ރާއްޖޭގެ ފުރަތަމަ ރީތީގެ ރާނީގެ ލަޤަބު ރަމްލާ ހާޞިލުކުރީ އޭނާގެ އުމުރުން އެންމެ 18 އަހަރުގައެވެ. އެއީ 1953 ވަނަ އަހަރު ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުޙައްމަދު އަމީން ދީދީގެ ވެރިކަމުގައި ރާއްޖޭގައި ޤައުމީ ފެންވަރެއްގައި ބޭއްވި ރިތީގެ ރާނީ ހޮވުމުގެ މުބާރާތް ކާމިޔާބުކޮށްގެންނެވެ.

Ad
rt

ހއ. ބާރަށު ނާދިރަމްގެ ރަމްލާއަކީ އެންމެނާވެސް ވަރަށް ގުޅޭ ހިތްހެޔޮ، އަދި ވަރަށް ޚިދުމަތްތެރި ބޭކަނބަލެއްކަމަށާއި، ރަށުގެ އެކިކަންކަމުގައި އަމަލީގޮތުން ބައިވެރިވެލައްވާ ބޭކަނބަލެއްގެ ގޮތުގައިކަން އެރަށުމީހުން ފާހަގަ ކުރެއެވެ.

ރަމްލާއަށް މުޅި ރާއްޖެއިން އެއްވަނަ ލިބުމާއިއެކު އެ ވާހަކަ އެހާ ހިސާބުން އެކި ފެންވަރުގެ މަޖިލިސްތަކުގައި ދެކެވެން ފެށިއެވެ. ކައިވެނި ކުރުމަށް މާލޭގެ ބޮޑެތި އާއިލާތަކުގެ ފިރިހެނުންވެސް އޭނާއަށް ހުށަހެޅިއެވެ. ނަމަވެސް އަމީންގެ ވެރިކަން ނިމި ހިނގައިދިޔަ ކަންކަމަށްފަހު އޭނާ ބަދަލުވީ އަނބުރާ ބާރަށަށެވެ.

1953 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ހާއްސަ ހަރަކާތްތަކާއި ގުޅުވައިގެން ބޭއްވި ރީތީގެ ރާނީ މުބާރާތުގައި ފަނޑިޔާރުން އިންސާފުކޮށްފައިވަނީ މިހާރުގެ ފެޝަން ޝޯތަކާއި، ރީތީގެ ރާނީ ހޮވުމަށް ބާއްވާ ތަފާތު މުބާރާތްތަކާއި ޚިލާފަށް، ކުރިމަތީގައި ހިންގުވުމުގެ ބަދަލުގައި، ބައިވެރިންގެ ފޮޓޯއަށް ބަލައިގެންނެވެ.

މި އިވެންޓުގައި ފަނޑިޔާރުކަން ކުރެއްވީ ކުރީގެ ރައީސް މުހައްމަދު އަމީނާއި، އިބްރާހިމް މުހައްމަދު ދީދީ އާއި އާމިނަތު ހުސައިން އާއި އަލީ ނަޖީބާއި ހަސަން ދީދީ އާއި ދައްޕަރު މޫސާ މަނިކެވެ.

ރާއްޖޭގައި ޤައުމީ ފެންވަރެއްގައި ބޭއްވުނު ހަމައެކަނި ރީތީގެ ރާނީ ހޮވުމުގެ މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޮވާލެވުނު 21 އަންހެން ބޭފުޅުން ބައިވެރިއެވެ. މި މުބާރާތުގައި ވަނަ ހޯދީ ފަރާތްތަކަށް ހާއްސަ އިނާމްތައް ދިން އިރު ފުރަތަމަ ޖުމްހޫރިއްޔާ ރަސްމިއްޔާތަށް ވަޑައިގެންނެވި އިނގިރޭސި ސަފީރުގެ ސާ ސިސިލް ސަޔާގެ އަތްޕުޅުން ރަމްލާއަށް އޭނާގެ ހާއްސަ މެޑައްޔަކާއެކު ގަލަމެއް ދިނެވެ.

ފުރަތަމަ ރީތީގެ މުބާރާތް

ރީތީގެ މުބާރާތް ބެހިފައި އޮތީ ދެބަޔަކަށެވެ. އެއީީ ދޮށީ އުމުރުގެ ބަޔާއި ހަގު އުމުރުގެ ބައެވެ. ދޮށީ އުމުރުގެ ބައިގައި ބައިވެރިވީ ވަރަށް މަދު ކުދީންނެވެ. އަނެއް ބައިގައި ގިނަ އަދަދެއްގެ ކުދީން ބައިވެރިވި އެވެ.

ވަނަތައް މުޅި ރާއްޖެއިން

އެއްވަނަ: ރަމްލާ އަހުމަދު
ދެވަނަ: ރާމިޒާ އިބްރާހިމް / ހަތިފުށި
ތިން ވަނަ: އާމިނަތު / އދ. އަޮމަދޫ
ހަތަރުވަނަ: މަރިޔަމް އަލީ / ހ. މާދޫގެ އަދި ޒުރާ / ގ. ތުޅާދޫގެ ދެން އަސްރާރު އަހުމަދު / ތ. ތިމަރަފުއްށި

އަތޮޅުތަކުންއެއްވަނަ ހޯދި ކުދިން

ހ: (ހއ) ހޯރަފުށީ މަރިޔަމް އިބްރާހިމް
ށ: ޅައިމަގު ފާތުމަތު ކަނބުލޭގެފާނު
ބ: މާޅޮހު ޒުލައިހާ އަބޫބަކުރު
އ: (އދ) އޮމަދޫ ނާއިލާ ހަސަން
ތ. ތިމަރަފުށީ ސަމްޕާފުޅު

ދޮށީ އުމުރުގެ ބައި

މަތީ އުމުރުގެ މުބާރާތުން މުޅި ރާއްޖެއިން އެއްވަނަ ހޯދީ އދ. މަހިބަދޫ ދޮން ކަމަނަ އެވެ. މުޅި ރާއްޖެއިންނާއި އަތޮޅުތަކުން ވަނަ ވަނައަށް އައި ކުދިންނަށް އިނާމް ދެއްވީ ރައީސް އަމީނެވެ.

ބާރަށު ބުލްބުލާގޭ އަލްމަރުޙޫމު ޢަޙްމަދު ޢަލީ އާއި އަލްމަރުޙޫމާ ޙައްވާ ޙުސައިންގެ ދަރި އަލްފާޟިލާ ރަމްލާ ދުނިޔޭގައި ގަދަވެ ސަލާމަތުން ހުރިއިރު ރަށުން ބޭރުން ބާރަށަށް ޒިޔާރަތްކުރާ މެހެމާނުން މިރީތީގެ ރާނީ ދެކެލުމަށާއި ފޮޓޯ ނެންގެވުމަށް ގިނަ ޢަދަދަކަށް ޒިޔާރަތް ކޮށް އުޅުނެވެ

ރީތީގެ ރާނީގެ ގޮތުގައި މަސްޙޫރުވި ބާރަށު ރަމްލާ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ. ރަމްލާ ނިޔާވިއިރު އޭނާގެ ފިރިމީހާ އާއި ހަތް ކުދިން ދުނިޔޭގައި ތިއްބެވިއެވެ. ރަމްލާ ނިޔާވި އިރު އުމުރުފުޅަކީ 83 އަހަރެވެ.