ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލަރ ޕޯސްޓުތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިމްތިޔާޒުތަކާބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 6 ވަނަ ޖަލްސާއެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ސްޕޮންޝަރ ކުރަށްވައި މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ޤާއިމްކުރާ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލަރ ޕޯސްޓްތަކުގެ އިތުރުން ޔުނައިޓެޑް ނޭޝަންސް (އދ) ގެ ސްޕެޝަލައިޒްޑް އެޖެންސީތަކާއި އެފަދަ އެހެނިހެން ފަރާތްތަކަށް، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން އިމްތިޔާޒުތައް ކަނޑައަޅައި ބަޔާންކުރުމެވެ.
މީގެ އިތުރުން، އެ ފަރާތްތަކަށް ލިބިދޭ އިމްތިޔާޒުތަކުގެ ދާއިރާ އާއި، އެ އިމްތިޔާޒުތައް ދެވޭނެ އުސޫލުތަކާއި އިޖުރާޢަތުތައް ސާފުކޮށް ކަނޑައެޅުމަކީ ވެސް މި ބިލުގެ މުހިންމު ބޭނުމެއް ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ކޮންސިއުލަރ ގުޅުންތައް ހިންގުމާ ގުޅޭ ތަފްސީލުތަކާއި، ކޮންސިއުލަރ އޮފިސަރުންނާއި މުވައްޒަފުން ކުރާ މަސައްކަތްތަކުގެ އިތުރުން، އެ ފަރާތްތަކުގެ މަސްޢޫލިއްޔަތުތައް އަދާކުރުމުގައި ބިލު މާނަކުރާނެ ގޮތްތައް ވެސް ވަނީ ހިމަނާފައެވެ.
ބިލުގައިވާ ގޮތުން ކޮންސިއުލަރ ޕޯސްޓްތަކުން ޑިއުޓީ އާއި ޓެކްސް ދެއްކުމުން އިސްތިސްނާވާނެ ޙާލަތްތަކާއި އިސްތިސްނާ ނުވާނެ ޙާލަތްތައް ވެސް ވަނީ ތަފްސީލުކޮށްފައެވެ. އެގޮތުން ކޮންސިއުލަރ ޕޯސްޓުގެ އަމިއްލަ ބޭނުމަށް، ނުވަތަ އޮފިސަރެއްގެ އަދި އާއިލާގެ އަމިއްލަ ބޭނުމަށް ރާއްޖޭގައި ދިރިއުޅުން ޤާއިމްކުރުމަށް އެތެރެކުރާ މުދަލުން (ވިޔަފާރީގެ ބޭނުމަށް ނުވާނަމަ) ޓެކްސް އާއި ފީ ނެގުން އިސްތިސްނާ ވާނެއެވެ. ނަމަވެސް އޮފިސަރުންނާއި މުވައްޒަފުންނަށް މި އިސްތިސްނާ ލިބޭނީ އެ ފަރާތަކުން ދިރިއުޅުން ޤާއިމްކުރާތާ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރާ މުދަލަށް އެކަންޏެވެ.
ކޮންސިއުލަރ ޕޯސްޓްތަކުގައި ވަޒީފާ އަދާކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭގެ ވަޒަންވެރިންނަށް ލިބޭނެ އިމްތިޔާޒުތަކަށް ވެސް މި ބިލުގައި އަލިއަޅުވާލާފައިވެއެވެ. އެފަދަ މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ކުރާ ކަންކަމުގައި ރާއްޖޭގެ އިޙްތިސާސް ހިންގުމުން އިމްތިޔާޒު ލިބިގެންވީ ނަމަވެސް، ރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ދައްކަންޖެހޭ އެންމެހައި ފީތަކާއި ޓެކްސް ދެއްކުމުން އެ ފަރާތްތައް އިސްތިސްނާ ނުވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލުގައި ބައިނަލްއަޤުވާމީ އެހެނިހެން އިދާރާތަކަށް ލިބިދޭނެ އިމްތިޔާޒުތަކާއި އެކަންކަން މާނަކުރާނެ ގޮތުގެ ތަފްސީލުތައް ވެސް ހިމަނާފައިވެއެވެ. އެގޮތުން ޔުނައިޓެޑް ނޭޝަންސްގެ ސްޕެޝަލައިޒްޑް އެޖެންސީތަކާއި އެއާ ގުޅުން ހުރި ފަރާތްތަކަށް، ރާއްޖެއިން އެއްބަސްވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކުގެ ދަށުން ލިބިދޭނެ އިމްތިޔާޒުތަކާއި އެ ފަރާތްތަކުން ޢަމަލުކުރަންޖެހޭނެ އުސޫލުތައް ބިލުގައި ވަނީ ކަނޑައަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!