ހދ. ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ "ޑަބްލިއުޑީސީ ނެޓްބޯޅަ ޗެލެންޖް 2026" އިއްޔެ ފަށައިފިއެވެ.

މި ޗެލެންޖު ފެށުމުގެ ގޮތުން ރޭ 20:30 ގައި ކުޅުނު މެޗުގައި ބައްދަލުކޮށްފައި ވަނީ "ފައިވް" އާއި "ކޭވައިއާރުސީ ޖޫނިއާރސް" އެވެ. މި މެޗު 28-19 އިން ކާމިޔާބުކުރީ ''ފައިވް'' އެވެ. މި މެޗުގެ ކްއީން އޮފްދަ މެޗަކަށް ހޮވުނީ ފައިވްގެ ސާދުނާ އިބްރާހިމެވެ.

Ad
rt

ރޭ ވަނީ މި ޗެލެންޖުގެ ދެވަނަ މެޗު ވެސް ކުޅެފައެވެ. ރޭ 21:30ގައި ފެށި މެޗުގައި ބައްދަލުކުރީ "ކޭވައިއާރުސީ'' އަދި'' ކޭސީސީއާރުސީ" އެވެ. މި މެޗު "ކޭވައިއާރުސީ'' ވަނީ 38-12 އިން ކާމިޔާބުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ކޭވައިއާރުސީގެ ޝާހިދާ މޫސާ އެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ދާ މި މުބާރާތުގައި ބައިވެރިވަނީ އަށް ޓީމެވެ. އެ ޓީމް ތަކަކީ، ފައިވް، ކޭ.ވައި.އާރް.ސީ، ކޭ.ވައި.އާރް.ސީ ޖޫނީއަރސް، ޔުނިކް ފްރެންޑްސް، ކޭ.އީ.ޑީ، ޓީމް ފްލެމިންގޯ، ކޭ.ސީ.ސީ.އާރް.ސީ އަދި އަފީފުއްދީން ސްކޫލެވެ.

14 އޯގަސްޓްގައި ފެށި މި މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް އޮންނާނީ އޯގަސްޓް 21 ގައެވެ. އަދި ފައިނަލް މެޗް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންނަނީ 23 އޯގަސްޓް 2026 ވާ އާދީއްތަ ދުވަހެވެ.

ކުޅުދުއްފުށީ ޑަބްލިޔުޑީސީގެ ނެޓްބޯލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާ އާއި ޓްރޮފީ އަދި މެޑެލް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ މަގްސަދަކީ ކުޅުދުއްފުށީ ސިޓީގައި ނެޓްބޯޅަ ކުރިއަރުވައި، ކުޅުންތެރިންނަށް އެ ކުޅިވަރު ކުޅުމުގެ ފުރުސަތު ހޯދައިދީ، ކުޅިވަރުގެ ރޫހާއެއްގޮތަށް ނެޓްބޯޅަ ކުރިއަށް ގެންދިޔުމާއި، ކުޅުންތެރިންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން އާލާކޮށް ކުޅުދުއްފުށީ ސިޓީގެ ޒުވާނުންނަކީ ދުޅަހެޔޮ ބަޔަކަށް ހެދުމެވެ.

މިރޭ ވެސް މި ޗެލެންޖުގައި ދެ މެޗު ކުޅޭނެއެވެ. މިގޮތުން 20:30 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ ޔުނިކް ފްރެންޑްސް އާއި އަފީފުއްދީން ސްކޫލެވެ. 21:30 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ ކޭއީޑީ އާއި ޓީމް ފްލެމިންގޯއެވެ.