ށ. ކަނޑިތީމުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް އެ ރަށު ކައުންސިލުން އެކުލަވާލި އުސޫލުގެ ޑްރާފްޓަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

ކަނޑިތީމު ކައުންސިލުން ބުނި ގޮތުގައި، މި އުސޫލަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އޮކްޓޯބަރު 25 ވަނަ ދުވަހުގެ ރަސްމީ ގަޑީގެ ނިޔަލަށް ވަނީ ހަމަޖައްސާފައެވެ. އަދި ރައްޔިތުންގެ ހިޔާލާއި އިސްލާހުތައް ހުށަހެޅޭނީ އެކަމަށް ހާއްސަކޮށްފައިވާ ގޫގްލް ފޯމު މެދުވެރިކޮށެވެ.

Ad
rt

ކައުންސިލުން އާންމުކުރި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިރިއުޅުމަށްޓަކައި އެ ރަށުން ދޫކުރާނެ ގެވަޅުގެ އަދަދާއި އެ ތަންތަން ދޫކުރާނެ ސަރަހައްދު ކަނޑައަޅާނީ ބިން ބޭނުންވާ މީހުން ދެނެގަތުމަށް ފަހު ކަނޑިތީމު ކައުންސިލްގެ އިދާރާއިންނެވެ. މިގޮތުން ދޫކުރުމަށް ކަނޑައަޅާފައިވަނީ 50 ފޫޓު 40 ފޫޓު (2000 އަކަފޫޓު) އަށް ވުރެ ކުޑަނޫން ބިންތަކެވެ. އަދި ގޯތި ދޫކުރާ ބްލޮކެއްގައި މަދުވެގެން 4 ގޯތި އަދި ގިނަވެގެން 12 ގޯތި ހިމަނަންވާނެ ކަމަށާއި، މަގުތަކާއި ގޯޅިތައް ކަނޑައަޅާނީ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ކަމަށް ބުނެފައިވެއެވެ. ނަމަވެސް މަގުތަކާއި ގޯޅިތަކުގެ މިންތަކަށް ކޮންމެހެން ގެންނަންޖެހޭ ބަދަލެއް ގެނައުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

މި އުސޫލުގެ ދަށުން ބަންޑާރަ ގޯއްޗަށް އެދެވޭނީ ކައުންސިލުން އެކަމަށް އިއުލާނު ކުރުމުންނެވެ. ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވުމާއި، އުމުރުން 18 އަހަރު ފުރިފައިވުމުގެ އިތުރުން ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ހިމެނެއެވެ. މީގެއިތުރުން ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް އެ މީހެއްގެ ނަމުގައި ނެތުމާއި، އެފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެހެން ފަރާތަކަށް ދީ ނުވަތަ ވިއްކާފައި ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެއިތުރުން، ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިނެތުން ނުވަތަ ލިބިފައިވާ ނަމަ އެފަދަ ބިމެއް ގަވާއިދާ އެއްގޮތަށް ދޫކޮށްލާފައިވާ މީހަކަށް ވާންޖެހެއެވެ. އަދި ވޭތުވެދިޔަ ދެ އަހަރު ތެރޭގައި 600 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ބައެއް އެހެން މީހަކަށް ދީ ނުވަތަ ވިއްކާފައި އޮވެގެން ނުވާނެއެވެ. ވަކި އިމާރާތް ކުރެވޭ ގޮތަށް ބައިކުރެވިފައިވާ ބިމެއް ލިބިފައިވާ ނަމަ އެތަން ސަރުކާރަށް ދޫކޮށްލަން އެއްބަސްވާން ޖެހޭނެ ކަމަށާއި، އެފަދަ ފަރާތްތަކަށް ގޯތި ރަޖިސްޓްރީ ކޮށްދެވޭނީ ޝަރީއަތުން އެ ބައި ސަރުކާރަށް ދޫކޮށްލުމަށް ނިންމުމުންނެވެ. އަދި ގޯއްޗަށް އެދޭ މީހާގެ އަނބި ނުވަތަ ފިރިމީހާއަށް ވެސް 600 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ލިބިފައި އޮވެގެން ނުވާނެއެވެ.

ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބަލާއިރު، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ގޯއްޗެއް ނެތްނަމަ 25 ޕޮއިންޓް ލިބެއެވެ. ކައިވެނީގެ ބައިން މީހަކާ އިނދެގެން ހުރިނަމަ 25 ޕޮއިންޓް، އަދި އެކަނިވެރި މައިން ނުވަތަ ބަފައިންނަށް 15 ޕޮއިންޓް ލިބޭއިރު، އުމުރުން 18 އާއި 24 އަހަރާ ދެމެދުގެ މީހުންނަށް 5 ޕޮއިންޓް، 25 އާއި 34 އަހަރާ ދެމެދުގެ މީހުންނަށް 7 ޕޮއިންޓް އަދި 35 އަހަރުން މަތީގެ މީހުންނަށް 9 ޕޮއިންޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ދަރިންގެ ބައިން، 18 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް 4 ޕޮއިންޓް (ގިނަވެގެން 12 ޕޮއިންޓް)، ހާއްސަ އެހީއަށް ބޭނުންވާ ކޮންމެ ކުއްޖަކަށް 2 ޕޮއިންޓް (ގިނަވެގެން 6 ޕޮއިންޓް) އަދި ކައިވެނިކޮށްގެން 5 އަހަރު ވެ ދަރިއަކު ނެތްނަމަ ބޭސްފަރުވާގެ ލިޔުންތަކަށް ބަލައި 4 ޕޮއިންޓް ލިބެއެވެ. މަންމަ، ބައްޕަ ނުވަތަ ޝަރުއީ ގޮތުން ބަލަންޖެހޭ މީހަކު ބަލާނަމަ ކޮންމެ މީހަކަށް 3 ޕޮއިންޓް ލިބޭއިރު، ރަށުގެ ރައްވެއްސަކަށް 10 ޕޮއިންޓް އަދި ރަށުގައި ދިރިއުޅޭނަމަ 2 ޕޮއިންޓް ލިބޭނެއެވެ.

މި އުސޫލުގައި ޕޮއިންޓް އުނިކުރާ ހާލަތްތައް ވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މަންމަ ނުވަތަ ބައްޕަގެ ނަމުގައި ގޯއްޗެއް އޮވެ، ހުރީ ހަމައެކަނި އެ ދަރިފުޅު ކަމުގައިވެފައި، ބަހައިގެން 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބޭނަމަ 10 ޕޮއިންޓް އުނިވާނެއެވެ. މައިންބަފައިންގެ ނަމުގައި އެއް ގޯއްޗަށް ވުރެ ގިނަ ގޯތި އޮވެ ތިބީ ދެ ދަރިން ނަމަ ވެސް 10 ޕޮއިންޓް ކެނޑޭނެއެވެ. އަދި މައިންބަފައިންގެ ނަމުގައި އެއް ގޯއްޗަށް ވުރެ ގިނަ ގޯތި އޮތްނަމަ އިތުރުވާ ކޮންމެ ގޯއްޗަކަށް 10 ޕޮއިންޓް އުނިކުރެވޭނެއެވެ. ކައުންސިލުން ބުނި ގޮތުގައި ގޯތި ދޫކުރާނީ އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ. ޕޮއިންޓް އެއްވަރުވެއްޖެ ނަމަ ގޯތި ލިބޭ ފަރާތެއް ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ. މީގެއިތުރުން ދެމަފިރިން ކުރިމަތިލައި ދެ މީހުންނަށް ގޯތި ލިބޭ ހާލަތުގައި ވެސް ގޯތި ލިބޭނީ ކޮންމެވެސް އެކަކަށް ކަމަށާއި، އެކަކު ގޯތި ދޫކޮށްލާކަން ލިޔުމުން ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.