ށ.ކަނޑިތީމުގައި އެއްވެސް ކަހަލަ ޚިދުމަތެއް ފޯރުކޮއްދޭ ނުވަތަ ވިޔަފާރި ކުރައްވާ ފަރާތްތައް "ވިޒިޓް ކަނޑިތީމު" ވެބްސައިޓްގައި ލިސްޓް ކުރުމަށް، ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ ކަނޑިތީމު ރަށު ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ކުރިއަށްގެންދާ "ވިޒިޓް ކަނޑިތީމު: އަ ކޮމިއުނިޓީ ޑްރިވެން ފިއުޗާ" މަޝްރޫޢުގެ ދަށުންނެވެ.
"ވިޒިޓް ކަނޑިތީމު" ޕޭޖުގައި ހިއްސާކޮއްފައިވާ ގޮތުގައި، މިއީ އޮސްޓްރޭލިއާ ސަރުކާރުގެ ޑައިރެކްޓް އެއިޑް ޕްރޮގްރާމްގެ ހިލޭ އެހީގެ އިތުރުން އީޔޫ އަދި ދަ އޭޝިޔާ ފައުންޑޭޝަންގެ ހިލޭ އެހީގެ ދަށުން ބްލޫ ގިލްޑް ފައުންޑޭޝަނުން ކުރިއަށްގެންދާ ހަރަކާތެކެވެ.
"ވިޒިޓް ކަނޑިތީމު" ވެބްސައިޓްގައި ލިސްޓް ކުރުމަށް، ރަޖިސްޓްރީ ކުރުމަށްޓަކައި "ވިޒިޓް ކަނޑިތީމު" ފޭސްބުކް ޕޭޖުގައި ވާ ފޯމް ފުރުއްވައި ރަޖިސްޓްރީވުމަށް އެ ޕޭޖުގައި ބުނެފައިވެއެވެ.
މިލަދުންމަޑުލު އުތުރުބުރީގައި (ށ. އަތޮޅު) އޮންނަ ކަނޑިތީމަކީ ގުދުރަތީ ރީތިކަމާއި ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ، އަމާން އަދި ހިތްފަސޭހަ މާޙައުލެއްގައި ދިވެހިންގެ ސަގާފީ ދިރިއުޅުން ތަޖުރިބާކޮށްލެވޭނެ ރަށެކެވެ.
ތާރީޚީ ގޮތުން މި ރަށަކީ ދިވެހި ބަހުން ލިޔަން ބޭނުންކުރާ ތާނާ އަކުރުގެ އެންމެ ދުވަސްވީ ލިޔުން ފެންނަން ހުރި ރަށެވެ. އެގޮތުން މީލާދީން 1588 ވަނަ އަހަރަށް ނިސްބަތްވާ މި ލިޔުން ފެންނަން ހުރީ ރަށުގެ ބޯދާ މިސްކިތެއްގެ ދޮރުއަށީގައެވެ.
ގުދުރަތީ ގޮތުން ބަލާއިރު ރަށުގެ ފެހިކަން ގަދަ ގަސްތަކާއި، މަގުތަކުގައި އިންދާފައި ހުންނަ ބޯގަންވިލާ ގަސްތަކުގެ އިތުރުން ރީތި ގޮނޑުދޮށާއި ސާފު ވިލު ނޫކުލައިގެ ފަޅަކީ ރަށަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ކަންކަމެވެ. އަދި ރަށުގެ ވަށައިގެންވާ މުރަކައިގެ ފަރުތަކަކީ ސްނޯކްލިންގ އާއި ޑައިވިންގ ފަދަ މޫދު ކުޅިވަރުތަކަށް ވަރަށް އެކަށޭނަ ސަރަޙައްދުތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!