އިސްރާއީލުގެ ޝަރަފުގައި ބޭއްވި އަހަރީ ޕެރޭޑުގައި، ނިއުޔޯކް ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ ބައިވެރިވެވަޑައިނުގެންނެވިއެވެ.

މިއީ ފަލަސްތީނުގެ ހައްގުތަކަށް ތާއީދުކުރައްވާ މަމްދާނީ، އެތައް އަހަރެއްވަންދެން އެ ސިޓީގެ ސިޔާސީ އިސްވެރިން ދަމަހައްޓަމުން އައި އާދަކާދައަކާ ޚިލާފަށް ނިންމެވި ނިންމެވުމެކެވެ.

Ad
rt

ނިޔޯކުގައި މިއަދު ބޭއްވި މި އިސްރާއީލް ޑޭ ޕެރޭޑަކީ އާންމުގޮތެއްގައި ނިއުޔޯކްގެ މޭޔަރުންނާއި ގަވަރުނަރުން ކޮންމެހެންވެސް ބައިވެރިވެވަޑައިގަންނަވާ ހަރަކާތެކެވެ. ނަމަވެސް، މީގެ ދެ ހަފުތާ ކުރިން މޭޔަރުގެ އޮފީހުން ވަނީ 1948 ވަނަ އަހަރު އިސްރާއީލް އުފެއްދުމާ ގުޅިގެން ފަލަސްތީނުގެ 700،000 އެއްހާ މީހުން ގެދޮރުން ބޭރުކޮށްލި ހާދިސާ ނުވަތަ "ނަކްބާ" ފާހަގަކޮށް ވީޑިއޯއެއް އާންމުކޮށްފައެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަމްދާނީ ވިދާޅުވީ، ކެމްޕޭން ދުވަސްވަރުވެސް އެ ޕެރޭޑުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށާއި، އިސްރާއީލް ސަރުކާރާ މެދު އޭނާ ދެކޭގޮތް ވަރަށް ސާފުކޮށް ހާމަކުރައްވާފައިވާނެ ކަމަށެވެ. ނަމަވެސް، ޕެރޭޑް އަމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ފުލުހުންގެ ސަލާމަތީ ކަންކަން ވަރުގަދަކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މޭޔަރުގެ މި ނިންމެވުމާ ގުޅިގެން ބައެއް ޔަހޫދީ ލީޑަރުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ރަބައި މާކް ޝްނެޔާ ވިދާޅުވީ މިއީ ނިއުޔޯކްގެ ޔަހޫދީންގެ މޫނުމަތީގައި ޖެހި އެތިފަހަރެއް ކަމަށެވެ. ނަމަވެސް، ސިޓީގެ ފުލުހުންގެ ކޮމިޝަނަރު ޖެސިކާ ޓިޝް ވިދާޅުވީ މޭޔަރު ބައިވެރިވެވަޑައިނުގަތުމަކީ އޭނާގެ ނިންމެވުމެއް ކަމަށާއި، އެކަމަކު އޭނާ ފަޚުރުވެރިކަމާއެކު އެ ޕެރޭޑުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ނިއުޔޯކްގެ ފުރަތަމަ މުސްލިމް މޭޔަރު ކަމަށްވާ މަމްދާނީ ވިދާޅުވީ، އިސްރާއީލަކީ ދައުލަތެއްގެ ގޮތުގައި އޮތުމުގެ ހައްގު އޮތް ތަނެއް ކަމަށް ގަބޫލުކުރެއްވި ނަމަވެސް، ވަކި ބަޔަކަށް އިސްކަންދޭ ނިޒާމެއް އޮތުމަށް ތާއީދުނުކުރައްވާ ކަމަށެވެ. އަދި ހަމައެއާއެކު، ނިއުޔޯކްގައި ދިރިއުޅޭ ޔަހޫދީންގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.