ކައިވެނީގެ ރީތި ހެދުމުގައި އޭނާ އިނީ، އުއްމީދުން ފުރިފައެވެ. ހޯލުތެރޭގައި ތިބި ދެ ފަރާތުގެ އާއިލާއާއި ރަޙްމަތްތެރިންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ނަމަވެސް "އަނބި ޤަބޫލު ކޮއްފީމޭ" ބުނި ހިސާބުން އޭނާގެ ދިރިއުޅުން ބަދަލުވެގެން ދިޔައީ، ހިތަށް ވެސް ނާރާ ފަދަ ހިތްދަތި، ގޮތަކަށެވެ. އެއްވެސް އިޝާރާތެއް އަދި އެއްވެސް ބުނުމަކާ ނުލައި، އަލަތު ފިރިމީހާ ކައިވެނީގެ މާލަމް ދޫކޮށް ނިކުމެގެން ދިޔައީ، އެތައް ސުވާލެއްގެ ތެރެއަށް އޭނާ ދޫކޮއްލައިފައެވެ.
" އެންމެންގެ ލޯތައް އަހަންނަށް ހުއްޓުނު ވަގުތު، އެ މީހުންގެ މޫނުމަތިން އަހަންނަށް ފެނުނީ ހައިރާންކަން. ބުނާނެ އެއްޗެއް ނޭނގި، ވީނުވީއެއް ނޭނގި ހުއްޓުން އަރާފައި އެންމެން ތިބި މަންޒަރު އަދިވެސް އަހަންނަށް ފެންނަ ކަހަލަ." ޒާރާ ކިޔައިދިނެވެ.
ހިތް ކުދިކުދިވެ، އެތެރެހަށީގައި ތޫފާނެއް ހިނގަމުން ދިޔަ ނަމަވެސް އޭނާ އިސްކުރީ އާދަޔާ ޚިލާފު ކެތްތެރިކަމެކެވެ. ގަދަކަމުން ހިނިތުންވެ ހުރެ، އޭނާ މަސައްކަތްކުރީ މެހެމާނުންނާއި އާއިލާ ހިތްހަމަޖައްސައިދިނުމަށެވެ.
ކައިވެނީގެ ޙަފްލާ ދޫކޮށް، އޭނާގެ ފިރިމީހާ ގޭގައި އިން ވާހަކަ އާއިލާގެ މީހަކު ބުނުމުން ވެސް އެ މާލަމް ދޫކޮށް ދާކަށް ޒާރާ ބޭނުމެއް ނުވިއެވެ. އެ ލަދުވެތިކަމާއި، ހިތްދަތިކަމާއެކު މެހެމާނުންނަށްޓަކައި ގަދަކަމުން ހިނިތުންވެލައިގެން އޭނާ އެތާ ހުއްޓެވެ. ޙަފްލާ ނިމި، އެންމެ ފަހު މެހެމާނު ދިޔުމާހަމައަށް ވެސް އެ ހިތްވަރުގަދަ އަންހެން ކުއްޖާ އެތާ މަޑުކުރިއެވެ.
އެ ހިތްދަތި ނިމުމުގެ، ކައިވެނީގެ ފެށުމަކީ އެއްވެސް ޒާތެއްގައި ލޯބީގެ މާ ބޮޑު ގުޅުމަކުން ފެށުނު ކައިވެންޏެއް ނޫނެވެ. އޭނާ ކިޔައިދިން ގޮތުގައި އެ ދެމެދުގައި ކުރިން އޮތީ "ބެސްޓްފްރެންޑް" ކަމުގެ ގުޅުމެވެ. އެ ގުުޅުމުގެ ތެރެއިން އޭނާގެ ހިތުގައި ފިރިމީހާ، މުއާޒަށްޓަކައި ލޯބި އުފެދުނީއެވެ. އެ ރަޙްމަތެރިކަމުގެ ގުޅުމުގެ މިސްރާބު ބަދަލުވީ، ވާހަކައެއްގެ ތެރެއިން، މަޖަލަކަށް ހަދާފައި މުއާޒް، އޭނާ ގާތު އިންނަން އެހުމުންނެވެ. އެ ސަމާސާ ޖުމްލަ ސީރިއަސްކޮށް ނަގައި، އެ ހުށަހެޅުން ޒާރާ ޤަބޫލު ކުރުމުންނެވެ. އަދި މާބޮޑު ވިސްނުމަކާނުލައި ކައިވެންޏަކާ ހަމައަށް ދިޔައީކަމުގައި އޭނާ ބުންޏެވެ.
ޙަފްލާ ނިމި، ގެއަށް ގޮސް ފިރިމީހާއާ ސުވާލު ކުރުމުން އޭނާ ދިން ޖަވާބަކީ ޒާރާގެ ހިތް ކުދިކުދި ކޮއްލި ޖަވާބެކެވެ. ކައިވެނީގެ މާލަމް ދޫކޮށް، ފިރިމީހާ ދިޔައީ، އޭނާގެ ލޯބިވެރިޔާ އަމިއްލައަށް މަރުވާން މަސައްކަތްކޮށްގެން ހޮސްޕިޓަލްގައި އޮތް ޚަބަރު ލިބުމުން އޭނާގެ ގާތަށެވެ.
