އެ ބިމެއްގައި މާތް ﷲ ނުރުއްސަވާ ކަންތައްތައް ގިނަވެ، މުންކަރާތްތަކާއި ފާޙިޝު ކަންތައްތައް ޢާންމުވެއްޖެ ނަމަ، އެ މުޖުތަމަޢެއް ފަސާދަވެ ފަނާވެދާނެކަމުގެ އިންޒާރު މިއަދުގެ ހުކުރު ހުތުބާގައި ދީފިއެވެ.
"މުޖުތަމަޢު އިޞްލާޙުކުރުން، އެންމެންގެ ޒިންމާ" މި މައުޟޫޢަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުތުބާގައި ބަޔާންކޮށްފައިވަނީ، ދިވެހިންނަކީ ޒަމާނުއްސުރެ މާތް ﷲގެ ދީން ޤަބޫލުކޮށް، އަމާންކަމާއި އަޚުވަންތަކަމާއެކު އުޅެމުން އައި ބަޔަކަށް ވީނަމަވެސް، ފަހުގެ ތާރީޚުގައި އިޖުތިމާޢީ އަދި އަޚުލާޤީ ގޮތުން މުޖުތަމަޢަށް އައިސްފައިވާ ބަދަލުތަކާ މެދު ކޮންމެ މީހަކުވެސް ފުންކޮށް ވިސްނަންޖެހިފައިވާ ކަމަށެވެ. އެގޮތުން މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި، ނަމާދުން ފައިބައިގެން މިސްކިތުގެ ދޮރޯށި ކައިރީގައި ތިބެ ޣީބަބުނުމާއި ދޮގުވާހަކަތައް ފެތުރުން ފަދަ ނޭދެވޭ ކަންކަން މުޖުތަމަޢުގައި ފެންނަމުންދާކަން ހުތުބާގައި ފާހަގަކުރިއެވެ.
މީގެއިތުރުން، ވިޔަފާރީގައި މަކަރާއި ޙީލަތް ހެދުމާއި، ޒަކާތް ނުދެއްކުމާއި، ޙަރާމް ގޮތުގައި ފައިސާ ހޯދައިގެން ދިރިއުޅުން ބިނާކުރުމުގެ ނުރައްކާތެރިކަމަށް ވެސް ހުތުބާގައި އަލިއަޅުވާލިއެވެ. ޙަރާމް އެއްޗެއް ކައިގެން ހެދިބޮޑުވާ ހަށިގަނޑަކީ ނަރަކަ ވާޖިބުވެގެންވާ ހަށިގަނޑެއްކަން ޙަދީޘްފުޅުން އެނގެން އޮތްއިރު، ނަމާދު އަޅައި ކުޅިވަރުތަކާއި ދުންޔަވީ ކަންކަމުގައި މަޝްޣޫލުވުމާއި، އިސްލާމީ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ހެދުން އެޅުން ފަދަ ކަންކަން ހުއްޓުވުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ހުތުބާގައި ބަޔާންކުރިއެވެ.
''އިޖުތިމާޢީ ގޮތުންނާއި، އަޚުލާޤީ ގޮތުން މުޖުތަމަޢުތައް ފަސާދަވަނީ މާތް ﷲ ދެއްވި މަތިވެރި ނިޢުމަތްތައް ހަނދާންނައްތައިލުމުންނެވެ. ލިބިފައިވާ ތަނަވަސްކަމަށް ބޮޑާވެ، މާތް ﷲ އަށް އުރެދި ޣާފިލުވުމުންނެވެ. ޝައްކެއްނެތް ގޮތުގައި އެ ބިމެއްގައި މާތް ﷲ ނުރުއްސަވާކަންތައް ގިނަވެ، މުންކަރާތްތަކާއި ފާޙިޝު ކަންތައްތައް ޢާންމު ވެއްޖެ ނަމަ، އެ މުޖުތަމަޢެއް ފަސާދަވެ ފަނާވެދާނެއެވެ. ވީމާ، މިފަދަ ކަންކަމުން މުޖުތަމަޢު ރައްކާތެރިކޮށް ދެމެހެއްޓުމަކީ އެ މުޖުތަމަޢެއްގެ އެންމެހައި ފަރުދުންނާއި، ޖަމާޢަތްތަކުގެ މައްޗަށް އޮތް ވަރަށް މަތިވެރި ވާޖިބެކެވެ.'' - ހުތުބާ-
ހަމައެއާއެކު، މުޖުތަމަޢުގައި އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އަޅައިލުމުގެ މުހިންމުކަން ފާހަގަކުރަމުން، ކުޑަކުދިންގެ ހިޔާތަކުގައި ދިރިއުޅޭ ޔަތީމު އަދި އެކަނިވެރި ކުދިންނަށް އޯގާތެރިކަން ދިނުމަށާއި، ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭ ލޭ އަޅާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މަތިވެރި އަޅުކަމެއް ކަމުގައި ހުކުރު ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!