ކިއުބާގެ ބަޔޯޓެކްނޮލޮޖީ ދާއިރާއިން ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް އާ ތެރަޕިއުޓިކް ވެކްސިނެއް އުފައްދައި، ބައިނަލްއަގުވާމީ ސަމާލުކަން ހޯދައިފިއެވެ.
މިއީ ހަށިގަނޑުގައި އުފެދިފައިވާ ކެންސަރުގެ ޓިއުމަރުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ދިފާއީ ނިޒާމު ތަމްރީނުކޮށްދޭ ފަރުވާއެކެވެ.
ކިއުބާގެ ސެންޓަރ ފޯ ޖެނެޓިކް އިންޖިނިއަރިންގ އެންޑް ބަޔޯޓެކްނޮލޮޖީ (CIGB) އިން ތަރައްގީކޮށްފައިވާ ހެބަރސަވެކްސް (HEBERSaVax) އަކީ މިވަގުތު އެންމެ ބޮޑު އުންމީދެއް ލިބިފައިވާ ވެކްސިނެވެ. މި ވެކްސިނަކީ ޓިއުމަރުތަކަށް ބޭނުންވާ ލޭ ފޯރުކޮށްދިނުން ހުއްޓުވައި، ކެންސަރު ސެލްތަކަށް ހަމަލާދޭ ދެގޮތެއްގެ މައްޗަށް ބިނާވެފައިވާ ފަރުވާއެކެވެ.
މި ވެކްސިންގެ ފޭސް 2 ގެ ކްލިނިކަލް ޓްރަޔަލްތަކުން ދައްކާގޮތުގައި، އޯވަރިއަން ކެންސަރު ހުންނަ މީހުންނަށް ކީމޯތެރަޕީއާއެކު މި ވެކްސިން ދިނުމުން، ބަލިމީހުން ދިރިތިބޭ މުއްދަތު އެވްރެޖްކޮށް 32.8 މަހަށް އިތުރުވެގެންދެއެވެ. މީގެ އިތުރުން ކޮލޮރެކްޓަލް، ކިޑްނީ އަދި ފުރަމޭގެ ކެންސަރަށް ފަރުވާ ކުރުމުގައިވެސް މި ވެކްސިނުން އުންމީދީ ނަތީޖާތަކެއް ވަނީ ފެނިފައެވެ.
މީގެ ކުރިންވެސް ކިއުބާއިން ވަނީ ފުއްޕާމޭގެ ކެންސަރަށް ފަރުވާކުރުމަށް CIMAvax-EGF އަދި Vaxira ފަދަ ވެކްސިންތައް އުފައްދާފައެވެ. ސީމާވެކްސް އަކީ 2011 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ، އަދި އެމެރިކާގެ ރޮޒްވެލް ޕާކް އިންސްޓިޓިއުޓުންވެސް ޓެސްޓުކުރަމުންދާ ކާމިޔާބު ފަރުވާއެކެވެ.
ކިއުބާގެ ރައީސް މިގޭލް ޑިއާޒް-ކާނެލް ވަނީ މި އާ ހޯދުންތަކަށްޓަކައި ސައިންސްވެރިންގެ ޓީމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އިގްތިސާދީ ދަތިތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް، ކިއުބާއިން އަންނަނީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު އަގުހެޔޮކޮށް މިފަދަ ފަރުވާތައް އާންމުންނަށް ފޯރުކޮށްދެމުންނެވެ.
މި ވެކްސިންތަކަކީ ކެންސަރު ބަލި އެއްކޮށް ރަނގަޅުކޮށްދޭ "މުއުޖިޒާތެއް" ނޫން ނަމަވެސް، މިއީ ބަލި ކޮންޓްރޯލްކޮށް، ބަލިމީހާގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދީ، އުމުރު ދިގުކޮށްދިނުމަށް އެހީތެރިވެދޭ މުހިންމު ފަރުވާތަކެކެވެ. މި ފަރުވާތަކުގެ ސައިޑް އިފެކްޓްސް ނުވަތަ ނޭދެވޭ އަސަރުތައް އެހެން ފަރުވާތަކާ އަޅާބަލާއިރު ކުޑަކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!