ފިރިމީހާގެ ލޯބިވެރިޔަކު ހުންނަކަމާއި، އެވަރުގެ ބޮޑު ސިއްރެއް އޭނާއަށް ފޮރުވާފައި އޮތުމުން ޒާރާއަށް ލިބުނީ ފުން ހިތާމައެކެވެ. މިހާރު އެ އަންހެން ކުއްޖާ ދޫކޮއްލީކަމަށާއި، ދެން އެ ގުޅުން ކުރިއަށް ނުގެންދާނެކަމަށް ބުނި ނަމަވެސް، އިތުބާރު ގެއްލިފައިވާ އެ ހިތަށް ތަޞައްލީއެއް ނުލިބުނެވެ. އެ ރޭ ފިރިމީހާ ނިދީ ވެސް ކޮޓަރީގައި ހުރި ސޯފާގައިކަމަށް ޒާރާ ބުންޏެވެ.
ފިރިމީހާގެ ކިބައިން ފެންނަނީ މަޑުމައިތިރިކަމެވެ. ލިބެނީ އޯގާތެރިކަމުގެ އަޅާލުމެވެ. ނަމަވެސް އެ އަޅާލުމުގައި އޮންނަނީ ބީރައްޓެހި ދުރުކަމެކެވެ. ޒާރާގެ ގައިގައި ބީހިލުމެއް، ކައިރިވެލުމެއްނެތި އުޅޭނީ ދުރު ، ހިލޭ ބީރައްޓެއްސަކު ފަދައިންނެވެ. ނަމަވެސް ޒާރާގެ ހިތުގައި ވާ ލޯތްބަކަށް ބަދަލެއް ނާދެއެވެ. އޭރު ވެސް އޭނާ ދުޢާ ކުރަމުން ދިޔައީ ފިރިމީހާގެ ލޯބި ލިބޭތޯއެވެ.
ކައިވެންޏަށް އެންމެ ތިން ދުވަސް ވީތަނާހެން ޒާރާއާއި މުއާޒްގެ ދެމެދުގައި އެއްވެސް ގާތްކަމެއް ނުވަތަ ލޯތްބެއް އުފެދުމުގެ ފުރުޞަތެއް ނުލިބި މުއާޒް ފުރައިގެން ދިޔައީ ރިސޯޓަށެވެ. އެ ހިސާބުން، ހިތަށް އެކަނިވެރިކަން ވެރިވީ ނަމަވެސް، އެ ގޭގައި ޒާރާ އުޅުނީ، ގެވެހި އަނތްބެއްގެ މިސާލުންނެވެ. މުއާޒްގެ އާއިލާއަށް އޭނާ ޚިދުމަތް ކުރިއެވެ. އެ މީހުންގެ ހިތް އޭނާ ފަތަޙަ ކުރިއެވެ.
ދުރުގައި ހުރެގެން ފިރިމީހާ އޭނާއަށް ގުޅައި ވާހަކަ ދައްކާ ހެދިއެވެ. ނަމަވެސް އެ ގުޅުމަކީ ބީރައްޓެހި ގުޅުމެކެވެ. ޒާރާ އުޅުނީ، ޝަކުވާތަކާއި ހިތާމަތައް ހިތުގައި ފޮރުވައިގެން، މޫނުމަތިން ހިނިތުން ދައްކައިގެންނެވެ. ދެ މީހުންގެ ގުޅުން ރަނގަޅުކަމަށް އެންމެން ކައިރީ ބުނަމުންނެވެ. ފިރިމީހާގެ އެއްވެސް ސިއްރެއް އޭނާ ބޭޒާރެއް ނުކުރެއެވެ.
ފިރިމީހާއާ ބައްދަލުވާނެ ދުވަހެއްގެ އިންތިޒާރުގައި، އޭނާގެ ލޯބި ޙާޞިލް ކުރުމުގެ އުއްމީދުގައި ހުއްޓާ ފިރިމީހާ ގުޅާފައި އެދުނު އަޖައިބުކުރަނިވި އަދި އާދަޔާ ޚިލާފު އެދުމުގެ ސަބަބުން ޒާރާއަށް ހީވީ ބިންގަނޑު ކަނޑައިގެން ގޮސް އޭނާ އަޑިޔަށް ދިޔަހެންނެވެ. އެ ވަގުތުކޮޅުގެ އިޙްސާސްތައް ކިޔައިދޭން އޭނާއަށް ހުރީ އުނދަގޫވެފައެވެ.
ފިރިމީހާ ބުނީ އޭނާގެ ލޯބިވެރިޔާއާ އެއްވެސް ލޯބީގެ ގުޅުމެއް ނޯންނާނެކަމަށާއި މިހާރު އެއީ އެކުވެރިއެއްކަމަށެވެ. އެއަށްފަހު، އޭނާ އެދުނީ އެ ކުއްޖާ ރަށުން މާލެ އަންނާތީވެ، އެ ގޭގައި ބަހައްޓައިދިނުމަށެވެ. އަނބިމީހާގެ އިޙްސާސްތަކަށް ކުޑަކޮށް ވެސް ބެލުމެއްނެތި ފިރިމީހާ އެދުނު އެދުން ވެގެން ދިޔައީ ޒާރާގެ ހިތަށް ކެތްކުރެވޭވަރަށް ވުރެ ދަތި ތަކުލީފަކަށެވެ. ނަމަވެސް ކައިވެނީގެ ޞުލްޙައަށް އެދި ހިތި ހިނިތުންވުމަކާއެކު ޒާރާ ފިރިމީހާގެ އެދުމަށް ރުހުން ދިނެވެ.
ފޯނުގެ އަނެއްކޮޅުން ޒާރާގެ ޙަޔާތުގެ ހިތްދަތި ޞަފްޙާތައް ކިޔައިދެމުން ދިޔައިރު އަހަރެން އިނީ އޭނާގެ ކޮންމެ ބަހަކަށް ސަމާލުވެގެންނެވެ. ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ތުރުތުރުއަޅާ އަޑާއި، ކެނޑިކެނޑިގެން އައި އަޑުން އަހަރެންގެ ހިތަށް ވެސް އުނދަގޫވިއެވެ. ޒާރާ އެ ކިޔައިދެނީ އެއްވެސް އަނތްބަކަށް ކެތްކުރެވޭވަރުގެ ވާހަކަތަކެއް ނޫންކަން އަހަންނަށް އެނގުނެވެ. އަދި ޒާރާ އެ ހިތްވަރު ހޯދި ގޮތާމެދު އަހަރެން އޭރު ވެސް އިނީ ސުވާލު އުފެދިފައެވެ.
އެންމެ ފަހުން ފިރިމީހާގެ "ކުރީގެ ލޯބިވެރިޔާ" މާލެ އައި ދުވަހު، ފިރިމީހާ ވެސް ރިސޯޓުގައި ހުރެފައި ގެއަށް އައި ވަގުތުގެ ވާހަކަ ޒާރާ ކިޔައިދިނީ ބަރުހިތަކައިގެންނެވެ. ގިނަ ދުވަސްތަކަކަށްފަހު، ފިރިމީހާ ފެނުމުން، ހިތުގައި އުފެދުނު ލޯތްބާއެކު، ޝަކުވާއާއި ވޭން އެކުވެ، ޒާރާގެ ހަށިގަނޑު ތުރުތުރުއަޅައިގެންދިޔައެވެ. އޭގެއިތުރުން ޒާރާގެ ވާހަކައިގެ އެންމެ ހިތްދަތިވި ހިސާބަކީ، ދޮރުން އެތެރެއަށް ވަދެގެން އައި އެ އަންހެންކުއްޖާ ފެނުނު ވަގުތުގެ އިޙްސާސެވެ. ޒަމާނީ ފެޝަނަށް ލޯބިކުރާ، ބަލައިލަން ރީތި، އެ ފުރިހަމަ ކުއްޖާ ފެނުމުން، އަމިއްލަ ނަފްސުގެ އާދައިގެ ސިފަޔާ އަޅާކިޔުނު ވަގުތު އޭނާއަށް ކުރެވުނީ ހިތްދަތި އިޙްސާސެކެވެ. ފިރިމީހާގެ ހިތުގައި އޭނާއާމެދު ޖާގައެއް ނެތްކަމުގެ މާޔޫސްކަން ހިތަށް ވެރިވީ އުއްމީދެއްނެތިއެވެ. ފިރިމީހާ، ލޯބިވެގެން އެ އުޅެނީ ހާދަ ރީތި އަންހެންކުއްޖެއްދެކެއޭ ހިތަށް އެރުމާއެކު ރޫޙު ކުދިކުދިވެގެން ދިޔަފަަދައޭ ޒާރާ ބުނެލި އަޑު އަހަރެން އެހީ، ފެންކަޅިވެ އިނދެއެވެ.
ފިރިމީހާއާއި އެ އަންހެންކުއްޖާގެ އިތުރުން ޒާރާ ވެސް އެ ދުވަހު ސައިބުއީ އެއް ސުފުރާއެއްމަތީގައެވެ. ފިރިމީހާގެ އާއިލާއިން އެކަމާ މެދު ނުރުހުނު ނަމަވެސް، އޭނާއާ ދެކޮޅަށް ބަހެއް ބުނާކަށް އެއްވެސް މީހަކަށް ނުކެރެއެވެ. ބުނަން ބޭނުންވިޔަސް އެކަން ހުއްޓުވަނީ ޚުދު ޒާރާއެވެ.
