ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި ކޮމްޕިއުޓަރާއި، ފޯނު އަދި ޓެބްލެޓްތަކުގައި ބޭނުންކުރާ ރޭމް ގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. 1960 ގެ އަހަރުތަކުން ފެށިގެން މިއަދާ ހަމައަށްވެސް އަގު ހެޔޮވަމުން އައި ރޭމްގެ އަގަށް މިހާރު އައިސްފައިވާ ބަދަލަކީ ޓެކްނޮލޮޖީގެ ތާރީޚުގައިވެސް ފެނިފައިނުވާ ފަދަ ބޮޑު ބަދަލެކެވެ.
ޓެކްނޮލޮޖީގެ މާހިރުން މިހާރު މި ހާލަތަށް ކިޔަނީ "ރޭމް ޕޮކަލިޕްސް" ނުވަތަ ރޭމްގެ ތަދުމަޑުކަމެވެ. މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އަލަށް ނުކުންނަ ކޮންމެ ފޯނަކާއި ޕީސީއެއްގެ އަގު ބޮޑުވެގެންދާނެއެވެ.
ރޭމް އަކީ ކޮބާ؟ އަދި އެ އުފައްދަނީ ކޮންބައެއް؟
ރޭމް ނުވަތަ "ރޭންޑަމް އެކްސެސް މެމޮރީ" އަކީ ކޮމްޕިއުޓަރުގެ މައި ޕްރޮސެސަރަށް ސީޕީޔޫއަށް ބޭނުންވާ މައުލޫމާތު ވަގުތުން ވަގުތަށް ފޯރުކޮށްދޭ "ވަގުތީ މެމޮރީ" އެވެ. ކޮމްޕިއުޓަރުގެ ހާޑް ޑްރައިވް ކިތަންމެ ބާރުގަދަ ނަމަވެސް، ޕްރޮސެސަރަށް ބޭނުންވާ ދުވެލީގައި މައުލޫމާތު ފޯރުކޮށްދެނީ ރޭމް މެދުވެރިކޮށެވެ.
ދުނިޔޭގައި ރޭމް އުފައްދާ މައިގަނޑު ތިން ކުންފުންޏަކީ ސެމްސަންގް، އެސްކޭ ހައިނިކްސް އަދި މައިކްރޮން އެވެ. އާންމު ފޯނުތަކާއި ކޮމްޕިއުޓަރުތަކުގައި ބޭނުންކުރަނީ "ޑީ-ރޭމް" އެވެ. ނަމަވެސް، އާޓިފިޝަލް އިންޓެލިޖެންސް "އޭއައި" ސުޕަ ކޮމްޕިއުޓަރުތަކަށް ބޭނުންވަނީ މާ ބާރުގަދަ އަދި މައުލޫމާތު ދައުރުކުރާ ދުވެލި އަވަސް ރޭމްއެކެވެ. މިއަށް ކިޔަނީ "އެޗް-ބީ-އެމް" ހައި ބޭންޑްވިތު މެމޮރީ އެވެ.
މި ދެ ބާވަތުގެ ރޭމްވެސް އުފައްދަނީ އެއް މާއްދާއަކުންނެވެ. އެއީ "ސިލިކަން ވޭފާސް" އެވެ. މައިކްރޮން ކުންފުނީގެ ސީއީއޯ ހާމަކުރެއްވި ގޮތުގައި، އެންމެ އެޗް-ބީ-އެމް ޗިޕެއް އުފެއްދުމަށް، އާންމު ރޭމް އުފައްދަން ބޭނުންކުރާ ސިލިކަން ތިންގުނަ އިތުރަށް ބޭނުންވެއެވެ. މީގެ މާނައަކީ އޭއައި ސުޕަ ކޮމްޕިއުޓަރުތަކަށް ރޭމް އުފައްދާ ވަރަކަށް، އާންމު ފޯނުތަކާއި ޕީސީތަކަށް ބޭނުންވާ ރޭމް އުފެއްދޭ މިންވަރު މަދުވެގެންދިއުމެވެ.
