އައްޑޫ ސިޓީގައި ކުރިއަށްދާ ބޭސިކް ކެޑޭޓް ކޭމްޕުގައި ބައިވެރިވި ދަރިވަރުންތަކެއް ކާނާ ވިހަވެ، ބައެއް ކުދިންގެ ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ކޮމިޝަނުން ބުނެފައިވަނީ އައްޑޫ ސިޓީ ބޭސިކް ކެޑޭޓް ކޭމްޕުގައި ބައިވެރިވި ދަރިވަރުން ކާނާ ވިހަވެ ބައެއް ކުދިންގެ ހާލު ދެރަވެ ހޮސްޕިޓަލުގައި އެނދުމަތިކުރަން ޖެހުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މި މައްސަލަ އެ ކޮމިޝަނުން ވަރަށް ގާތުން މޮނިޓަރ ކުރަމުން އަންނަ ކަމަށްވެސް ހާމަކޮށްފައިވެއެވެ.

Ad
rt

އެޗްއާރުސީއެމުން ވަނީ މި ހާދިސާ ހިނގައިދިޔަ ގޮތް ހައްސާސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރުމަށް ގޮވާލާފައެވެ. އަދި މިބާވަތުގެ ކަންކަން ކުރިއަށް އޮތް ތަނުގައި ތަކުރާރު ނުވާނޭ ގޮތެއްގެ މަތިން ކަންކަން ބައްޓަންކޮށް ބަލަހައްޓަމުން ގެންދިއުމަށް ކަމާބެހޭ އިދާރާތަކަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން، މި ހާދިސާގައި ހާލުދެރަވެގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ އެންމެހައި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދޭ ކަމަށްވެސް އެޗްއާރުސީއެމްގެ ބަޔާނުގައި ވެއެވެ.

މިކަމާއި ގުޅޭގޮތުން އިތުރު ރަސްމީ ފަރާތަކުން އަދި މައުލޫމާތު އާންމުކުރިކަމެއް ނޭނގެއެވެ.