ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ށ. މަރޮށީގައި ބާއްވާ ކާބޯތަކެތީގެ މައުރަޒުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.
މި މައުރަޒަކީ މަރޮށީ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) ގުޅިގެން އިންތިޒާމުކުރާ ހަރަކާތެކެވެ.
މި މައުރަޒު ބޭއްވުމުގެ މައިގަނޑު ބޭނުމަކީ، މަރޮށީ އަންހެނުން އުފައްދާ ކާބޯތަކެއްޗަށް މާކެޓް ހޯދައިދީ، ފެންވަރު ރަނގަޅު އުފެއްދުންތަކެއް ދެމެހެއްޓެނިވި ގޮތެއްގައި އުފައްދައި، ބާޒާރަށް ނެރުމަށް މަގުފަހިކޮށްދިނުން ކަމަށް މަރޮށީ އތމ ކޮމެޓީން ބުނެއެވެ.
ގިނަވެގެން 20 ސްޓޯލާއެކު، މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ 31 އޮކްޓޯބަރ 2026 ވާ ހޮނިހިރު ދުވަހުއެވެ. މައުރަޒުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 04 އޮކްޓޯބަރ 2026 އިން ފެށިގެން 11 އޮކްޓޯބަރ 2026 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް ފޯމު ހުށަހެޅޭނެ ކަމަށް މަރޮށީ އތމ ކޮމެޓީން މަޢުލޫމާތު ދެއެވެ.
މީގެއިތުރުން އެ ކޮމެޓީން ބުނީ، މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމު މަރޮށީ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެކަމަށާއި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށް ކަމަށެވެ. މި މައުރަޒުގައި ބައިވެރިވުމަށްޓަކައި 250 ރުފިޔާގެ ފީއެއް ފޯމާއެކު ހުށަހަޅަންވާނެކަމަށް މި މައުރަޒުގެ އުޞޫލުގައި ބުނެފައިވެއެވެ.
މި މައުރަޒާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 9186595 ނުވަތަ 9976559 ނަންބަރު ފޯނާ ގުޅުއްވުމަށް އތމ ކޮމެޓީން އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!