މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިވަގުތު ހުންނެވި މުހައްމަދު ޝަކީލް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ދިރާސާކުރި ކޮމިޓީގެ ރިޕޯޓަށް ވޯޓަށް އެހުމުން، ޝަކީލް އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް 51 މެންބަރުން ވޯޓު ދެއްވާފައިވެއެވެ. އޭނާ އައްޔަން ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ ހަތް މެންބަރުންނެވެ.

Ad
rt

އިލެކްޝަންސް ކޮމިޝަންގެ މެންބަރުގެ މަގާމު ހުސްވީ އެ ކޮމިޝަންގެ ރައީސްގެ މަގާމާއި މެންބަރުގެ މަގާމުން މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޒާހިދު އިސްތިއުފާދެއްވީ ލޯކަލް އިންތިޚާބަށްފަހު ކުއްލި ގޮތަކަށެވެ.

ޝަކީލް ވަނީ 3 ޑިސެންބަރު 2014 އިން ފެށިގެން 9 މޭ 2018 އާ ހަމައަށް އީސީގެ މެންބަރުކަން ކުރައްވާފައެވެ. އަދި 1 ސެޕްޓެންބަރު 2013 އިން 3 ޑިސެންބަރު 2014 އަށް އެ ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.

ރައީސް އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމްގެ ސަރުކާރުގައި އީސީ މެމްބަރުކަމުން ޝަކީލް އިސްތިއުފާދެއްވުމުން ފަހުން ޢައްޔަނުކުރެއްވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ.

އީސީގެ މެންބަރުކަމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދިނުމާ ގުޅިގެން، މިއަދުގެ ވަގުތެއްގައި ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުކަމުން ޝަކީލް އިސްތިއުފާ ދެއްވާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.