ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މުއްދަތު، ނުނިމި ހުރި މުހިންމު މަސައްކަތްތައް ނިންމުމަށްޓަކައި މިމަހު 27 އާއި ހަމައަށް އިތުރުކުރަން ފާސްކޮށްފިއެވެ.
މިއީ މި ހިނގާ ދެވަނަ ދައުރުގެ މުއްދަތު އިތުރުކުރުމަށް މަޖިލީހުން ފާސްކުރި ދެވަނަ ފަހަރެވެ.
މަޖިލީހުގެ މިހިނގާ ދައުރުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކުރުމަށް ފާސްކޮށްފައިވަނީ، މިއަދު ބޭއްވި ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 58 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި މުއްދަތު ދެވަނަ ފަހަރަށް އިތުރުކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ ރިޔާސަތުންނެވެ. މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ދައުރުގެ މުއްދަތު އިތުރުކުރަން ހުށަހެޅުއްވީ މި ދައުރުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުންނާއި، މަޖިލީހުގެ ކޮމިޓީތަކުގައިވެސް ގިނަ މަސައްކަތްތަކެއް ނުނިމި ހުރުމުން އެ މަސައްކަތްތައް ނިންމުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ނަމަ، މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ނިންމަންޖެހެއެވެ. ނަމަވެސް، މަސައްކަތްތައް ނުނިމި ހުރުމުގެ ސަބަބުން މިދިޔަ ހަފުތާގެ ތެރޭގައި ވަނީ މި ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް ދައުރު ފުރަތަމަ ފަހަރަށް އިތުރުކޮށްފައެވެ. ދެވަނަ ފަހަރަށް މި މުއްދަތު އިތުރުކޮށްފައިވަނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން، ދައުރު ހަމަވި ނަމަވެސް އެ މުއްދަތުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު މަސައްކަތްތައް ނުނިމި ހުރެއްޖެ ނަމަ، އެ ދައުރެއްގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮވެއެވެ. މިގޮތަށް ދައުރުގެ މުއްދަތު އިތުރު ކުރެވެނީ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުންގެ މެދުގައި ވޯޓެއް ނަގައި، އެ ވޯޓުން ފާސްވެގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ކޮންމެ އަހަރަކުވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާނީ ތިން ދައުރަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ 1 ފެބުރުއަރީ 2026 އިން ފެށިގެން 15 މެއި 2026 ގެ ނިޔަލަށެވެ. ދެވަނަ ދައުރުގެ ޖަލްސާތައް 1 ޖޫން 2026 އިން ފެށިގެން 15 އޯގަސްޓު 2026 ގެ ނިޔަލަށް ކުރިއަށްދާއިރު، އަހަރުގެ ފަހު ދައުރު ނުވަތަ ތިންވަނަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ 1 އޮކްޓޯބަރު 2026 އިން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!