އުއްމީދެއް ނެތަސް، ފިރިމީހާއާ އެކަނިވެލާނެ ވަގުތަކަށް ކުރެވުނު އިންތިޒާރުގެ ނިމުން އައިވަގުތެވެ. ދާދި ގާތުގައި އޮތް ފިރިމީހާގެ މޭމަތީ ޒާރާ އަތް ޖައްސާލީ ތުުރުތުރުއަޅާ ޙާލުގައެވެ. ފިރިމީހާގެ ގައިގައި ލޯތްބާއެކު އަލަށް، ބީހިލަން ލިބުނު ފުރުޞަތަކީ އެއީކަމުގައި މޮޅިވެރި އަޑަކުން ޒާރާ އަހަންނަށް ކިޔައިދިނެވެ. މުއާޒް، ޒާރާއާ ދިމާލަށް ބަލައިލަމުން ޒާރާގެ މޫނުގައި އޯގާތެރިކަމާއެކު، އަތް ޖައްސާލި ވަގުތު ކައިރީގައި އޮތް ފޯނުސްކްރީން ދިއްލުނެވެ. އެއާއެކު އެ ކުޑަކުޑަ އުފާވެރިކަމަށް ވެސް ކުއްލި ނިމުމެއް އަތުވެއްޖެއެވެ.
ފޯނަށް ލިބުނު މެސެޖް ކިޔާލުމަށްފަހު ފިރިމީހާ ތެދުވީ ބާރުބާރަށެވެ. ދޮރާދިމާލަށް ހިނގައިގަންނަމުން އެ އަންހެންކުއްޖާ ކޮންމެވެސް ކަމާ ރޮނީކަމަށް ބުނެ، ބަލައިލާފަ މި އަންނަނީއޭ ވެސް އޭނާ ބުންޏެވެ. ފަހަތުން ދާން ބޭނުންވި ނަމަވެސް ޒާރާ މަޑުކުރީ ފިރިމީހާ "މި އަންނަނީ"އޭ ބުނުމުންނެވެ.
ދުވަހުގެ ވަރުބަލިކަމާއި، ވިސްނުންތަކުން ބުރަވެފައިވާ ސިކުނޑިއަށް ލުޔެއް ހޯދުމަށްޓަކައި، ޒާރާގެ ވަރުބަލިވެފައިވާ ލޮލުގެ އެސްފިޔަތައް މެރޭކަށް މާގިނަ އިރެއް ނުވިއެވެ. ޒާރާއަށް ބޭއިހްތިޔާރުގައި ނިދުނެވެ. ހޭލެވުނު އިރު ފަތިސްވަނީއެވެ. ސިހިފައި ބަލައިލެވުނީ ފިރިމީހާ އޮތްތޯއެވެ. ނަމަވެސް އެނދު ހުރީ ހުހަށެވެ. ޒާރާގެ ހިތް ނުތަނަވަސްވިއެވެ. އަވަސް އަވަހަށް ތެދުވެ ބޭރަށް ނިކުތް އިރު އޭނާ އޮތީ ބޭރު ސޯފާގައި ފޯނާ ކުޅޭށެވެ. ޒާރާގެ ހިތް، ޝައްކާއި ވަހުމުން ފުރުނެވެ. ރޭ ހަތަރުދަމު އެ މީހުން އެ ކޮޓަރިތެރޭގައި ހޭދަކުރީ ކޮންފަދަ ޙާލެއްގައިބާވައޭ ހިތަށްއަރާ އޭނާގެ ހިތް ކުދިކުދިވިއެވެ.
ޒާރާ ފެނުމާއެކު މުއާޒް ތެދުވެ، ނަމާދަށް ދަނީކަމުގައި ބުންޏެވެ. ސުވާލުތައް ފުނިޖެހުނު ނަމަވެސް ޒާރާގެ ދުލާ ހަމައަށް އެންމެ ސުވާލެއް ވެސް ނައެވެ.
ފިރިމީހާގެ ކުރީގެ ލޯބިވެރިޔާއަކީ މެހެމާނެއްކަމުގައި ދެކިގެން ޒާރާ އޭނާއަށް ހެޔޮކޮށް ހިތީ ހިތުގެ ވޭނީ އިޙްސާސްތައް އެތެރެއަށް ހިންދާލައިގެންނެވެ. އެ ދުވަސްތަކުގައި މާ ބޮޑަށް ވިސްނި، ދެރަވެ، އެ އުދާސްތައް ބޭރުނުކުރެވި އުޅެން ޖެހުމުން، އަމިއްލަ ނަފްސުވެސް އޭނާއަށް ނުބެލެހެއްޓޭ ދަރަޖައަށް ދިޔައެވެ. ބައެއް ފަހަރު އަނބުރައިގަންނަގޮތްވެ، ހޭވެރިކަން ނެތިދިޔައެވެ. މާ ގިނައިރު ނުކައި އުޅޭތީކަމަށް ބުނެ، ޒާރާ އޭނާގެ އިޙްސާސްތައް ފޮރުވަން މަސައްކަތްކުރީ އެ ކައިވެނި ދެމެހެއްޓޭތޯއެވެ. ޒާރާގެ ކެތްތެރިކަމާއި، މަޑުމައިތިރިކަން އަދި ބަސްމަދުކަމުގެ ސަބަބުން މުއާޒް ހުންނަނީ މީހުންގެ ކުރިމަތީގައި އަބަދުވެސް ފަރުދާވެފައެވެ. ޒާރާއަށް ނަފްސާނީގޮތުން ލިބެމުންދާ އަނިޔާތަކަށް ކެތްކުރަމުން އޭނާ ދިޔައީ ފިރިމީހާ ދިފާޢު ކުރަމުންނެވެ.
