"ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގައި ވާދަކޮށް، ށ. ފުނަދޫ ހިޔާވެހި، ފާޠިމަތު ޝުޢާޢު ފާހަގަކޮށްލެވޭ ރަން ވަނަތަކެއް ހޯދައި އެވޯޑް ޙާޞިލްކޮށްފިއެވެ. ޝުޢާޢު މި މައުރަޒުގައި ވާދަކޮށްފައިވަނީ ދީނީ އުފެއްދުންތަކުގެ ދާއިރާއިންނެވެ.

މި މައުރަޒުގެ ދީނީ އުފެއްދުންތަކުގެ މައި ގިންތިން ޝުޢާޢު ވަނީ 1 ވަނަ ހޯދާފައެވެ. މީގެއިތުރުން، ދީނީ އުފެއްދުންތަކުގެ ދަށުގިންތި ކަމަށްވާ، ކުޑަކުދިންނަށް ދީނީ ކަންކަން އުނގަންނައިދިނުމަށް ބޭނުންކުރެވޭ އުފެއްދުންތައް އުފެއްދުމުގެ ބައިން ވެސް އޭނާ ވަނީ ކާމިޔާބީ ހޯދައި، އެ ބައިގެ 1 ވަނަ އަދި 2 ވަނަ ޙާޞިލްކޮށްފައެވެ.

Ad
rt

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ދިވެހިންގެ އަތްތެރި މަސައްކަތްތަކާއި، އީޖާދީ އުފެއްދުންތައް ދައްކާލައި، އެފަދަ ހުނަރުތައް ކުރިއަރުވައި އިތުރަށް ތަރައްޤީކުރުމުގެ މަޤްޞަދުގައި ބާއްވަމުން އަންނަ ޤައުމީ ފެންވަރުގެ މައުރަޒެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ފަރާތްތަކުން މި މައުރަޒުގައި ބައިވެރިވެފައިވާއިރު، ބޮޑުތިލަދުންމަތީގެ އެކި ރަށްރަށުން ވެސް ގިނަ ބައިވެރިންތަކެއް ބައިވެރިވެ އެ ސަރަޙައްދުގެ އުފެއްދުންތެރިކަމާއި ހުނަރުވެރިކަން ވަނީ ދައްކާލާފައެވެ.

އުފެއްދުންތެރިކަމުގެ މައުރަޒުން ލިބުނު އެވޯޑަކާއި ޝުޢާއު ހަވާލުވަނީ، ފޮޓޯ: ފުނަދޫ ކައުންސިލް

ޝުޢާއުގެ މި ކާމިޔާބީއަށް ފުނަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ދިވެހިންގެ އުފެއްދުންތެރިކަން ކުރިއަރުވައި، އެކި ދާއިރާތަކުން ފަންނުވެރިންގެ މަސައްކަތްތައް ދައްކާލުމަށް ބާއްވާ މި މައުރަޒު ރަސްމީކޮށް ހުޅުވާފައިވަނީ އާދީއްތަ ދުވަހުގެ ރޭގައެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި މައުރަޒު އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. އަދި ކޮންމެ ދުވަހަކުވެސް ހަވީރު 16:00 އިން ރޭގަނޑު 23:00 އާ ހަމައަށް މައުރަޒު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

މިއަހަރުގެ މައުރަޒުގައި 419 ފަރާތަކުން 4,404 އުފެއްދުމެއް ބައިވެރިކޮށްފައިވެއެވެ. އަދި އެކި ފަންތިތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި ފަރާތްތަކަށް ޖުމްލަ 298 އެވޯޑު ވަނީ ހަވާލުކޮށްފައެވެ.

މި އެވޯޑުތަކުގެ ތެރޭގައި އެކި ދާއިރާތަކުން އެއްވަނައަށް ހޮވުނު 116 ފަރާތާއި، ދެވަނައަށް ދިޔަ 95 ފަރާތް އަދި ތިންވަނައަށް ދިޔަ 82 ފަރާތް ހިމެނެއެވެ. އެއް ބައިވެރިއަކަށް އެއް އެވޯޑަށްވުރެ ގިނަ އެވޯޑު ލިބިފައިވާތީ މައުރަޒުން ޖުމްލަ ވަނަތައް ހާސިލުކޮށްފައިވަނީ 134 ބައިވެރިންނެވެ. މީގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީން 14 ބައިވެރިއަކު ހާސިލުކުރި 76 އެވޯޑުވެސް ހިމެނެއެވެ.