ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން، ސްޕެޝަލް ކޮންސްޓަބްލަރީގެ ޚިދުމަތް މިއަދު ފެށުމަށް ހަަމަޖެހިފައިވާކަމަށް އެ ހޮސްޕިޓަލްއިން ބުނެފިއެވެ.
އެހެންވެ، މި ޚިދުމަތް ތައާރަފްކުރެވުމާއެކު ބަލިމީހުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ހޮސްޕިޓަލްގެ ސެކިއުރިޓީ ބެލެހެއްޓުމަށާއި، ބަލިތައް ފެތުރުން ހުއްޓުވުމަށްޓަކައި އެޅޭ މުޙިއްމު ފިޔަވަޅެއް ގޮތުގައި، ދޮރު ތަޅުލެވޭ އިލެކްޓްރޯނިކް ނިޒާމެއް ތަޢާރަފްކޮށް، ކޮންޓްރޯލް ކުރެވިފައިވާ ސަރަޙައްދުތަކަށް، ޚާއްޞަކޮށް އީއާރު އާއި އެޑްމިޓްކޮއްފައިވާ ބަލިމީހުން ތިބޭ ވޯޑުތަކަށް ވަދެނިކުމެވާ ފަރާތްތައް ބަލަމުން ގެންދާނެކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
މި ޚިދުމަތާއެކު އައި.ސީ.ސީ.ޔޫއަށް ޒިޔާރަތް ކުރުމުގައި ސަމާލުކަންދޭންވީ މުޙިއްމު ކަންތައްތައް ވެސް އެ އެ ހޮސްޕިޓަލުން ވަނީ އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެއެވެ. މިގޮތުން އައި.ސީ.ސީ.ޔޫއަށް ޒިޔާރަތްކުރެވޭ ކޮންމެ ވަގުތެއްގައި ވެސް އެއް ބަލިމީހެއްގެ ގާތަށް އެންމެ ގިނަވަގެން ވަދެވޭނީ ތިން ފަރާތަކަށްކަމަށާއި، އައި.ސީ.ސީ.ޔޫއަށް ޒިޔާރަތް ކުރުމުގެ ވަގުތަކީ ހޮސްޕިޓަލްގެ އެހެނިހެން ވޯޑުތަކަށް ޒިޔާރަތް ކުރުމުގެ ވަގުތުން ބޭރު ވަގުތަކަށް ވާތީ، މި ވަގުތުގައި ޒިޔާރަތްކުރާ ފަރާތްތަކުން ހޮސްޕިޓަލަށް ވަދެ، ނިކުތުމުގައި ބޭނުންކުރާނީ ގޭޓް 3 އަދި ވޯކްވޭގެ "ކާނި ވިންގް" ދޮރުކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި ޒިޔާރަތްކުރުމުގެ ވަގުތު ހަމަވުމުން، އިތުރަށް އެ ސަރަޙައްދުގައި ތިބޭ އެހީތެރިން އެ ސަރަހައްދު ދޫކޮށް ދިޔުމަށް ސަމާލުކަން ދިނުމަށް ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޭއާރްއެޗްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި ވޯޑުތަކުގައި ތިބޭ ބަލިމީހުންގެ ކައިރިއަށް ޒިޔާރަތްކުރުމުގެ ވަގުތަކީ ހަވީރު 17:00 އިން ފެށިގެން 19:00 އަށެވެ. އައި.ސީ.ސީޔޫއަށް ޒިޔާރަތް ކުރުމުގެ ވަގުތަކީ ހެނދުނު 10:30 އިން 11:00 އަށެވެ. އަދި ހަވީރު 16:30 އިން 17:00 އަށެވެ.
މީގެ އިތުރުން، ހޮސްޕިޓަލަށް ވަދެނިކުމެ އުޅުން ކޮންޓްރޯލް ކުރުމަށްޓަކައި، އެކަމަށްޓަކައި ވަކި އުޞޫލުތަކެއް ކޭއާރްއެޗްއިން ކަނޑައަޅައި، އެކަން ވެސް ވަނީ އާންމުކޮށްފައެވެ. އެއީ:
- އެހީތެރިޔާގެ ފާސްނެތި، އެޑްމިޓްކޮއްފައިވާ ބަލިމީހުން ތިބޭ ސަރަހައްދުތަކަށް ވަދެވޭނީ ހަމައެކަނި ކަނޑައެޅިފައިވާ ޒިޔާރަތްކުރުމުގެ ވަގުތުތަކުގައެވެ.
- އެއް ފާސް ބޭނުންކޮއްގެން އެއް ފަހަރާ އެކަކަށްވުރެ ގިނަ މީހުން ވަނުމަކީ މަނާކަމެކެވެ.
- ކޮންޓްރޯލް ކުރެވިފައިވާ ސަރަޙައްދުތަކަށް މީހުން ވަދެނިކުމެ އުޅޭ މިންވަރު ސްޕެޝަލް ކޮންސްޓަބުލަރީގެ ފަރާތުން ވަރަށް ގާތުން މޮނީޓާ ކުރަމުން ގެންދާނެއެވެ.
- ކަނޑައެޅިފައިވާ ސަރަހައްދުތައް 24 ގަޑިއިރު ސީ.ސީ.ޓ.ވީ ކެމެރާ މެދުވެރިކޮށް، ބަލަހައްޓަމުން ގެންދެވޭނެއެވެ.
ހޮސްޕިޓަލަށް ޒިޔާރަތްކުރާ އެންމެހައި ފަރާތްތަކުން، ހޮސްޕިޓަލްގެ މުވައްޒަފުންނާއި، ޑިޔުޓީގައި ތިބޭ ފުލުހުންގެ އިރުޝާދުތަކަށް އެއްބާރުލުން ދެއްވުމަށް ކޭއާރްއެޗްއިން އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!