މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރެއްވި ޢަބުދުﷲ ސޯދިގު (ސޯބެ) ކާމިޔާބުކުރަށްވައިފިއެވެ.

މިއަދު ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަދި އާންމު ނުކުރިނަމަވެސް މައުލޫމާތު ލިބޭގޮތުގައި ސޯބެ ވަނީ މިއަދުގެ އިންތިޚާބުގައި ކުރި ހޯއްދަވާފައެވެ.

Ad
rt

ސޯބެގެ ކާމިޔާބީ ފާހަގަކޮށް އެމްޑީޕީގެ ބައެއް އިސް ބޭފުޅުން މިހާރު ވަނީ މީސް މީޑިއާ މެދުވެރިކޮށް އޭނާ އަށް މަރުޙަބާ ކިޔާފައެވެ.

މި އިންތިޚާބުގައި ހިތަދޫ އުތުރު ގޮނޑިއަށް ސޯބެ އާއި ވާދަކުރެއްވީ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރެއްވި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އެވެ.

ސޯބެ މި ގޮނޑި ކާމިޔާބުކުރެއްވުމުން މަޖިލީހުގައި އެމްޑީޕީ ތަމްސީލްކުރާ ގޮނޑީގެ ޢަދަދު 12 އަށް އެރީއެވެ. މަޖިލީހުގައި ޕީއެންސީ ތަމްސީލް ކުރައްވާ މެމްބަރުންގެ އަދަދަކީ 74 އެވެ. ދެން ތިއްބަވަނީ އެމްޑީއޭގެ ދެ މެމްބަރަކާއި، ޖޭޕީގެ މެމްބަރަކާއި، އެމްއެންޕީގެ މެމްބަރެއްގެ އިތުރުން މިނިވަން ދެ މެމްބަރެކެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރަކަށް ކުރިން ހުންނެވި މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެންނެވެ.