ށ. ފުނަދޫގެ ދައްފަޅުގެ އެތެރެއަށް ވެލިވަނުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތައް ބެލުމަށާއި، އެ ރަށުގެ އިރުމަތީ ފަރާތުން އައު ނެރެއް ކެނޑުމުން ތިމާވެއްޓަށް ކުރާނެ އަސަރުތައް ދެނެގަތުމަށްޓަކައި އީއައިއޭ ހަދައިދޭނެ ފަރާތެއް ހޯދުމަށް ފުނަދޫ ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފިއެވެ.
ފުނަދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މި މަސައްކަތުގެ މައިގަނޑު އެއް ބޭނުމަކީ ރަށުގެ ދައްފަޅުގެ އެތެރެއަށް ވެލިވަންނަމުންދާތީ، އެކަން ހުއްޓުވުމަށްޓަކައި އެޅިދާނެ އެކަށީގެންވާ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި ދެނެގަތުން ކަމަށެވެ.
މީގެ އިތުރުން، ފުނަދޫގެ އިރުމަތީ ފަރާތުން އުޅަނދުފަހަރަށް ވަދެނިކުމެވޭ ގޮތަށް ނެރެއް ކެނޑުމުން ތިމާވެއްޓަށް ކުރާނެ އަސަރުތައް ދެނެގަތުމަކީ ވެސް މި އީއައިއޭގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވާ މުހިންމު ކަމެއް ކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލައިފައެވެ. އެގޮތުން މިކަމަށް އެދޭ ފަރާތްތަކުން ކަނޑައެޅިފައިވާ އޮންލައިން ފޯމު ލިންކު މެދުވެރިކޮށް ރަޖިސްޓަރީ ކުރަންޖެހެއެވެ.
ކައުންސިލްގެ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަސައްކަތަށް ރަޖިސްޓަރީ ވުމުގެ ސުންގަޑިއަކީ 2026 އޮކްޓޯބަރ 27 ވާ އަންގާރަ ދުވަހެވެ. މި މުއްދަތުގެ ކުރިން ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
މިކަމަށް ރަޖިސްޓަރީވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 އޮކްޓޯބަރ 29 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅަންވާނީ ފުނަދޫ ކައުންސިލްގެ އިދާރާއަށް ހާޒިރުވެގެން ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!