ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރުގެ ވެރިޔަކީ ވަކި ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުން ހިމެނޭ ގޮތަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އެކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއީލާއި އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުށަހެޅުއްވި "ބޮޑު ބަދަލު" ސިޔާސަތާއި ގުޅޭ ގަރާރު ފާސްކޮށް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަސްވަނަ ކޮންގްރެސް ރޭ ނިންމާލައިފި އެވެ.

މި ހިނގާ އޮކްޓޯބަރު މަހުގެ 1 އިން 3 އަށް މާލޭ ސިޓީ ހޯލްގައި ކުރިއަށްދިޔަ މި ކޮންގްރެސްގައި، ޕާޓީގެ އެތެރޭގެ ހިންގުމަށް ބޮޑު ބަދަލެއް ގެނައުމުގެ ނިންމުންތަކެއް ވަނީ ނިންމާފަ އެވެ.

Ad
rt

މި ކޮންގްރެސްގައި ފާސްކުރި 'ބޮޑު ބަދަލު' އެޖެންޑާގައި ހިމެނޭ ކަންކަމަކީ އެމްޑީޕީގެ ސިޔާސަތުތަކުގެ ގޮތުގައި ކަނޑައަޅައި، އެ ބަދަލުތައް ގާނޫނުއަސާސީއަށް ގެނައުމަށް އެ ޕާޓީން މަސައްކަތްކުރުމަށް އިގުރާރުވުމަށް ހުށަހެޅި ކަރުދާހެކެވެ. މި ސިޔާސަތުގެ ދަށުން ހުށަހެޅި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރުގެ ވެރިޔަކީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ހަމަޖެއްސުމެވެ. އަދި ދައުލަތުގެ ވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ކަނޑައަޅައި، ސަރުކާރުގެ ވެރިޔާ މަޖިލީހަށް ޖަވާބުދާރީކުރުވޭނެ ގޮތަކަށް ނިޒާމު ބައްޓަންކުރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.

މި ބަދަލުތަކުގެ ދަށުން، ސަރުކާރުގެ ވެރިޔާ އިންތިހާބުކުރަން ހުށަހަޅާފައިވަނީ ރައްޔިތުންގެ އާންމު ވޯޓަކުންނެވެ. އަދި ދައުލަތުގެ ވެރިޔާ އިންތިހާބުކުރާނީ ކައުންސިލާއި މަޖިލީސް އެކުވެގެން އޮންނަ ހާއްސަ މަޖިލީހެއްގެ ވޯޓުންނެވެ. ފައްޔާޒާއި ނަޝީދު ގުޅިގެން އިއުލާންކުރެއްވި މި އޮނިގަނޑުގެ ދަށުން، ސަރުކާރު ހިންގުމުގެ އެންމެ އިސްވެރިޔަކަށް ފައްޔާޒު ހުންނެވުމަށާއި ދައުލަތުގެ ވެރިޔެއްގެ ގޮތުގައި ނަޝީދު ހުންނެވުމަށް އެ ދެ ބޭފުޅުން ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ.

އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ މަގާމު އުވާލައި، އެ ޕާޓީގެ އެންމެ އިސް މަގާމުގެ ގޮތުގައި ޗެއާޕާސަންގެ މަގާމު ހަމަޖެއްސުމަށް އެ ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހެޅި އިސްލާހުތައް ވެސް މި ކޮންގްރެސްގައި ވަނީ ފާސްކޮށްފައެވެ.

މި ކޮންގްރެސްގެ ހަވާސާގައި "ރަށްވެހި ތަރައްގީ" ގެ ނަމުގައި އިންވެސްޓްމަންޓް ފޯރަމެއް ވެސް ކުރިއަށް ގެންދިޔަ އެވެ. އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިސްނެންގެވުމަކަށް ބޭއްވި މި ފޯރަމުގައި 32 ރަށަކުން ޖުމްލަ 76 ޕްރޮޕޯސަލް ހުށަހެޅި އެވެ. އެމްޑީޕީން ބުނި ގޮތުގައި މިއީ 300 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އިންވެސްޓްމަންޓް ފުރުސަތުތަކެކެވެ. ކައުންސިލްތަކުން ހުށަހެޅި މަޝްރޫއުތަކުގެ ތެރޭގައި ޕޯލްޓަރީ ފާމްތަކާއި، ޑޭ-ކެއަރ ސެންޓަރުތަކާއި، ކުޅި ފަދަ ތިމާވެށީގެ މުހިންމު ތަންތަން ހިމާޔަތްކުރުމުގެ އިތުރުން ވިޔަފާރި އުސޫލުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިމެނެ އެވެ.

މީގެއިތުރުން، އެމްޑީޕީގެ ރަސްމީ މޯބައިލް އެޕްލިކޭޝަން "ޔެލޯ" ވެސް ވަނީ މި ކޮންގްރެސްގައި އިފްތިތާހުކޮށްފަ އެވެ. އެ ޕާޓީން ބުނި ގޮތުގައި މިއީ މެންބަރުންނަށް ޕާޓީގެ ހަރަކާތްތަކުގެ މައުލޫމާތު އަވަހަށް ފޯރުކޮށްދިނުމަށާއި، އިދާރީ ކަންކަން ލުއިފަސޭހަކޮށްދީ، މެންބަރުންގެ މެދުގައި ގުޅުން ބަދަހިކޮށް މަޝްވަރާތައް ކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައި ތައާރަފުކުރި އެޕްލިކޭޝަނެކެވެ.