ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ "ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026" ގެ ނޯތު ޒޯން 1ގެ ޗެމްޕިއަންކަން ހދ. ނައިވާދޫ ހޯދާފައެވެ.

މި މުބާރާތުގެ ފައިނަލް މެޗުގައި ނައިވާދޫ އާއި އިހަވަންދޫގެ ކުރިމަތިލުން ނިމުނީ 2-1 ގެ ނަތީޖާއަކުން ނައިވާދޫ މޮޅުވެގެންނެވެ. މި މެޗުގައި ނައިވާދޫ އަށް ލަނޑުޖަހައިދިނީ މުހައްމަދު އަސްލަމް (މޯންޑޭ) އެވެ. އަނެއް ލަނޑަކީ އިހަވަންދޫގެ އިބްރާހީމް ހާމިދު އަތުން ވަތް ބައި ގޯލެކެވެ. އިހަވަންދޫގެ ލަނޑު ޖަހައިދިނީ އަހްމަދު އަލް ސައީދު އަލީ ހަމީދެވެ.

Ad
rt

5 ޓީމު ވާދަކޮށް، ޖުމްލަ 11 މެޗު ކުޅެފައިވާ، މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، މުބާރާތުގެ އެކިއެކި ވަނަތަކަށް ދިޔަ ފަރާތްތަކަށް ޓްރޮފީ ދީފައިވެއެވެ.

ފައިނަލްމެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި އެފްއެމްއޭއެމް އިން ދެއްވި ޓްރޮފީ ޙާޞިލް ކުރީ ނައިވާދޫ، ޖޯޒީ ނަންބަރު 9 އިބްރާހީމް ނާޖިހެވެ.

މި މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިޔަކަށް ށ. ކަނޑިތީމު، ޖޯޒީނަންބަރު 7 އިބްރާހީމް ނަދާދު ހޮވިފައިވާއިރު، މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ކަނޑިތީމެވެ.

މީގެއިތުރުން މި މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާއަކީ ހދ. ހަނިމާދޫ ޖާޒީ ނަންބަރު 42 މުޙައްމަދު ސަމްޙާނެވެ. އަދި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަކީ ނައިވާދޫ ޖާޒީ ނަންބަރު 73 މުޙައްމަދު ޝާއިންއެވެ. ޝާއިން ވަނީ މި މުބާރާތުގައި ޖުމްލަ 6 ގޯލް ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ނައިވާދޫގެ ކޯޗް އަޙްމަދު ސިނާނެވެ.

މީގެއިތުރުން މި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން ހިމެނޭ ޑްރީމް ޓީމް ވެސް ހޮވާފައިވެއެވެ. އެ ފަރާތްތަކަކީ ނައިވާދޫ ޖާޒީ ނަންބަރު 98 އަޙްމަދު ޙަމީދާއި، ޖާޒީ ނަންބަރު 73 މުޙަައްމަދު ޝާއިން، ޖާޒީ ނަންބަރު 9 އިބްރާހީމް ނާޖިހުގެ އިތުރުން އިހަވަންދޫގެ ޖާޒީ ނަންބަރު 23 އިބްރާހީމް ހާމިދާއި ޖާޒީ ނަންބަރު 10 އަޙްމަދު އަލްސައީދު ޢަލީ ޙަމީދެވެ.

"ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026" ގެ ނޯތު ޒޯން 1 ގެ އެންމެ މޮޅު ކުޅުންތެރިޔާ (ކިންގް އޮފް ދަ ޓޯނަމެންޓް) އަށް ހޮވިފައިވަނީ ނައިވާދޫގެ ޖާޒީ ނަންބަރު 73 މުޙަައްމަދު ޝާއިންއެވެ.

2024ވަނަ އަހަރު ބޭއްވުނު ފުރަތަމަ އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ހދ އަތޮޅު ބުރުގެ ފައިނަލަށް ދަތުރުކޮށް ނޯތު ޒޯން 1 ގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ނައިވާދޫ ވަނީ ޒޯން ފައިނަލުން ޖާގަ ހޯދައި، ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ. ޖުމްލަ 8 ފަހަރު ހދ އަތޮޅުގެ ޗެމްޕިއަންކަން ނައިވާދޫން ހޯދާފައިވާއިރު، ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ނައިވާދޫންވަނީ 4 ފަހަރު ޗެމްޕިއަންކަން ހޯދާފައެވެ.

ނައިވާދޫއަކީ ތިލަދުންމަތީގައި ފުޓްސަލްގެ އެންމެ ވަރުގަދަ ރަށެވެ.