މޮރޮކޯގެ ރަސްގެފާނު މުހައްމަދު ހަވަނަ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކުރައްވާ އިހުތިރާމް ފާޅުކުރުމުގެ ގޮތުން، އެ ގައުމުގެ ވެސްޓަން ސަހާރާ ހުރަސްކޮށް ހަދާ އެއް ބިލިއަން ޑޮލަރުގެ ހައިވޭއަށް ޓްރަމްޕްގެ ނަން ދިނުމަށް ނިންމަވައިފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ނިންމެވުމަކީ ޓްރަމްޕްގެ ވެރިކަމުގައި މޮރޮކޯއާ މެދު ބެހެއްޓެވި ގާތް ގުޅުމުގެ އަގުވަޒަންކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށް ރަސްގެފާނު ވަނީ ވިދާޅުވެފައެވެ.
މޮރޮކޯގެ ދައުލަތުގެ މީޑިއާ އެޖެންސީ (އެމްއޭޕީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތިޒްނިޓް އާއި ވެސްޓަން ސަހާރާގެ ދާޚްލާ ސިޓީއާ ދެމެދު ހަދާ 1،055 ކިލޯމީޓަރުގެ އެކްސްޕްރެސްވޭއަށް ދޭން ނިންމާފައިވާ ނަމަކީ "ޑޮނަލްޑް ޖޭ. ޓްރަމްޕް ހައިވޭ" އެވެ. މި މަޝްރޫއަކީ މޮރޮކޯ އާއި ހުޅަނގު އެފްރިކާ ގުޅުވައިދޭ މުހިންމު އުމްރާނީ ވަސީލަތެކެވެ.
ޓްރަމްޕަށް ފޮނުއްވި ސިޓީފުޅެއްގައި ރަސްގެފާނު މުހައްމަދު ހަވަނަ ވިދާޅުވީ، 2020 ވަނަ އަހަރު ވެސްޓަން ސަހާރާގެ މައްޗަށް މޮރޮކޯގެ ސިޔާދަތީ ބާރު އޮތްކަމަށް ޓްރަމްޕް ބަލައިގަތުމަކީ "ތާރީޚީ ނިންމުމެއް" ކަމަށެވެ. އަދި އެ ނިންމުމަކީ މޮރޮކޯގެ ރައްޔިތުންގެ ހިތްތަކުގައި އަބަދަށް ބީހިފައި ހުންނާނެ ކަމެއް ކަމަށާއި، އޭގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް މީގެ ކުރިން ނުލިބޭ ފަދަ ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ރަސްގެފާނު ފާހަގަކުރެއްވިއެވެ.
މޮރޮކޯގެ ރަސްގެފާނު މުހައްމަދު ހަވަނަ ރަސްކަމުގެ ދަރުބާރުގައި
"މި އެކުވެރިކަމާއި ސުލްހައިގެ ރަމްޒަށް އިހުތިރާމް އަދާކުރުމުގެ ގޮތުންނާއި، އަޅުގަނޑުގެ އަމިއްލަ ޝުކުރުވެރިކަން ހާމަކުރުމުގެ ގޮތުން، ރަސްކަމުގެ އެންމެ މުހިންމު އެއް ހައިވޭއަށް ތިޔަ ބޭފުޅާގެ ނަންފުޅު ދިނުމަށް އަޅުގަނޑު ގަސްދުކޮށްފީމެވެ،" ޖުލައި 2 ވަނަ ދުވަހު ފޮނުއްވި ސިޓީފުޅުގައި ރަސްގެފާނު ލިޔުއްވާފައިވެއެވެ.
ވެސްޓަން ސަހާރާއަކީ 1975 ވަނަ އަހަރު އިސްޕޭނުގެ އިސްތިއުމާރީ ބާރުތައް އެ ސަރަހައްދުން ފޭބި ފަހުން، މޮރޮކޯ އާއި އަލްޖީރިއާގެ އެހީތެރިކަން ލިބޭ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކާ ދެމެދު ދަބަސްވެފައިވާ ސަރަހައްދެކެވެ. އދ. އިން މި ސަރަހައްދު ކަނޑައަޅާފައިވަނީ އަމިއްލަ ވެރިކަމެއް ނެތް ސަރަހައްދެއްގެ ގޮތުގައެވެ.
ޓްރަމްޕްގެ ފުރަތަމަ ދައުރު ނިމެން ގާތްވެފައިވަނިކޮށް ވެސްޓަން ސަހާރާގެ މައްޗަށް މޮރޮކޯގެ ބާރު އޮތްކަމަށް ބަލައިގަތީ، އެމެރިކާގެ މެދުވެރިވުމުގެ ދަށުން އިޒްރޭލާއި މޮރޮކޯއާ ދެމެދު ގުޅުން ގާއިމްކުރުމަށް ވެވުނު އެއްބަސްވުމުގެ ބައެއްގެ ގޮތުގައެވެ.
މި ހައިވޭއަށް ޓްރަމްޕްގެ ނަން ދިނުމަކީ އެމެރިކާގެ ސިޔާސަތަށް އައި އެ ބަދަލަށް މޮރޮކޯއިން ދިން މަތީ ދަރަޖައިގެ ޝަރަފެއްނަމަވެސް މިއީ އިސްލާމީ ދުނިޔޭގެ މޫނުމަތީ ޖަހާ ތަފާލެއްކަމަށް ބުނެވިދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!