އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ށ. ފުނަދޫ ކެމްޕަހާއި ދަރިވަރުންގެ ދަނާލު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން ށ. ފުނަދޫގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.

Ad
rt

މި ރަސްމިއްޔާތުގައި އައިޔޫއެމްގެ އިސްވެރިންގެ ތެރެއިން ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރުގެ އިތުރުން ޑެޕިއުޓީ ވައިސް ޗާންސެލަރ އަޙްމަދު އަމީން މުޙައްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ށ. ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙްވެސް މި ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ފުނަދޫ ކައުންސިލުން މަޢުލޫމާތު ދެއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ފުނަދޫ ކައުންސިލުން ބުނީ، މިއީ އެ ރަށުގެ ތަޢުލީމީ ދާއިރާއަށް، ޚާއްޞަކޮށް މަތީ ތަޢުލީމަށް ލިބިގެންދިޔަ ވަރަށް މުހިއްމު އަދި ބޮޑު ކުރިއެރުމެއް ކަމަށެވެ.

އައިޔޫއެމް އިން ބުނީ، ފުނަދޫ ކެމްޕަހާއި ދަރިވަރުންގެ ދަނާލު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމުގެ އުފާ ފާހަގަކުރަން ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި މިއީ މުޖުތަމަޢަށް ފެންވަރު ރަނގަޅު މަތީ ތަޢުލީމު ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށްވެސް އެ ޔުނިވަރސިޓީން ވަނީ ފާހަގަކޮށްފައެވެ.