ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ "ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026" ގެ ނޯތު ޒޯން 1 ގައި ހޮނިހިރު ދުވަހު ކުޅުނު މެޗުތަކަށް ފަހު، ނައިވާދޫން ފައިނަލުގެ ޖާގަ ކަށަވަރުކޮށް، ފިއްލަދޫ މުބާރާތުން ވަކިވެއްޖެއެވެ.
މި މުބާރާތުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ކަނޑިތީމާ ވާދަކޮށް ނައިވާދޫން ވަނީ 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. މި ކާމިޔާބީއާއެކު އެ ޓީމު މިހާރު ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައެވެ.
ނައިވާދޫ ޓީމުން ކަނޑިތީމު ކޮޅަށް ޖެހި ލަނޑުތައް ކާމިޔާބު ކޮށްދީފައިވަނީ އަޙުމަދު ޙަމީދާއި، މުޙައްމަދު އަސްލަމްގެ އިތުރުން މުޙައްމަދު ޝާއިންނެވެ. މި މޮޅާއެކު ނައިވާދޫން ވަނީ 9 ޕޮއިންޓް ހަމަކޮށް ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައެވެ.
މި ޒޯނުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުގައި އިހަވަންދޫން ވަނީ 1-2 ގެ ނަތީޖާއަކުން ފިއްލަދޫ ބަލިކޮށްފައެވެ. މި ނަތީޖާއާއެކު ފިއްލަދޫއަށް ވަނީ މުބާރާތާ އަލްވަދާޢު ކިޔަން ޖެހިފައެވެ.
އެ މެޗުގައި އިހަވަންދޫ ޓީމަށް ލަނޑުތައް ޖަހައިދިނީ އެ ޓީމުގެ ޝިފާޒް އިބްރާހިމާއި އިބްރާހީމް ހާމިދެވެ. ފިއްލަދޫން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އުފާލް ޢަބްދުﷲއެވެ.
ފައިނަލުގެ ދެވަނަ ޖާގަ ޔަޤީން ކުރުމަށްޓަކައި ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ކަނޑިތީމާއި އިހަވަންދޫއެވެ. މި މަހުގެ 6 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މި މެޗަކީ ފައިނަލަށް ދިއުމަށް ކަނޑިތީމަށް ނުހަނު މުޙިއްމު މެޗެކެވެ.
މި ވަގުތު ތާވަލުގެ ދެވަނައިގައި 6 ޕޮއިންޓާއެކު އިހަވަންދޫ އޮތްއިރު، ކަނޑިތީމަށް ލިބިފައިވަނީ 4 ޕޮއިންޓެވެ. އެހެންކަމުން، ކުރިއަށް އޮތް މެޗުގެ ނަތީޖާ އެއްވަރުވިޔަސް، ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނީ އިހަވަންދޫއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!