ށ. މިލަންދޫގައި ބެޑްމިންޓަން އަމްޕަޔަރު ކޯހެއް ފަށައިފިއެވެ.

މިއީ މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމް.އެން.އައި.އެސް) އާއި ށ. މިލަންދޫ ކައުންސިލް އަދި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން މި މަހުގެ 22 އިން 28 ގެ ނިޔަލަށް ކުރިއަށްގެންދާ ކޯހެކެވެ.

Ad
rt

މިލަންދޫ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ކޯހަކީ މަތީ ފެންވަރެއްގައި މެޗުތައް އިންސާފުކުރުމަށް ބޭނުންވާ ޢިލްމާއި، ހުނަރާއި އިތުބާރު ބައިވެރިންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ކޯހުގައި ކިޔަވައިދެއްވަނީ އެ ދާއިރާގެ ތަޖުރިބާކާރު ދެ އިންސްޓްރަކްޓަރުން ކަމަށްވާ އަލީ އަބްދުލްކަރީމް އަދި އަހުމަދު ޝިހާމެވެ. މި ޕްރޮގްރާމުގައި މިލަންދޫގެ އިތުރުން ރަށުން ބޭރު މީހުންނާއެކު ޖުމްލަ 15 އަށް ވުރެ ގިނަ ފަރާތަކުން ބައިވެރިވެފައިވާ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.

މިލަންދޫއަކީ ބެޑްމިންޓަނަށް ޝައުޤުވެރި ރައްޔިތެއް ދިރިއުޅޭ ރަށެކެވެ. އެގޮތުން 2025 ވަނަ އަހަރު، ކައުންސިލް ބެޑްމިންޓަން މުބާރާތެއް ބާއްވާފައިވާއިރު، އަންނަ އަހަރުވެސް މިފަދަ މުބާރާތެއް ބޭއްވުމުގެ މަޝްވަރާތައް ކުރިއަށް ދާކަމަށް އެ ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ވެސް، މިލަންދޫގައި އެހެނިހެން ކުޅިވަރު މުބާރާތްތައް ބާއްވައިފައިވެއެވެ.

އެގޮތުން، ބޮޑެތި ފައިސާގެ އިނާމުތަކާއެކު ކުރިއަށްގެންދިޔަ މިލަންދޫ ކައުންސިލް ހޭންޑްބޯލް މުބާރާތް މި މަހުގެ 17 ވަނަ ދުވަހު ވަނީ ކާމިޔާބުކަމާއެކު ނިންމާލައިފައެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމް ދީފައިވެއެވެ.