ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ 190 އަށް ވުރެ ގިނަ ގެއަށާއި، ނޮޅިވަރަމުގެ ގާތްގަނޑަކަށް ހުރިހާ ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ވިއްސާރައިގެ ސަބަބުން މި ރަށްތަކުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ނޮޅިވަރަމުން ބައެއް ޢާއިލާތައް ވަނީ އެހެން ގެތަކަށް ބަދަލުކުރަން ވެސް ޖެހިފައެވެ.

Ad
rt

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، ރޭން ފެށިގެން ބޯކޮށް ވާރޭވެހި ހދ. ނޮޅިވަރަމުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އެ ރަށުގެ 95 ޕަސެންޓް ގެތަކަށް ފެންވަދެ ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ބައެއް އާއިލާތައް މިހާރު ވަނީ އެހެން ގެތަކަށް ބަދަލުކޮށްފައެވެ. ފެންބޮޑުވުމާ ގުޅިގެން ފަސް ސަރަހައްދަކުން ކޯރު ކަނޑައި، ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އަދިވެސް ފެންގަނޑު ނުހިނދޭ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އަދި މި ހާލަތުން އަރައިގަތުމަށް ކައުންސިލުން މިހާރު ވަނީ އެމްއެންޑީއެފްގެ އެހީތެރިކަމަށް ވެސް އެދިފައެވެ.

ހދ. އަތޮޅުގެ ނޮޅިވަރަންފަރުގައި ވެސް ވަރަށް ބޯކޮށް ވާރޭވެހި ރަށުތެރޭގައި ފެންބޮޑުވެ، 60 އަށް ވުރެ ގިނަ ގެއަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެ ރަށުގެ ގިނަ ގެތަކުގެ އަޑިން ފެން އަރަމުންދާތީ ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުން ވެފައިވީ ނަމަވެސް، މީހުން ހުސްކުރަންޖެހޭ ފަދަ ހާލަތަކަށް އަދި ނުދާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ. އެ ރަށުގައި ފުލުހުންނާއި ރައްޔިތުން ގުޅިގެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނައިރު، އަދިވެސް އެ ރަށަށް ވާރޭ ވެހެމުންދާ ކަމަށް ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.

ކުޅުދުއްފުށި ސިޓީގައި ވެސް ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 190 އަށް ވުރެ ގިނަ ގެއިން ވަނީ އެކަން ރިޕޯޓްކޮށްފައެވެ. އެ ސިޓީގެ ކައުންސިލުން މިހާރު އެ ގެތަކުގެ ހާލަތު ބަލަމުން އަންނައިރު، ކައުންސިލާއި، ފުލުހުންނާއި، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އަދި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރުސީ) ގުޅިގެން ރަށުތެރެއިން ފެންހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިވަގުތަށް ކުޅުދުއްފުށްޓަށް ވާރޭ ހުއްޓާލާފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން މައުލޫމާތު ދެއެވެ.

ކުޅުދުއްފުށީގެ ގިނަ ގެތަކަކަށް ފެންވަދެ ލިބެމުންދާ ގެއްލުންތައް ބެލުމުގެ އެސެސްމެންޓަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށްޓަކައި، ލިބިފައިވާ ގެއްލުންތަކުގެ ސާފު ފޮޓޯއާއި، ގޭގެ އެޑްރެސް އަދި ގޭގެ ވެރިފަރާތުގެ ނަމާއި ގުޅޭނެ ނަންބަރު، ސިޓީ ކުޅުނު ވައިބާ ނަންބަރު (7221621) އަށް ހިއްސާކޮށްދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ. އަދި ފެންބޮޑުވެ އެހީތެރިކަމެއް ބޭނުންވެއްޖެ ހާލަތެއްގައި ގުޅުމަށް ޚާއްޞަކޮށް 6527211 ނަންބަރުގެ ހޮޓްލައިނެއް ވެސް ކައުންސިލުން ވަނީ ވަގުތީގޮތުން ގާއިމުކޮށްފައެވެ.

މީގެއިތުރުން، ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ކުޅުދުއްފުށީ ކޮމިއުނިޓީ ސެންޓަރު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. އެ ސެންޓަރު އަލުން ހުޅުވުމުން އެކަން އަންގާނެ ކަމަށް ކައުންސިލުން ބުނެއެވެ. އަދި ރަށުގެ ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވަމުންދާ މި ދަނޑިވަޅުގައި، ބައެއް ގޭބިސީތަކުގެ ފުރާޅުން ފެންދާހޮޅި ނަރުދަމާ ނިޒާމަށް ގުޅާފައިވާކަން ފާހަގަކުރެވިފައިވާތީ، އެފަދަ ކަންކަން ނުކުރުމަށް ވެސް ކައުންސިލުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

އެންޑީއެމްއޭއިން ބުނީ ވިއްސާރައިގެ އަސަރުކޮށްފައިވާ މި ރަށްތަކުގެ ހާލަތު އެ އޮތޯރިޓީން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް، ރަށު ކައުންސިލްތަކާ ގުޅިގެން އެ މަސައްކަތްތައް ކުރުމުގެ އިންތިޒާމުތައް މިހާރު ހަމަޖައްސަމުން އަންނަ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.