ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން 8 އަހަރަށް ވުރެ ދިގު މުއްދަތަކަށް އެއްވެސް މަސައްކަތެއް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލެވޭ ގޮތަށް އައު ގަވާއިދެއް އެކުލަވާލައި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފިއެވެ.

މި ގަވާއިދު އެކުލަވާލާފައިވަނީ "ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކޮށް ނުނިމި ހުރި ތަންތަނާއި ރީ-ޑިވެލޮޕްކުރުމަށް ބަންދުކުރާ ތަންތަން ތަރައްޤީކުރުމަށް އިތުރު މުއްދަތު ދިނުމާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ ނަމުގައެވެ.

Ad
rt

އަލަށް އާންމުކުރި ގަވާއިދުގައިވާ ގޮތުން، ގްރޭސް ޕީރިއަޑުގައި ތަރައްޤީކޮށް ނިމިފައިނުވާ ތަންތަނުގެ ތެރެއިން ރަށެއް ނުވަތަ ބިމެއްގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ 12 މަސްދުވަހެވެ. އަދި ފަޅެއްގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނީ ގިނަވެގެން 24 މަސްދުވަހަށެވެ. އެ މުއްދަތު ހަމަވާއިރު މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާނަމަ، ބަލައި ކަށަވަރުކުރުމަށްފަހު މުއްދަތު އިތުރުކޮށްދިނުމުގެ އިޚުތިޔާރު މިނިސްޓްރީއަށް އޮންނާނެއެވެ. ނަމަވެސް، މަސައްކަތް 50 އިންސައްތައަށް ވުރެ ދަށްނަމަ، ކުލީގެ އެއްބަސްވުން ބާތިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

ރީ-ޑިވެލޮޕްމަންޓަށް ތަންތަން ބަންދުކުރުމުގެ އުސޫލުތައްވެސް މި ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ރަށެއްގެ ނުވަތަ ބިމެއްގެ ބައެއް ބަންދުކުރެވޭނީ އެންމެ ދިގުވެގެން 18 މަސްދުވަހަށެވެ. އަދި މުޅި ތަން އެކީގައި ތަޅައިލައިގެން އަލުން ތަރައްގީކުރާނަމަ ގިނަވެގެން 24 މަސްދުވަސް ދެވޭނެއެވެ. މީގެއިތުރުން، ރީ-ޑިވެލޮޕްމަންޓަށް ދޭ މުއްދަތުގައި މަސައްކަތް ނުނިމިއްޖެނަމަ 30 ދުވަހުގެ ނޯޓިހެއް ދިނުމަށްފަހު، ކަނޑައެޅޭ ފީއަކާއެކު އިތުރު މުއްދަތު ދެވިދާނެ ކަމަށާއި، ދެވޭ މުއްދަތުތަކުގައި ޚިދުމަތް ނުދެވިއްޖެނަމަ އެއްވެސް ބަދަލަކާ ނުލައި އެއްބަސްވުން ބާތިލުކުރެވޭނެ ކަމަށް ގަވާއިދުގައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ތަރައްގީ ނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާ 168 ތަނެއް އެބައޮތެވެ. މީގެ ތެރޭގައި 25 އަހަރަށް ވުރެ ދިގު މުއްދަތެއް އޮޕަރޭޝަނަށް ނުގެނެވި ހުރި ތަންތަން ހިމެނޭއިރު، މި ތަންތަނުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 537 މިލިއަން އެމެރިކާ ޑޮލަރު މިހާތަނަށް ނުލިބިވާކަން ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ގަވާއިދާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، ދިގު މުއްދަތަކަށް ރަށްތައް ނަގައިގެން އެއްވެސް މަސައްކަތެއް ނުކޮށް ތިބުމަކީ އޮވެގެންވާނެ ކަމެއް ނޫން ކަމަށެވެ.

"މިއީ ވަރަށް ދިގުމުއްދަތެއްގެ ތެރޭގައި އަޅާ ނުލާ ކޮންސްޓްރަކްޝަން ޕީރިއަޑް އެކްސްޓެންޑް ކުރަން ރިކުއެސްޓް ކުރެއްވީމަ އެފައިސާ ބާކީ އޮންނަ މުއްދަތުގައި ބަހާލައިގެން ގެންދިޔަ ގެންދިއުމުގެ ނަތީޖާ މިއީ. އަޅުގަނޑުމެން މި ފަށާ މަސައްކަތުން މީގެ ރިކަވަރީ ލިބޭނެ ކަމަށް ގަބޫލުކުރަނީ،" މިނިސްޓަރު ވިދާޅުވިއެވެ.