ފިރިމީހާގެ ކުރީގެ ލޯބިވެރިޔާ ފުރައިގެން ދިޔަ ދުވަހެވެ. އެ ދުވަހު ފިރިމީހާގެ ފަރާތުން ފެނުނު ހިމޭންކަމާއި މާޔޫސްކަން، ކުއްލި ނިންމުމަކަށް ވަގުތުން ބަދަލުވެގެން ދިޔައެވެ. ފިރިމީހާ ވެސް އޭނާގެ ދަބަސް ތައްޔާރުކޮއްދޭން ޒާރާގާތު އެދުމުން ޒާރާއަށް ލިބުނީ ބަޔާންކުރަންދަތި ހިތްދަތިކަމެކެވެ. ފިރިމީހާގެ ހިތުގައި އެހެން އަންހެނަކަށް ޖާގަ އޮތްކަން އެނގުމަކީ އަނބިމީހާއަށް ތަޙައްމަލްކުރަން ދަތި ވޭނަކަށް ވާނެއެވެ. ޒާރާގެ ޙަޔާތަށް އެ ބިރުވެރި ޒަލްޒަލާއެއްފަދަ ތޫފާންއައީ އެއްވެސް އިންޒާރެއް ނެތިއެވެ.
މުއާޒްވެސް ދަނީތޯ ސުވާލު ކޮއްލެވުނޭ ޒާރާ، އަހަރެންގާތު ބުނީ، ބެދިފައިވާ އަޑަކުންނެވެ. އެ ވަގުތު ޒާރާގެ ހިތަށް ކުރާނެ އަސަރާމެދު ވިސްނަން ޚުދު އަހަރެން ވެސް ބޭނުމެއް ނުވިއެވެ. ދެން އަންނާނެ ދުވަހެއް، ފެންނާނެ ދުވަހެއް، ނޭނގޭތީ އެންމެ ފަހަރަކު ނަމަވެސް ފިރިމީހާގެ ތަނަވަސް މޭމަތީގައި ބޯއަޅާލަން ޒާރާ ބޭނުންވިވަރު އޭނާ ބުނެލީ މޮޅިވެރި ރާގަކަށެވެ.
ދަބަސް ހިފައިގެން ނިކުންނަމުން " ދަނީ"އޭ ބުނެލުން ފިޔަވައި ފިރިމީހާގެ ފަރާތުން އިވުނު އެއްވެސް ބަހެއް ނެތްކަމަށް ޒާރާ ބުންޏެވެ. ކަރުނަތައް ހިފަހައްޓަން ކުރި މަސައްކަތް ބޭކާރުވެ، އެ ހިމޭން ކޮޓަރިތެރޭގައި ގަނޑުވެފައި އޭނާ ހުރީ، ފިރިމީހާގެ ލޯތްބަށް އެދި ކުރެވުނު އުއްމީދުތައް ފުނޑުފުނޑުވެގެން ފައިބުޑަށް ފައިބާފަދަ އިޙްސާސަކާއެކުއެވެ.
އަނެއްކާ ވެސް އެކަނިވެރި ދުވަސްތައް އޭނާ ގުނަންފެށީއެވެ. އޭނާ، އޭނާގެ ހިމޭން ދުނިޔޭގައި "މަރުވެފައިވާ މީހަކު" ފަދައިން ދިރިއުޅުނެވެ. ފިރިމީހާ އޭނާއަށް ހަރަދު ކުރެއެވެ. އޮންނަނީ ރަޙްމަތްތެރިކަމުގެ ގުޅުން ފަދަ ގުޅުމެކެވެ. ސަބަބަކީ ކޮބައިކަން އެނގުނު ނަމަވެސް، ޒާރާ ހުރީ އޭނާގެ ދިރިއުޅުން ރަނގަޅުވާނެކަމުގެ އުއްމީދުގައެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޒާރާއަށް ލިބުނީ، ޒާރާގެ ހިތް، ހާސް އެތިކޮޅުކޮޅަށް ކުދިކުދި ކޮއްލިފަދަ ޚަބަރެކެވެ.
ޙަޤީޤަތުގެ ހިތިކަން ޒާރާއަށް އިޙްސާސްވީ ފިރިމީހާ އެ ދުވަހު ފުރައިގެން ދިޔައީ، ހަމައެކަނި ރިސޯޓަށް ނޫންކަން އެނގުނު ހިސާބުންނެވެ. މުއާޒް ދަމުން އޭނާގެ އެކުވެރިއެއްގާތު ބުނެފައި ދިޔަ ޖުމްލަ ޒާރާގެ ކަންފަތާހަމައަށް ފޯރައިފިއެވެ. އެ ހިސާބުން ޒާރާގެ ވާހަކަތައް ކުރިމަރައިލާ، ފިރިމީހާ ބުނީ ކީކޭތޯ އަވަސް އަވަހަށް އަހަންނަށް ޒާރާގާތު އަހައިލެވުނެވެ. ޒާރާ ބުނާނެ އެއްޗެއްގެ ފުންމިނެއް އޭރު އަހަންނަކަށް ނޭނގެއެވެ.
