ކޮންމެ ހާލަތެއްގައި ވެސް ސޯމާލިއާގެ އެއްވެސް ސަރަހައްދެއްގައި އިސްރާއީލުގެ ހަރަކާތްތަކެއް ނުވަތަ ބާރެއް ހިންގުމަށް ފުރުސަތު ނުދޭނެ ކަމަށާއި، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ތެރެއަށް ސޯމާލިއާ ދަމައިގަތުމަށް ކުރާ އެއްވެސް މަސައްކަތެއް ކާމިޔާބު ނުވާނެ ކަމަށް އެ ގައުމުގެ ރައީސް ހަސަން ޝައިހް މަހްމޫދު ވިދާޅުވެއްޖެއެވެ.
އަލްޖަޒީރާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ އިސްރާއީލުގެ މި ރޭވުންތަކަކީ "ގްރޭޓާ އިސްރާއީލް" މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.
ރައީސް މަހްމޫދު ހާމަކުރެއްވި ގޮތުގައި އިސްރާއީލުން ރާވަމުން ގެންދަނީ ސޯމާލިލޭންޑްގެ ބަނދަރު ސިޓީއެއް ކަމަށްވާ ބަރްބަރާގައި ކަނޑުގެ އަސްކަރީ މަރުކަޒެއް ގާއިމުކޮށް، އެ ސިޓީގެ އެއާޕޯޓް އަސްކަރީ ބޭނުންތަކަށް ބޭނުންކުރުމަށެވެ. އަދި މިކަމުގެ ހަގީގީ ބޭނުމަކީ ގަލްފުގެ ގައުމުތަކަށާއި އީރާނާ އިތުރަށް ގާތްވުން ކަމަށް އޭނާ ވިދާޅުވިއެވެ. ބަރްބަރާއަކީ ސްޓްރެޓީޖިކް ގޮތުން މުހިންމު ބާބުލް މަންދަބް ކަނޑުއޮޅި ކައިރީގައި، އަދަން ކަނޑުއޮޅީގެ އައްސޭރީގައި، ޔަމަނާ ކުރިމަތިވާ ގޮތަށް އޮންނަ މުހިންމު ސަރަހައްދެކެވެ.
އިސްރާއީލަކީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯނުއަޅާ، ސަރަހައްދުގެ ހަމަޖެހުން ނަގާލާ ބާރެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސް ވިދާޅުވީ، އިސްރާއީލުގެ މި ހަރަކާތްތަކުގެ ސަބަބުން ކުރިމަތިވާ ކޮންމެ ގޮންޖެހުމަކުން ވެސް ސޯމާލިއާއިން އަރައިގަންނާނެ ކަމަށެވެ. އަދި މިދިޔަ ޑިސެމްބަރު މަހު ސޯމާލިލޭންޑް ވަކި ދައުލަތެއްގެ ގޮތުގައި އިސްރާއީލުން ބަލައިގަތް މައްސަލައަށް ފާޑުވިދާޅުވަމުން، އިސްރާއީލު ފިޔަވައި ދުނިޔޭގެ އެހެން އެއްވެސް ގައުމަކުން އެ ސަރަހައްދު ބަލައިގެންފައި ނުވާ ކަމަށާއި، ސޯމާލިލޭންޑްގެ އާންމު ރައްޔިތުން ވެސް އިސްރާއީލުގެ އެއްވެސް ހަރަކާތަކަށް ފުރުސަތު ދޭން ބޭނުންނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސޯމާލިލޭންޑަކީ 1991 ވަނަ އަހަރު ސޯމާލިއާއިން ވަކިވެގަނެ، އަމިއްލަ ވެރިކަމެއް ހިންގަމުން އަންނަ ތަނެއް ނަމަވެސް، އިސްރާއީލުން ބަލައިގަތުމާ ހަމައަށް އދ. ގެ އެއްވެސް މެންބަރު ގައުމަކުން އެ ސަރަހައްދަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފައެއް ނުވެއެވެ. އިސްރާއީލުގެ މި އަމާޒަކީ އެ ގައުމުގެ މިހާރުގެ ބޯޑަރުތަކުން ބޭރަށް، ނީލަކޯރުން ފެށިގެން ފުރާތު ކޯރާ ހަމައަށް ބާރު ފޯރުވުމަށް އެކުލަވާލާފައިވާ "ގްރޭޓާ އިސްރާއީލް" ތަސައްވުރާ ގުޅިފައިވާ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މި ތަސައްވުރަކީ އިސްރާއީލުގެ ރަސްމީ ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅާފައި ނުވި ނަމަވެސް، 2025 ވަނަ އަހަރުގެ އޮގަސްޓް މަހު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެ ވިސްނުމަށް ތާއީދުކުރައްވާކަން ހާމަކުރައްވައި، އަރަބި ގައުމުތަކުގެ ނުރުހުން އަމާޒުވެފައެވެ.
