ހއ. ހޯރަފުށީ ބަނދަރު ސަރަޙައްދުން ވިޔަފާރި އުޞޫލުން ދޫކުރުމަށް ކަނޑައެޅި 3 ބިމެއް އެކި ފަރާތްތަކާ ޙަވާލުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށް، އެ ބިންތައް ރަސްމީކޮށް ޙަވާލުކޮށްފިއެވެ.

މި ބިންތައް ޙަވާލުކޮށްފައިވަނީ ލޯ އިންވެސްޓްމަންޓް، ބެލަސީ އަދި ސޯޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ.

Ad
rt

ހޯރަފުށީ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބިންތައް ދޫކުރުމުގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރިކުރަން ބޭނުންވާ ވީހާވެސް ގިނަ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމެވެ. އަދި ބަނދަރު ސަރަޙައްދުން ފަސޭހަކަމާއެކު ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރިތައް އަގުހެޔޮކޮށް ހިންގޭނެ މަގު ތަނަވަސްކޮށްދިނުމަކީ ވެސް މިކަމުގެ މުހިންމު އަމާޒެއް ކަމުގައި އެ ކައުންސިލުން ހާމަކުރެއްވިއެވެ.

މި 3 ބިންވެސް ދޫކޮށްފައިވަނީ 20 އަހަރު ދުވަހުގެ މުއްދަތަށެވެ. އެއްބަސްވުމުގައިވާ ގޮތުން ކޮންމެ 5 އަހަރަކުން ބިމު ކުލީގެ ގޮތުގައި ދައްކާ ފައިސާއަށް 15 އިންސައްތަ އިތުރުކުރެވޭނެއެވެ. މީގެއިތުރުން، އެއްބަސްވުމުގައި ސޮއިކުރާތާ 60 ދުވަހުގެ ތެރޭގައި ކޮންމެ ފަރާތަކުންވެސް ސީއެސްއާރުގެ ގޮތުގައި ކަނޑައެޅިފައިވާ ފައިސާ ދައްކަންޖެހޭނެއެވެ.

ބިންތައް ދޫކުރެވުނު ތަފްޞީލު

ދޫކުރެވުނު ބިންތަކުގެ ތެރެއިން ލޯ އިންވެސްޓްމަންޓް އަށް ދޫކުރި ބިމުގެ މަހު ކުއްޔަކީ 3,592.20 ރުފިޔާއެވެ. އެ ފަރާތުން ސީއެސްއާރުގެ ގޮތުގައި 80,000 ރުފިޔާ ދައްކަންޖެހެއެވެ.

ދެވަނަ ބިން ޙަވާލުކުރެވުނު ބެލަސީ އިން ކުލީގެ ގޮތުގައި މަހަކު 3,592.20 ރުފިޔާ ދައްކަންޖެހޭއިރު، ސީއެސްއާރުގެ ގޮތުގައި ދައްކަން ކަނޑައަޅާފައިވަނީ 150,000 ރުފިޔާއެވެ.

ތިންވަނަ ބިން ދޫކުރެވުނު ސޯޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ މަހު ކުއްޔަކީ 6,503.28 ރުފިޔާއެވެ. އެ ކުންފުނިން ސީއެސްއާރުގެ ގޮތުގައި ދައްކަންޖެހެނީ 50,000 ރުފިޔާއެވެ.