އަގުތައް އުފުލިފައިވާ މިންވަރު
ޓެކްނޮލޮޖީގެ ސާމާނުގެ އަގުތައް ބަލާ "ޕީސީޕާޓްޕިކާ" ގެ ތަފާސްހިސާބުތަކަށް ބަލާއިރު:
• 2025 ވަނަ އަހަރުގެ ކުރީކޮޅު 100 ޑޮލަރަށްވުރެ ހެޔޮކޮށް ލިބެން ހުރި 16GB DDR5 ރޭމް އެއްގެ އަގު މިހާރު ވަނީ 400 ޑޮލަރަށްވުރެ މައްޗަށް ގޮސްފައެވެ.
• ކުރިން 250 ޑޮލަރަށް ލިބުނު ހައި-އެންޑް 32GB DDR5 ރޭމް އެއްގެ އަގު މިހާރު ވަނީ 1,200 ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ. މިއީ އެޕަލްގެ މެކްބުކް އެއަރ ލެޕްޓޮޕެއްގެ އަގާ އެއްވަރުގެ އަދަދެކެވެ.

ރޭމްގެ އަގުތައް އަތްނުފޯރާ ފަށަށް!
މީގެ ސަބަބަކީ އާޓިފިޝަލް އިންޓެލިޖެންސް (AI) އެވެ. އިންވެސްޓަރުންގެ އަތުން ބިލިއަނުން ފައިސާ ލިބިފައިވާ އޭއައި ކުންފުނިތަކުން ދަނީ ދުނިޔޭގެ ބާޒާރުގައި ހުރި ހުރިހާ ރޭމްއެއް "ގަނޑުކޮށް" ގަންނަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން، ރޭމް އުފައްދާ ފެކްޓްރީތަކުގެ 2027 ވަނަ އަހަރާ ހަމައަށް ހުރި ހުރިހާ ކެޕޭސިޓީއެއް މިހާރުވެސް ވަނީ އޭއައި ކުންފުނިތަކުން ބުކްކޮށް ހުސްކޮށްލާފައެވެ.
މިސާލަކަށް، އިލޮން މަސްކްގެ xAI ކުންފުނިން އެމެރިކާގެ މެމްފިސްގައި ބިނާކޮށްފައިވާ "ކޮލޮސަސް" ޑޭޓާ ސެންޓަރުގައި އެކަނިވެސް 112 މިލިއަން ޖީބީ (GB) ގެ ރޭމް ބޭނުންކުރެއެވެ. މިއީ ގާތްގަނޑަކަށް 14 މިލިއަން އައިފޯން 17 ނުވަތަ 9 މިލިއަން ސެމްސަންގް ގެލެކްސީ S26 ފޯނަށް ބޭނުންވާނެ ރޭމް އެވެ. ބްލޫމްބާގް ރިޕޯޓްތައް ބުނާގޮތުން މިފަދަ 831 ސައިޓެއް މިހާރުވެސް ދަނީ ދުނިޔޭގެ އެކި ކޮޅުތަކުގައި ބިނާކުރަމުންނެވެ.
މީގެ އިތުރުން، މަޝްހޫރު އޯޕަންއޭއައި އާއި އޭއެމްޑީ ގުޅިގެން ބިނާކުރާ އާ ޑޭޓާ ސެންޓަރުތަކަށްވެސް ގާތްގަނޑަކަށް 194 މިލިއަން ޖީބީގެ ރޭމް ބޭނުންވާނެއެވެ.
އޭއައިގެ ވާދަވެރިކަން ބޮޑުވުމުގެ ސަބަބުން އާންމު ކޮންސިއުމަރުންނަށް ބޭނުންވާ ރޭމްގެ އަގުތައް ކުރިއަށް އޮތް އަހަރުތަކުގައި ހެޔޮވާނެ ކަމުގެ އެއްވެސް ނިޝާނެއް އަދި ފެންނާކަށް ނެތެވެ. މިއީ އާންމު ފޯނުތަކާއި ލެޕްޓޮޕްތަކުގެ އަގުތައްވެސް އުފުލިގެންދާނެ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!