ހއ. ތުރާކުނު ކައުންސިލްގެ "ދަތުރުވެރިޔާ ތުރާކުނު ކައުންސިލްގެ ޤުރުއާން މުބާރާތް 1448" ގައި ބައިވެރިވުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ.
ތުރާކުނު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤުޞަދަކީ ތުރާކުނުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނުވެރިކަން އަށަގަންނުވައި، މި ދާއިރާއިން ވާދަވެރިކަން އުފެއްދުން ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2026 ނޮވެމްބަރު 25 ގައެވެ.
ތުރާކުނު ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މުބާރާތް ހުޅުވާލެވިފައިވަނީ ތުރާކުނުގެ ރައްޔިތުންނަށާއި އެ ރަށުގައި ދިރިއުޅޭ ފަރާތްތަކުގެ އިތުރުން، އެ ރަށުގެ ސްކޫލްތަކުގެ ދަރިވަރުންނަށެވެ.
"ދަތުރުވެރިޔާ ތުރާކުނު ކައުންސިލްގެ ޤުރުއާން މުބާރާތް 1448"ގެ މުޅި މުބާރާތުން 1 ވަނައަށް ދާ ފަރާތަކަށް 7000 ރުފިޔާގެ ފައިސާގެ އިނާމު ކައުންސިލުން ހުށަހަޅާފައިވާއިރު 2 ވަނައަށް، 5000 ރުފިޔާގެ ފައިސާގެ އިނާމު އަދި 3 ވަނައަށް ދާ ފަރާތަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ނިންމާފައިވާކަމަށް އެ ކައުންސިލުން މައުލޫމާތުދެއެވެ.
މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2026 ނޮވެމްބަރު 01 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ކައުންސިލް އިދާރާއަށް ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމަށް އެ އިދާރާއިން އެދިފައިވެއެވެ. އަދި މުބާރާތުގެ ޤަވާޢިދާއި ބައިވެރިވާން އެދޭ ފޯމު އިޢުލާނާއެކު ވަނީ އާއްމުކޮށްފައެވެ.
މީގެއިތުރުން، މި މުބާރާތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ރަސްމީ ގަޑީގައި ތުރާކުނު ކައުންސިލް އިދާރާގެ ފޯނު ނަންބަރު 6500035 އަށް ގުޅުއްވުމަށް އެ އިދާރާއިން އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!