"ޒާރާ ވަރިކޮއްފީމެވެ."
މި ޖުމްލަބުނެ، ޒާރާ ކުޑަކޮށް ހީލިއެވެ. އޭރުވެސް އަހަރެން އިނީ ހުއްޓުން އަރާފައެވެ. ހައިރާންވެފައެވެ. އެހާ އިހާނެތިކޮށް ކަންތައް ކުރާ އިންސާނުން އުޅޭބާވައޭ އަހަރެންގެ ހިތަށް އެރިއެވެ.
ކައިވެނީގެ މަތިވެރި ގުޅުން، އެނގުމެއްނެތި، އެހާ އިހާނެތިގޮތަކަށް ނިންމާލުން ވެގެން ދިޔައީ ޒާރާގެ ހިތުގައި ލެވުނު ފުން ޒަޚަމަކަށެވެ. އެ ޚަބަރަށް ވެސް ޒާރާ މުއާޒްގާތު އެއީ ތެދެއްތޯ އަހާލަން ކޮއްލީ ހަމައެކަނި މެސެޖެކެވެ. ޖަވާބުގައި އެއީ ތެދެއްކަމަށް ބުނެ، މުއާޒް މަޢާފަށް އެދުނުކަމަށް ޒާރާ ބުންޏެވެ. ކައިވެނީގެ ގުޅުން ނިމިގެންދިޔައީ އޭގެ މަތިވެރިކަން ޒާރާއަށް އިޙްސާސް ވެސް ނުކުރެވިއެވެ.
ލިބުނު ފިލާވަޅާއި، ހިތްދަތިކަމާއެކު، އޭނާ އެނބުރި ރަށަށް އައީ މައިންބަފައިންގެ ޙިމާޔަތަށެވެ. ރަށަަށް އައުމާއެކު، ދެން އޭނާއަށް އަމާޒުވާންފެށީ ދެވަނަ ކައިވެންޏެއް ކުރުމަށް މީހުންގެ ފަރާތުން ލިބޭ ނަޞޭޙަތްތަކެވެ. ނަމަވެސް އޭރު ޒާރާ ހުރީ ފިރިހެނުން މަތިން ފޫހިވެފައެވެ. އިތުބާރު ގެއްލިފައެވެ. ޙަޔާތެއް ފަށަން ބިރުގަންނަވަރަށް ކައިވެންޏަކީ ބިރުވެރިކަމެއްގެ ގޮތުގައި ތަޖުރިބާ ކުރެވިފައެވެ.
ޒާރާ ބުނިގޮތުގައި ކައިވެނި ރޫޅުމަށްފަހު ދެން އޭނާއަށް ކުރިމަތިވި އެންމެ އުނދަގޫ ދަނޑިވަޅަކީ، އޭނާއަށްވުރެ ހަތް އަހަރު ދޮށީ މީހަކާ އިނުމަށް މަންމަ މަޖުބޫރު ކުރުވި ހިސާބެވެ. މުޅިން ހަލާކުވެފައިވާ ހިތަކާއެކު، އަމިއްލަ އިޙްތިޔާރެއްނެތި، އެހެން މީހެއްގެ ޙަޔާތަށް ގުޅެން މަޖުބޫރުކުރުވި އެ ވަގުތަކީ އޭނާގެ ޙަޔާތަށް ދިމާވި އެންމެ ބިރުވެރިވަގުތުކޮޅަށް ވިއެވެ. އެ ކައިވެންޏަށް ނޫނެކޭ ބުނެފިނަމަ، މަންމައަކީ ނެތްމީހެއްކަމަށް ބުނި ބުނުން ވެގެން ދިޔައީ، ޒާރާއަށް ހަތިޔާރު ބަހައްޓަންޖެހުނު ވަގުތުކަމުގައި އޭނާ ބުންޏެވެ.
ކައިވެންޏަކީ ދެ ހިތެއްގެ ލޯތްބާއި ގުޅުމުގެ މައްޗަށް ބިނާވާންޖެހޭ މަތިވެރި ގުޅުމަކަށް ވީ ނަމަވެސް ޒާރާގެ ޙަޔާތަށް އެ ގުޅުން އަންނަނީ މުޅިން ތަފާތު ގޮތަކަށެވެ. އޭނާ އިންނަން، މަންމަ ދެއްކި މީހާ ދެކެ ޒާރާ ޒައްރެއްގެ މިންވަރަށް ވެސް ލޯތްބެއް ނުވެއެވެ.
