ޤައުމުކަމަށް ޢަމަލާއި ބަހުން މިސާލުދައްކުވައިދިން ރައްޔިތެކެވެ. ތިލަދުންމަތީ ރައްޔިތުންނަކީ މަޑުމޮޅި ކަމާއި، ސާދާކަމުގެ ލާމަސީލު ބަޔެކެވެ.
ދިވެހި ޤައުމީ ދުވަސް އެދުވަހަކަށް ނިސްބަތްވާ ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހަކީ ތިލަދުންމަތިން އުފެދުނު ޤައުމީ ބަދަލު އުތީމު މުޙައްމަދު ތަކުރުފާނު، އެޒަމާނުގެ ކަނޑުގެ "ބާޒު" ގޮތުގައި ސިފަކުރެވުނު ވަރުގަދަ ޕޯޗުގީޒުންގެ ވަކިތަކުން މި ދިވެހި އުންމަތް މިނިވަން ކުރެއްވި ދުވަހެވެ. މުޅި ރާއްޖެއަށް ޕޯޗުގީޒުންގެ ހަންފަތުރައި، އަނިޔާ ވެރިކަން އިންތިހާއަށްގޮސް، ޣައިރު ދީނަށް ދިވެހިން މަޖުބޫރުން ވައްދަމުން ދިޔަ ދިޔުން ހުއްޓުމަށް ނުކުންނެވީ ތިލަދުންމަތީ ހއ. އުތީމު ތިންބެއިންނެވެ.
ބޮޑުންގެ ބައެއްގެ އަމިއްލަ އެދުމަށް ޤައުމުގެ މިނިވަންކަމާއި، އިސްތިޤްލާލު ނަގާލައި ޕޯޗުގީޒުންގެ އަޅުވެތިކަމުގައި ދިވެހިން އެތައް އަހަރެއްވަންދެން އަޅަމުންދިޔަ ކަރުނަޔާއި، އުފުލަމުންދިޔަ ވޭނަށް ނިމުން ގެނުވީ ތިލަދުންމަތިން އުފަންވި ހިތްވަރެވެ. ޤައުމަށް އަލުން މިނިވަންކަން ހޯދައިދީ، ޤައުމިއްޔަތާއި، އިސްލާމްދީނާއި، ބަހާއި އަދި ސަޤާފަތުގެ ހިމާޔަތުގައި އަތްވާއި ވާރޭގައި ޕޯޗުގީޒުންގެ ގަދަފަދަ ލަސްކަރާ ދެކޮޅަށް އުތީމު ތިންބެއިން ކުރެއްވި ޖިހާދުން މިދިވެހި ފަސްގަނޑަށް މިނިވަންކަން ލިބިގެންދިޔައީ ހިޖުރައިން 981 ވަނަ އަހަރު ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހުއެވެ. މީލާދީ ގޮތުން އެއީ 1573 ވަނަ އަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހެވެ.
ދިވެހި ޤައުމު ދިރި ދެމިއޮތްހާ ހިނދަކު އުތީމު ތިންބެއިންގެ ޒިކުރާ އައުކުރާނެއެވެ. ޤައުމަށްޓަކައި އެއަބުތާލުން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީ ތާއަބަދަށް ދިރި ދެމި ހުންނާނެއެވެ. މާލޭގައި އުތީމު މުޙައްމަދު ތަކުރުފާނަށް ނިސްބަތްކޮށް ބިނާ ކުރެވިފައިވާ މަސްޖިދުލް ސުލްތާން މުޙައްމަދު ތަކުރުފާނު އަލް އައުޒަމް (އިސްލާމީ މަރުކަޒު) އަކީ، އެތަކުރުފާނުގެ ހަނދާނީ ޤައުމީ ބިނާއެވެ. ހއ. އުތީމުގައި ހުރި އުތީމު ގަނޑުވަރާއި، މުޙައްމަދު ތަކުރުފާނުގެ ހަނދާނީ މަރުކަޒާއި އަދި ށ. މަރޮށީގައި ހުރި ތާރީޚީ ކާނިގަސްވިޔަސް އާލާކުރަމުންދަނީ އެހިތްވަރުގެ ޒިކުރާއެވެ. އުތީމު ތިންބެއިންގެ ޖިހާދުން އަދުގެ ޖީލު ދަސްކޮށް އިބުރަތް ހާސިލުކުރަން ޖެހޭކަން ކަށަވަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!