ހދ. ހަނިމާދޫ ސްކޫލުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން މާލީ ހޭލުންތެރިކަމާއި، ކެރިއަރ ބައްޓަންކުރުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ދެ ސެޝަނެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށް ޕެންޝަން އޮފީހުން މިއަދު ބުނެފިއެވެ.

މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ޕެންޝަން އޮފީހުގެ "ކެރިއަރ ކޮމްޕަސް" އަދި "ޑޯނަޓްސް އެންޑް ފައިނޭންސް" ޕްރޮގްރާމްތަކުގެ ތެރެއިންނެވެ. މި ސެޝަންތަކުގެ މައިގަނޑު އަމާޒަކީ ދަރިވަރުންގެ ޕްރޮފެޝަނަލް ހުނަރުތައް ތަރައްޤީކުރުމާއި، އަމިއްލަ މާލީ ކަންކަން ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ މުހިންމުކަމާއި އެކަމަށް ބޭނުންވާ ހުނަރުތައް އުނގަންނައިދިނުމެވެ.

Ad
rt

އޭގެ ތެރެއިން ހަނިމާދޫ ސްކޫލުގެ ގްރޭޑް 11 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔައީ "ކެރިއަރ ކޮމްޕަސް" ސެޝަނެވެ. މި ސެޝަނުގައި މުސްތަޤުބަލަށް ކެރިއަރ ރޭވުމާއި، ވަޒީފާއަށް ސީވީއެއް ތައްޔާރުކުރުމުގެ އިތުރުން އިންޓަވިއުތަކަށް ތައްޔާރުވާނެ ގޮތްތަކާ ގުޅޭގޮތުން ޢަމަލީ ގިނަ އިރުޝާދުތަކެއް ދަރިވަރުންނަށް ވަނީ ފޯރުކޮށްދީފައެވެ.

ޕެންޝަން އޮފީހުން ހަނިމާދޫ ސްކޫލުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ މާލީ ހޭލުންތެރިކަމާއި، ކެރިއަރ ބައްޓަންކުރުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއްގެ ތެރެއިން، ފޮޓޯ: ޕެންޝަން އޮފީސް

މީގެއިތުރުން ވަޒީފާގެ ފުރުޞަތުތައް ހޯދުމާއި، އިތުބާރާއެކު އިންޓަވިއުތަކާ ކުރިމަތިލުމަށް ބޭނުންވާ ހުނަރުތައް ދަރިވަރުންނަށް ކިޔައިދީފައިވެއެވެ. އަދި ޒުވާން އުމުރުގައި ރިޓަޔަރމަންޓަށް ފައިސާ ރައްކާކުރުމާއި، ދުޅަހެޔޮ މާލީ އާދަތައް އަށަގެންނެވުމުގެ މުހިންމުކަންވެސް މި ސެޝަނުގެ ތެރެއިން ވަނީ ފާހަގަކޮށްފައެވެ.

ހަމައެއާއެކު، މިއަހަރު ކުރިއަށް ގެންދިޔަ "ޑޯނަޓްސް އެންޑް ފައިނޭންސް" ޕްރޮގްރާމްގެ ހަތަރުވަނަ ސެޝަންގައި އެ ސްކޫލުގެ ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. ޝައުޤުވެރި މާޙައުލެއްގައި ކުރިއަށްދިޔަ މި ސެޝަނުގައި މާލީ ލަނޑުދަނޑިތައް ކަނޑައެޅުމާއި، ބަޖެޓް އެކުލަވައިލުމާއި، ފަހަށް ފައިސާ ރައްކާކުރުމުގެ އިތުރުން އިންވެސްޓްކުރުމާއި، ޒިންމާދާރުކަމާއެކު ދަރަނި މެނޭޖުކުރުން ފަދަ މުހިންމު މާލީ އަސާސްތަކާ ގުޅޭ މަޢުލޫމާތު ވަނީ ދީފައެވެ.

ޕެންޝަން އޮފީހުން ހަނިމާދޫ ސްކޫލުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ މާލީ ހޭލުންތެރިކަމާއި، ކެރިއަރ ބައްޓަންކުރުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއްގެ ތެރެއިން، ފޮޓޯ: ޕެންޝަން އޮފީސް

އެ ސެޝަނުގައި ޒުވާން އުމުރުގައި މާލީ ކަންކަން ރަނގަޅަށް މެނޭޖްކުރުމުގެ މުހިންމުކަމާއި، ހަރުދަނާ މާލީ ނިންމުންތައް ނިންމުމަށް ދަރިވަރުންނަށް ބާރުއަޅާފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ. ޕެންޝަން އޮފީހުން ބުނީ މި ޕްރޮގްރާމްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންނަށް ޢަމާޒުކޮށްގެން، ޕްރޮފެޝަނަލް ހުނަރުތައް ކުރިއެރުވުމަށާއި، މާލީ ހޭލުންތެރިކަން އިތުރުކުރުމަށް އެ އޮފީހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ސެޝަންތަކެއް ކަމަށެވެ.