ހދ. ނެއްލައިދޫ ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އަދި ކްރިއޭޓިވް ޕްރޮޑަކްޓްސް ގުޅިގެން އެ ރަށުގައި ކުރިއަށްގެންދިޔަ ޕޭސްޓްރީ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އޮކްޓޫބަރ މަހުގެ 14 އިން 23 އަށް ކުރިއަށްގެންދިޔަ މި ކޯހުގައި ޖުމްލަ 70 ފަރާތަކުން ބައިވެރިވެފައިވެއެވެ.

Ad
rt

މި ކޯސް ކުރިއަށްގެންގޮސްފައިވަނީ ބޮޑެތި މީހުންނަށާއި ސްކޫލް ކުދިންނަށް ވަކިންނެވެ. އެގޮތުން ބޮޑެތި މީހުންގެ ބައިގައި 38 ފަރާތަކުން ބައިވެރިވި އިރު، ސްކޫލް ދަރިވަރުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ބައިގައި 32 ކުދިން ބައިވެރިވިއެވެ.

ނެއްލައިދޫ އތމ ކޮމިޓީގެ ރައީސާ އައިޝަތު އަޒިމާ "ތިލަދުން"އަށް ވިދާޅުވީ، މި ތަމްރީނުގެ ތެރެއިން ޢަމަލީ ގޮތުން މަސައްކަތްކޮށް ހުނަރު ދަސްކުރުމުގެ ފުރުޞަތު ބައިވެރިންނަށް ލިބިގެންދިޔަކަމަށެވެ.

މީގެއިތުރުން ނެއްލައިދޫއަކީ މަސައްކަތްތެރިން ގިނަ ރަށަކަށް ވެފައި، ޕޭސްޓްރީގެ ދާއިރާއަކީ ގިނަ ބަޔަކު ޝައުޤުވެރިވާ ދާއިރާއަކަށް ވާތީ މި ކޯހަށް ބޮޑު ތަރުޙީބެއް ލިބުނު ކަމަށެވެ. އަދި ކޯހުގެ ބައިވެރިންގެ ފަރާތުންނާއި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދިޔަ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޯސް ނިންމުމުގެ ގޮތުން، ބައިވެރިން ތައްޔާރުކޮށްފައިވާ ތަފާތު ވައްތަރުގެ މީރު ޕޭސްޓްރީތައް ވިއްކުމަށްޓަކައި ޚާއްޞަ އިވެންޓެއް ހުކުރު ދުވަހު ކުރިއަށް ގެންގޮސްފައިވެއެވެ. އެ އިވެންޓްގައި ތަފާތު އެކި ވައްތަރުތަކުގެ ޕޭސްޓްރީ ވިއްކާފައިވެއެވެ.

ރަށުގެ ރައްޔިތުންގެ ހުނަރު ތަރައްޤީކޮށް، އަމިއްލަ މަސައްކަތުން ކުރިއަށްދިއުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ތަފާތު ޕްރޮގްރާމްތައް ރާވައި ހިންގުމަށް މަސައްކަތް ކުރަމުންދާ ކަމަށް އތމ ކޮމިޓީގެ ރައީސާ ވިދާޅުވިއެވެ.