މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން އިސްނަގައިގެން ށ. ފަރުކޮޅު (ނުވަތަ ފަރޮޅު)ގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދު ސާފުކުރުމަށްޓަކައި ކާމިޔާބު ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ށ. ފުނަދޫގެ ގިނަ އަދަދެއްގެ ބައިވެރިންނާއެކު ކުރިއަށްދިޔަ މި ހަރަކާތަކީ އެ ސަރަޙައްދުގެ ތިމާވެށި ރައްކާތެރިކުރުމަށް ހިންގުނު މުޙިންމު މަސައްކަތެކެވެ.
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ޤުދުރަތީ ވެށި ރައްކާތެރިކޮށް ބެލެހެއްޓުމުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމެވެ. އަދި އެ ސަރަޙައްދުގެ ފަރާތްތަކަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުންވެސް މި ހަރަކާތުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
އެ މިނިސްޓްރީން އިތުރަށް ހާމަކުރައްވާފައިވާ ގޮތުގައި، އެންމެން ގުޅިގެން ޤުދުރަތީ ތަރިކަ ޙިމާޔަތްކުރުމަށް އޮތް ޢަޒުމް އިތުރަށް ވަރުގަދަކުރުމަކީވެސް މި ސާފުކުރުމުގެ ހަރަކާތުގެ މުޙިންމު އެއް އަމާޒެވެ. މި ހަރަކާތުގެ ތެރެއިން ފަރުކޮޅުގެ ޙިމާޔަތްކުރެވިފައިވާ ސަރަޙައްދު ސާފުކޮށް، ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.
މި ހަރަކާތް އިންތިޒާމުކުރުމުގައި ށ. ފުނަދޫ ކައުންސިލުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާކަން އެ މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ. މީގެއިތުރުން، ޕާލޭ މޯލްޑިވްސް އިން ވަނީ މި ހަރަކާތުގެ ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެ، ކުނި އެއްކުރުމުގެ މަސައްކަތަށް ބޭނުންވާ ކުނި އެއްކުރާ ކޮތަޅު ފޯރުކޮށްދީފައެވެ.
މި ސާފުކުރުމުގެ ހަރަކާތް ކުރިއަށްދިޔަ ވަގުތު ބައިވެރިންގެ ސިއްޙީ ރައްކާތެރިކަމަށް އިސްކަންދީގެން ށ. ފުނަދޫ ހޮސްޕިޓަލުގެ ފަރާތުން ވަނީ ފަސްޓް އެއިޑްގެ ޚިދުމަތް ފޯރުކޮށްދީފައެވެ.
މީގެއިތުރުން، ފުނަދޫ ޕޮލިހުން ވަނީ ހަރަކާތް ކުރިއަށްދިޔަ މުޅި ވަގުތު ހުރިހާ ބައިވެރިންގެ ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކޮށްދީފައެވެ. އެކި އިދާރާތަކާއި ފުނަދޫގެ ގިނަ ބައިވެރިންގެ އެއްބާރުލުމާއެކު ކުރިއަށްދިޔަ މި ހަރަކާތް ނިންމާލާފައިވަނީ ވަރަށް ކާމިޔާބުކަމާއެކުގައެވެ.
ށ. ފުނަދޫގެ އުތުރުން، އެ ރަށާ އެއްފަޅެއްގައި އޮންނަ ފަރުކޮޅަކީ ގުދުރަތީގޮތުން ހިތްގައިމު ސިފަތަކެއް ލިބިފައިވާ ވަރަށް ރީތި ރަށެކެވެ. މި ރަށަކީ ތިމާވެށީގެ ގޮތުން ހާއްސަ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި، ސަރުކާރުން ހިމާޔަތް ކޮށްފައި ވަނީ 7 އޮކްޓޯބަރ 2018 ގައެވެ. މި ރަށަކީ އޭގެ ގުދުރަތީ މުއްސަނދިކަމާއި، ޚާއްޞަ ކުޅިތަކާއި ޗަސްބިންތަކުގެ ސަބަބުން ތިމާވެށީގެ ގޮތުން ނާޒުކު، ރާއްޖޭގެ އެންމެ ބޮޑެތި ފަޅުރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ.
މި ރަށުގައި ގުދުރަތީ ގޮތުން އުފެދިފައިވާ "ފިނިހަކަ ކުޅި" އާއި، ލޮނާއި ފޮނި ފެނުގެ 7 ކުޅިއެއްގެ އިތުރުން ބޮޑެތި ޗަސްބިންތައް ހިމެނެއެވެ. މިއީ މަޑިއާއި، ވެލަޔާއި، އަދި ނެތިދިއުމުގެ ބިރުހީވެފައިވާ މިޔަރުގެ ބާވަތްތައް ވިހާ އާލާވާ މުހިންމު މާހައުލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!