ށ. މަރޮށީ ކައުންސިލާއި ގުޅިގެން އަލް އަސްރު ޖަމިއްޔާއިން މަރޮށީގައި ކުރިއަށްގެންދިޔަ "ކޫލްނެސް އޮފް ދި އައިސް" ނަމާދު ވާކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ވާކްޝޮޕަށް އެ ރަށުން ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ.

Ad
rt

އަލް އަސްރުން ބުނި ގޮތުގައި މި ޕްރޮގްރާމްގައި 120 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވެއެވެ. މި ވާކްޝޮޕްގެ ސެޝަންތައް ކުރިއަށްގެންދަވާފައިވަނީ ޝައިޚް ސާޖިދު މުޙައްމަދުގެ ބެއްލެވުމުގެ ދަށުންނެވެ.

މި ވާކްޝޮޕް ށ. މަރޮށީގައި ބާއްވާފައިވަނީ 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 16 އަދި 17 ވަނަ ދުވަހުއެވެ. މި ދެ ދުވަހަކީ ބައިވެރިންނަށް ގިނަ ކަންތައްތަކެއް ދަސްވެގެންދިޔަ ވަރަށް ފުރިހަމަ ދުވަސްތަކެއްގެ ގޮތުގައި އެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ.

މި ވާކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ ނަމާދާ ގުޅޭގޮތުން ކަންކަން ދަސްކޮށްދިނުމާއި، ވިސްނައި ފިކުރުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. އަދި ނަމާދާ މެދު އޮންނަ ފަހުމު ފުންކޮށްދީ، މާތް ﷲ އާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަކުރުމެވެ.

މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ށ. މަރޮށީ ކައުންސިލްގެ އިދާރާއިން ވެދެއްވި ފުރިހަމަ އެއްބާރުލުމަށާއި އަދާކުރެއްވި މެހެމާންދާރީއަށް އަލް އަސްރުން ވަނީ ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.

މީގެ އިތުރުން، މި ވާކްޝޮޕްގެ ހުރިހާ ސެޝަނެއްގައި ބައިވެރިވި އެންމެހައި ފަރާތްތަކަށް ވެސް އެ ޖަމްޢިއްޔާއިން ވަނީ އިޚްލާޞްތެރި ޝުކުރު އަދާކޮށްފައެވެ. އަދި މި ހެޔޮ ޢަމަލަކީ އެންމެންގެ ކިބައިން ވެސް މާތް ﷲ ޤަބޫލުކުރައްވާ ޢަމަލެއް ކަމުގައި ލެއްވުން އެދި އެ ޖަމްޢިއްޔާއިން ވަނީ ދުޢާކޮށްފައެވެ.