އެއަށްވުރެ ބޮޑު ކަންބޮޑުވުމަކީ ޒާރާ ދެވަނައަށް އިން މީހާ، ބަލަމުންދާ ތުއްތުތުއްތު ދެ ފިރިހެންދަރިންނެވެ. މަންމަގެ ލޯބިން މަޙްރޫމްވެފައި ތިބި އެ ދެ ކުދިން ބަލަމުންދަނީ އޭނާ އެކަނިމާއެކަންޏެވެ. އެހެންކަމުން މި ކައިވެނި ފަށަން މި ޖެހުނީ ހަމައެކަނި ލޯބިނުވާ މީހަކާއެކީއެއް ނޫނެވެ. ނަފްސާނީ ގޮތުން ލިބިފައިވާ ޒަޚަމްތައް ފަސޭހަނުވެ އުޅެނިކޮށް، އޭނާއަށް ޖެހުނީ ޅަ އުމުރުގައި ދޮންމަންމައެއްގެ މަސްއޫލިއްޔަތާ ކުރިމަތިލާށެވެ. އެއީ އޭނާގެ ޅަފުރާގެ އުފާވެރިކަމާއި ޒުވާންކަމަށް އަލްވަދާޢު ކިޔަންޖެހުނު ހަޤީޤަތެކެވެ.
ނަމަވެސް ކޮންމެ އަނދިރި ރެޔަަކަށް ފާގަތި ފަތިހެއް އަންނާނެކަން ޒާރާގެ ޙަޔާތުން ސާބިތުވެގެން ދިޔައެވެ. މަޖުބޫރާއި، ބިރުވެރިކަމާއި ނުތަނަވަސްކަމާއެކު ފެށުނު އެ ދިރިއުޅުން ބަދަލުވެގެން ދިޔައީ، ޒާރާ ދުވަހަކު ވެސް އުއްމީދު ނުކުރާފަދަ އުފާވެރި ހިޔަލަކަށެވެ.
މާޒީގެ ހިތި ޞަފްޙާތައް އޭނާ އަހަންނަށް ކިޔައިދެމުން ދިޔައިރު، އޭނާގެ އަޑުގައިވި ރިހުން މިހާރު މުޅިން ފިލައިގެން ގޮސްފައިވާކަހަލައެވެ. އެ މަޑުމައިތިރި އަޑު މިހާރު އިވެނީ ވަރަށް ވެސް ތާޒާކޮށެވެ.
ޒާރާ ބުނީ، އޭނާގެ އާ ފިރިމީހާއަކީ އޯގާތެރި، މާތް އިންސާނެއްކަމަށެވެ. ކުރީގެ ޙަޔާތުގައި ދުވަހަކުވެސް ތަޖުރިބާކުރަން ނުލިބު، ލޯތްބާއި، އިންތިހާ ދަރަޖައިގެ އަޅައިލުމުގެ ސަބަބުން ޒާރާގެ ހިތް އޭނާގެ މައްޗަށް ލޯބިން ފުރެން، މާ ގިނަ ދުވަހެއް ނުނެގިއެވެ. އަނެއްކޮޅުން، އެ ތުއްތު ދެ ފިރިހެން ދަރިން ވެގެން ދިޔައީ، ޒާރާގެ ވީރާނާވެފައިވާ ޙަޔާތަށް ލިބުނު އައު ދިރުމަކަށެވެ. ދޮންދަރީންގެ ގޮތުގައި އެ ގުޅުން ފެށުނު ނަމަވެސް، ދުވަސްކޮޅަކުން އެ ދަރީން ބަދަލުވެގެން ދިޔައީ ޒާރާގެ ލޮލުގެ ނޫރު ފަދަ ދަރިންތަކަކަށެވެ. އެ ކުޑަކުޑަ ދެ ދަރިންގެ ހިތުން ޒާރާއަށް ދިނީ އެ ކުދިންގެ ޙަޤީޤީ މަންމައެއްގެ ދަރަޖައެވެ. އެއާއެކު ފިރިމީހާ އޭނާއަށް ދިނީ އެ އާއިލާގެ ރާނީގެ ލަޤަބެވެ.
އެ އުފާވެރި މާޙައުލުގައި ދިރިއުޅެން ފެށުމާއެކު، ޒާރާގެ މާޒީގެ ލަކުނުތައް މަޑުމަޑުން ފިލައިގޮސް، މުއާޒަށް އޭނާއަށް މަޢާފް ކުރެވުނެވެ. މަޖުބޫރުން ކުރެވުނު ކައިވެންޏަކީ އޭނާގެ ނަސީބުގައި ލިޔުއްވާފައިވާ އެންމެ އަގުބޮޑު ރަޙްމަތްކަން ޒާރާ މިއަދު ޤަބޫލު ކުރެއެވެ.
ކައިވެންޏަށް އަހަރަކަށްފަހު، އަހަރެއް ފުރެމުންދިޔައެވެ. މައިވަންތަކަމުގެ ލޯބި ޒާރާގެ ހިތުގައި އުފެދިފައި އޮތް ނަމަވެސް، އޭނާ އަމިއްލަ ދަރިޔަކު ބޭނުންވި ހިސާބުން ކުއްލި ހިތާމައަކާ ކުރިމަތިލާން ޖެހުނެވެ. އެއްވެސް ބައްޔެއް ނެތި ވެސް، އެ ދެ މީހުންނަށް، ދަރިޔަކު ނުލިބި އެ ހިތާމަ ކުރަން ޖެހިއްޖެއެވެ. އެކަކު އަނެކަކުދެކެ ވާ ލޯބިން، ދެ މީހުންގެ ލޯބީގެ ނިޝާނެއް ދުނިޔެއަށް އުފަންކުރަން ޒާރާވެސް ބޭނުންވިއެވެ.
