ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ފިހާރައެއްގައި އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވި މައުލޫމާތަކާ ގުޅިގެން، އެ ފިހާރަ ބަލައިފާސްކޮށް އެފަދަ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި މައުލޫމާތު ދައުރުވުމާ ގުޅިގެން އެ އިދާރާއިން އެކަން ބަލަން ފެށި ކަމަށެވެ.

Ad
rt

އެގޮތުން، ފުލުހުން އެ ފިހާރައަށް ގޮސް ބަލައިފާސްކޮށްފައި ވަނީ 2026 އޮކްޓޫބަރު 7 ވަނަ ދުވަހުގެ އިރުއޮއްސި 18:15 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން އެ ފިހާރައަށް ގޮސް ބެލިބެލުމުން، އެހެން ދީންތައް ރަމްޒުކޮށްދޭ ފަދަ 6 ޕޮޓެއް އެ ތަނުގައި ވިއްކަން ބަހައްޓާފައި ހުރިކަން ވަނީ ފާހަގަކުރެވިފައެވެ.

އެހެންކަމުން، ވިއްކަން ބަހައްޓާފައި ހުރި އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުންނެވެ.