ހޯރަފުށީގައި އެންމެ ފުރަތަމަވެސް މީހުން ދިރިއުޅެން ފެށިކަމަށް ބުނެވޭ ތާރީޚަކީ ހިޖުރީ ސަނަތުން 1143 ވަނަ އަހަރުއެވެ. މިއަހަރުގެ ކުރިން ހޯރަފުށްޓަކީ ހޯރަ ދޫންޏާއި، އެހެން ބާވަތްތަކުގެ ގިނަ ޢަދަދެއްގެ ދޫނިތައް އަރައި އުޅުނު ފަޅުރަށެކެވެ. ހޯރަފުށީގައި ފުރަތަމަ އާބާދުވީ، ހޯރަފުށީ ފަޅުތެރޭގައި ރަށާ ދާދި ކައިރީގައި އޮތް ހުވަހަންދޫގައި ދިރިއުޅުނު މީހުންނެވެ. ބުނެވޭ ގޮތުގައި ހުވަހަންދޫގެ މީހުން ހޯރަފުށްޓަށް ބަދަލުވާންޖެހުނު ސަބަބަކީ ހުވަހަންދޫގައި މިނި ރޯނުވެ، އާބާދީ ދަށްވެ، ތަފާތު ރޯގާތަކުގައި މާގިނައިން މީހުން މަރުވާން ފެށުމެވެ.
ހޯރަފުށްޓަކީ މިހާރު އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުގެ ތެރެއިން އާބާދީގެ ގޮތުން ދެ ވަނައަށް އެންމެ މީހުންގިނަ ރަށެވެ. ހޯރަފުށި އޮންނަ ޕޮޒިޝަނަކީ ލެޓިޓިއުޑް 06-58N، ލޮންޖިޓިއުޑް 72-53E އެވެ.
ހޯރަފުށީގެ ޖުމްލަ ބޮޑުމިނަކީ 63.5 ހެކްޓަރެވެ. ރަށުގައި މީހުން ދިރިއުޅޭ 550 އަށްވުރެ ގިނަ ގެ ހުރެއެވެ. ހޯރަފުށްޓަކީ ކުރިމަގުގައި ފަސޭހަކަމާއެކު ބިން ބޮޑު ކުރެވޭ ގޮތަށް ވަރަށް ބޮޑު ތިލަ ފަޅެއްގެ ތެރޭގައި އޮތް ރަށެކެވެ. މިފަޅަކީ ހއ. ހުވަހަންދޫ އިން ފެށިގެން ހއ. އިންނަފިނޮޅާ ހަމައަށް ދިގު ދެމިފައިއޮތް ފަޅެކެވެ. މިފަޅުގައިވާ ހުރިހާ ރަށްރަށަކީ ޤުދުރަތީ ގޮތުން ދޮންވެލިން މުއްސަނދިވެފައިވާ ގޮނޑުދޮށްތަކަކާއި ރީތި ތުނޑިތަކެއްގެ މައްޗަށް އެކުލެވިފައިވާ ހިތްގައިމު ރަށްތަކެކެވެ. ހޯރަފުށިއޮތް ފަޅުތެރޭގައި ހޯރަފުށްޓާއެކު، އެއްރަށް އަނެއްރަށާއި ގުޅައިލެވޭގޮތަށް 09 ފަޅުރަށް އެބައޮތެވެ. އެއީ، ހއ. ހުވަހަންދޫއާއި، އުނގުލިފިނޮޅާއި، ވެލިފިނޮޅާއި، މާފިނޮޅާއި، އުމަރަތްފިނޮޅާއި، ހަތިފުށްޓާއި، މަތީރަށާއި އަދި އިންނަފިނޮޅެވެ. 2013 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ހޯރަފުށްޓާ ހާހެއްހާ ފޫޓް ދުރުގައި އޮތް ކުޑަފިނޮޅު ވަނީ ޤުދުރަތީ ގޮތުން ހޯރަފުށްޓާ ގުޅިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!