ނަމަވެސް އޭނާގެ މިހާރުގެ ފިރިމީހާގެ ހިތްވަރާއެކު ޒާރާ ހިތާމަކުރަން އޭނާ ފުރުޞަތެއް ނުދެއެވެ. ދުޢާ ކުރުންމަތީ އެ ދެ މީހުން ދެމިތިއްބާ، އެ މީހުންގެ ފުރަތަމަ ދަރިފުޅު ލިބުނީ، އެ ކައިވެންޏަށް 10 އަހަރު ފަހުންކަމަށް ޒާރާ ބުނެލީ އުފާވެރި ރާގެއްގައެވެ. ހިނިތުންވުމާއެކު އަހަރެން އަޑު އަހަން އިންދާ ޒާރާ، ތަންކޮޅެއް ބާރަށް ހޭންފަށަމުން ދެން ބުނެލި ޖުމްލައިން އަހަންނަށް އިނދެވުނީ ކުޅަދުންވަންތަ ﷲގެ މަތިން ވަރަށް ބޮޑަށް ހަނދާންވެފައެވެ.
"ލިބުނު އަންހެން ދަރިފުޅަށް އަހަރު ވީ އިރު އަހަރެން އިނީ އަނެއްކާ ވެސް ބަލިވެ." ޒާރާ ބުންޏެވެ.
ޖުމްލަ ހަތަރު ދަރިން ދޯއޭ ސަމާސާ ރާގަކަށް އަަހަރެން އަހައިލުމުން ޒާރާ ދިނީ އަހަރެން ސިއްސުވާލާ ފަދަ ޖަވާބެކެވެ.
"ނޫން. ހަތަރު ދަރިންނެއް ނޫން. އޭގެ ދެ އަހަރެއްވަރު ފަހުން އަނެއްކާ ވެސް އިތުރު ފިރިހެން ދަރިޔަކު ލިބުނު. މިހާރު ޖުމްލަ އަހަރެމެންގެ ފަސް ދަރީން އެބަތިބި. އަލްޙަމްދުލިﷲ" ޒާރާގެ ޖުމްލައިން އަހަރެން ފެންކަޅިކޮއްލިއެވެ.
ދެން އޭނާ ދައްކަންފެށީ މާތްﷲގެ ރަޙްމަތުގެ ތަނަވަސް ވާހަކައެވެ. ދުޢާގެ ބާރުގަދަ ވާހަކައެވެ. ހިތާމަތަކުގެ ކުރިމަތީގައި، ކެތްތެރިކަން އިސްކޮށް، މާތްﷲއަށް ވަކީލުކުުރުމުގެ ފޮނި ނަތީޖާގެ ވާހަކައެވެ.
ތެދެކެވެ. ކައިވެނީގެ މަތިވެރި ގުޅުމާއި ދިރިއުޅުމުގެ ދަތި އިމްތިޙާނުތަކުގެ މައިދާނުގައި ޒާރާ ހާދަ ހިތްވަރުގަދައެވެ. އޭނާގެ މޭގައި ވެސް އޮންނަނީ އަހަރެމެންގެ ވެސް އޮންނަ ކަހަލަ ހިތެކެވެ. އެ ހިތަށް ވެސް އަސަރުކުރާނެއެވެ. ކެތް ނުވެގެން ރޯން ވެސް ރޯނެއެވެ. ނަމަވެސް އެ ހިތާމަތަކުގެ ޝަކުވާ އޭނާ ކުރީ އަހަރެމެން ފަދަ އިންސާނުން ގާތަކު ނޫނެވެ. އޭނާގެ ހިތުގެ ޝަކުވާތަކާއި އުދާސްތައް އޭނާ ބަންޑުންކޮއްލީ، އެ ހިތުގެ ވެރި، ރައްބުގެ ޙަޟްރަތުގައެވެ. ހަލާކުވެފައިވާ އޭނާގެ ހިތަށް ފަރުވާ ހޯދީ، މާތްﷲގެ ދަރުބާރުންނެވެ.
ޒާރާގެ ވާހަކައަކީ ޢިބްރަތުން ފުރިގެންވާ ވާހަކައެކެވެ. ދުނިޔޭގެ ކެހިވެރިކަމުން މީހެއްގެ ދިރިއުޅުން އަނދިރިކޮއްލި ނަމަވެސް، މާތްﷲއަށް ކުރާ ދުޢާއާއި ކެތްތެރިކަމުގެ ނަތީޖާ ތިމާ ހީވެސް ނުކުރާ މިންވަރަށް ފޮނިވެފައި އުފާވެރިވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!