ހއ. ވަށަފަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަތޮޅު ދިގުފެތުމުގެ ފުރަތަމަ މުބާރާތް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމަށްޓަކައި، ކައުންސިލާ ގުޅިގެން އެހީތެރިވެދޭނެ ވޮލަންޓިއަރުން ހޯދަން ވަށަފަރު ކައުންސިލުން ފުރުސަތު ހުޅުވާލައިފިއެވެ.

ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާއިން ބުނީ، މުބާރާތުގެ ތައްޔާރީތަކުގައާއި، އިންތިޒާމުތައް ހަމަޖެއްސުމުގައި އަދި މުބާރާތް ކުރިއަށްދާ ވަގުތުތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ ހަރަކާތްތެރި، ހީވާގި ފަރާތްތަކަށް މަރުޙަބާ ކިޔާ ކަމަށެވެ. އަދި މި މުބާރާތަކީ ކާމިޔާބު މުބާރާތަކަށް ހެދުމަށް ލިބޭ އެއްބާރުލުމާއި އެހީތެރިކަން ޝުކުރުވެރިކަމާއެކު ބަލައިގަންނާނެ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

Ad
rt

ވޮލަންޓިއަރެއްގެ ގޮތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 21 އޮކްޓޫބަރު 2026 ވާ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެކަން ހިއްސާކުރުމަށް ވަނީ އެދިފައެވެ. އެގޮތުން އެ ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް މަޙާސިން މުޙައްމަދުގެ ނަންބަރު، 9642399 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ވަށަފަރު ކައުންސިލް ގުޅިގެން މޯލްޑިވްސް އެކުއަޓިކްސް އިން އިންތިޒާމުކުރާ "އަތޮޅު ދިގުފެތުމުގެ ފުރަތަމަ މުބާރާތް 2026" ވަށަފަރުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ 13 އަދި 14 ނޮވެމްބަރު 2026 ގައެވެ. މި މުބާރާތަކީ ވާދަވެރި ފެތުންތެރިންގެ އިތުރުން، ކަނޑުފަޅުގެ ހުޅުވާލެވިފައިވާ ދިޔަވަރުގައި އަމިއްލަ ހުނަރު އިމްތިހާނުކޮށްލަން ބޭނުންވާ ފަރާތްތަކަށް ވެސް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ މުބާރާތެއް ކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.

މޯލްޑިވްސް އެކުއަޓިކްސްއިން ހާމަކުރި ގޮތުގައި، މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ކުޅިވަރުގެ ރޫހު އާލާކުރުމާއި، އެކުވެރި މާހައުލެއްގައި ފެތުމުގެ ހުނަރު ދައްކާލުމުގެ ފުރުސަތު ބައިވެރިންނަށް ފަހިކޮށްދިނުމެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޓީމު ކެޓަގަރީ އަދި އޯޕަން ކެޓަގަރީ ހިމެނޭ ގޮތަށެވެ. މުބާރާތުގެ އިވެންޓްތަކުގެ ތެރޭގައި 3 ކިލޯމީޓަރުގެ ރޭހާއި، 1 ކިލޯމީޓަރުގެ ރޭހުގެ އިތުރުން 500 މީޓަރުގެ ކިޑްސް ސްވިމް އަދި 500 މީޓަރުގެ ރިލޭ ހިމެނެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 1 ނޮވެމްބަރު 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. އޯޕަން ކެޓަގަރީ އަދި ޓީމު ކެޓަގަރީގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޚާއްސަ ލިންކުތަކާއި ކިއުއާރް ކޯޑު މޯލްޑިވްސް އެކުއަޓިކްސްގެ ފޭސްބުކް ޕޭޖުގައި މިހާރު ވަނީ އާންމުކޮށްފައެވެ.