ހދ. ކުޅުދުއްފުށި ސިޓީގައި ޤާއިމުކޮށްފައިވާ ފެންހިންދާ ނިޒާމު ހަރުދަނާކުރުމަށާއި، ރަށުގެ ޤުދުރަތީ ވެއްޓާއި ކަނޑޫފާ އަދި ކުޅިތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

މި މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ދަޢުވަތު މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މިހާރު ވަނީ އެ ރަށުގެ އެންމެހައި ރައްޔިތުންނަށް ދީފައެވެ.

Ad
rt

އެ ވުޒާރާއިން މަޢުލޫމާތުދޭ ގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގައި ފެންބޮޑުވުމަށް ދިމާވާ މައްސަލަތަކާއި، ފެންހިންދާ ނިޒާމުގެ ކަންކަމާ ގުޅޭގޮތުންނެވެ. މީގެއިތުރުން ރަށުގެ ފެންފަށަލައާއި، ކުޅި އަދި ކަނޑޫފާ ސަރަޙައްދުތަކާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެއެވެ.

ހަމައެއާއެކު، ކުޅި ނުވަތަ ފާތަކަށް މިހާރު ކުރިމަތިވެފައިވާ އެކިއެކި ނުރައްކާތަކާއި ގޮންޖެހުންތަކަކީ ކޮބައިކަން ބަލައި، އެ ތަންތަން ރަނގަޅު ގޮތުގައި ބަލަހައްޓައި ރައްކާތެރިކުރާނެ ގޮތްތަކާ މެދު ޚިޔާލު ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަށިކުޅި ބެލެހެއްޓުމަށްޓަކައި ހުށަހެޅިފައިވާ ޑްރާފްޓް ޕްލޭނާ ބެހޭގޮތުން ރައްޔިތުންގެ މެދުގައި މަޝްވަރާކޮށް ޚިޔާލު ހޯދުން ވެސް މި ބައްދަލުވުންތަކުގެ ތެރޭގައި ކުރިއަށްދާނެ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

މި މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން މި އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ ރޭ ބާއްވާ ބައްދަލުވުން ޚާއްޞަކޮށްފައިވަނީ އަންހެނުންނަށެވެ. އަދި މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ބާއްވާ ބައްދަލުވުން ކުރިއަށްދާނީ އާންމުކޮށް ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެންނެވެ.

މި ބައްދަލުވުންތައް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ކަނޑައެޅިފައިވާ ދުވަސްތަކުގެ ރޭގަނޑު 8:30 އިން 10:30 އަށެވެ. ބައްދަލުވުންތައް ކުރިއަށްދާނީ ކުޅުދުއްފުށީގެ އެންއޯސީ ލަގޮނޑި މާލިމީ މާލަމުގައެވެ.

މިއީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާރޖީގެ "އެންހާންސިންގ ކްލައިމެޓް ރެޒީލިއަންސް އެންޑް ފުޑް ސެކިއުރިޓީ" ޕްރޮޖެކްޓް ގުޅިގެން ހިންގާ ސިލްސިލާ ބައްދަލުވުންތަކެކެވެ.