ޓެރަރިޒަމާ ދެކޮޅަށް ސޯމާލިއާއިން ކުރަމުންދާ ހަނގުރާމައިގައި އެމެރިކާއަކީ އެ ގައުމުގެ އެންމެ ވަރުގަދަ ބައިވެރިޔާ ކަމަށް ރައީސް މަހްމޫދު ވިދާޅުވިއެވެ. އަދި ހަނގުރާމަވެރި އަލްޝަބާބް ޖަމާއަތުގެ ބާރު ސޯމާލިއާގެ މައި ސިޓީތަކުގައި މިހާރު ނެތް ކަމަށާއި، އެ ޖަމާއަތަށް ސޯމާލިއާގެ ކޮންޓްރޯލް ނެގުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަލްޝަބާބަކީ 2012 ވަނަ އަހަރު އަލްގައިދާއާ ގުޅި، މޮގަދިޝޫގެ އިތުރުން އަވަށްޓެރި ކެންޔާގައި ވެސް ލޭއޮހޮރުވުން ބޮޑު ހަމަލާތަކެއް ދީފައިވާ ހަނގުރާމަވެރި ޖަމާއަތެކެވެ.
އިރުމަތީ އެފްރިކާގެ ސަރަހައްދީ މަސްލަހަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އަވަށްޓެރި އިތިއޯޕިއާއާ އެކު އޮތް ގުޅުން މިހާރު ރަނގަޅު ކަމަށެވެ. އަދި އިގްތިސާދީ މަންފާއަށްޓަކައި ސޯމާލިއާގެ ބަނދަރުތައް ބޭނުންކޮށްގެން އިތިއޯޕިއާއަށް ކަނޑަށް ނުކުމެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ އެއްބަސްވުމަކަށް ދިއުމަށް މޮގަދިޝޫއިން ދެކޮޅު ނުހަދާ ކަމަށް ވިދާޅުވިއެވެ. ކަނޑުގެ އައްސޭރިއެއް ނެތް އިތިއޯޕިއާއިން 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ސޯމާލިލޭންޑާ އެކު ކަނޑުގެ ބޭނުން ހިފުމުގެ ފަހުމުނާމާއެއްގައި ސޮއިކުރުމުން އުފެދުނު ނުތަނަވަސްކަން، ފަހުން ދެ ގައުމުން ވާހަކަދައްކައިގެން ވަނީ ކުޑަކޮށްފައެވެ.
މީގެއިތުރުން، ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނަކީ ސަރަހައްދުގެ ހަމަޖެހުން ނަގާލައި، ބާބުލް މަންދަބް ކަނޑުއޮޅީގެ އަމާންކަން ގެއްލުވާލަމުންދާ ބައެއް ކަމަށް ވެސް ރައީސް މަހްމޫދު ތުހުމަތުކުރެއްވިއެވެ. ހޫތީން ސައޫދީ އަރަބިއްޔާއަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުކުރަމުން ދިޔަ ނަމަވެސް، ސައޫދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ އެ ގައުމުގެ ސަލާމަތާ މެދު އެއްވެސް ދޫދިނުމެއް ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ސޯމާލިއާގެ ރައީސް ހަސަން ޝައިހް މަހްމޫދުގެ މި ފުރިހަމަ އިންޓަވިއު އަންނަ އާދީއްތަ ދުވަހު އަލްޖަޒީރާ އެރެބިކް ޗެނަލުން ދެއްކުމަށް ވަނީ ތާވަލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!