ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައިގެ ތެރޭ މަރުވި އިޓަލީގެ ޑައިވަރުން ހޯދުމަށް ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ސާޗް އެންޑް ރިކަވަރީ އޮޕަރޭޝަނަށްފަހު އެ އޮޕަރޭޝަންގައި ބައިވެރިވި ޑޭން ޔޫރަޕް އަށް ނިސްބަތްވާ ފިންލޭންޑުގެ ތިން މާހިރުން ކަމަށްވާ ސާމީ ޕާކަރިނެން، ޖެނީ ވެސްޓަރލަންޑް، އަދި ޕެޓްރިކް ގްރޮންކްވިސްޓް އަށް ތަޢުރީފްގެ ބަސްތައް އޮހޭތަން ދަނީ ފެންނަމުންނެވެ.

ޑައިވަރުން ހޯދުމުގެ ސާޗް އެންޑް ރިކަވަރީ އޮޕަރޭޝަން ފެށުނީ ފިންލެންޑުގެ މާހިރުން ރާއްޖެ އައި ހިސާބަކުންނޫނެވެ. އެ ހާދިސާ ހިނގި ދުވަސް 14 މެއިން ފެށިގެން އެ އޮޕަރޭޝަން އޮތީ ފެށިފައެވެ. ދިވެހި ހިތްވަރުގަދަ ސިފައިންނާއި ފުލުހުންގެ ޑައިވަރުން، ބައެއް ރިސޯޓްތަކުގެ އެހީތެރިކަމާއެކު އެ އޮޕަރޭޝަން އައީ ހިންގަމުންނެވެ. އެ އޮޕަރޭޝަންގެ ތެރެއިން 16 މެއި އަކީ ދިވެހީންނަށް ކުރިމަތިވި ހިތްދަތި ދުވަހެކެވެ. އެއީ ގެއްލުނު ޑައިވަރުން ހޯދުމުގައި ކުރި މަސައްކަތުގެ ތެރެއިން ދިވެހި ދަރިއެއްގެ ފުރާނަ ގެެއްލުނު ދުވަހެވެ. 16 މެއި ގައި ކުރިއަށް ގެންދިޔަ ސަރޗް އޮޕަރޭޝަންގައި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ޚަބަރު މުޅި ޤައުމު އެހީ ފުން ހިތާމައާއިއެކުގައެވެ. އެ ހާދިސާއަށްފަހު މި އޮޕްރޭޝަން މަޑުޖެހި، ދެން އޮޕަރޭޝަން ފެށީ ފިންލެންޑުގެ ތަޖުރިބާކާރުންނާއެކުގައެވެ.

Ad
rt

މި އޮޕަރޭޝަންގައި ނުފެނިވާ ހަތަރު އިޓަލީ ޑައިވަރުންގެ ހަށިގަނޑު ދެ ދުވަސްމަތިން ވަނީ އެމީހުން ތިބި ކަނޑުއަޑީގެ ހޮހޮޅައިގެ ތެރެއިން ނަގާފައެވެ.

މި އޮޕަރޭޝަނަށްފަހު އިޓަލީގެ ރައްޔިތަކުގެ މީސްމީޑިއާގައި ލިޔެފައިވާ މެސެޖެއް ލޮލުގައި އަޅައިގަނެ ކިޔުންތެރިންނާއި ހަމައަށް ކޮންމެހެން ގެނެސްދޭހިތްވެއްޖެއެވެ. އޭނާ ލިޔެފައި ވަނީ ވަރަށް ބޮޑު ތެދެކެވެ. އޭނާގެ މެސެޖުގައި ވަނީ ދިވެހި ބަތަލު މަހުދީ އަށް ވަނީ ތަޢުރީފް އޮއްސާލާފައެވެ. ފިންލޭންޑުގެ ޑައިވަރުންގެ ހިތްވަރަށް އިޙްތިރާމްކުރަމުން އޭނާ ފާހަގަކުރި ގޮތުގައި މަހުދީ އަކީ އެންމެ ދަތި ވަގުތުގައި އިންސާނިއްޔަތުކަން އިޚްތިޔާރުކުރި މީހެއްގެ ގޮތުގައި ހަނދާން ކުރަންޖެހޭ މީހެކެވެ. އަދި ދޫކޮށްފައި އެދިޔައީ ހުރިހާ ނަމޫނާތަކަށްވުރެ ވަރުގަދަ ނަމޫނާއެކެވެ. މިއީ ދެބަސްވެވޭނެ ކަމެއްނޫންކަން ކަށަވަރެވެ.

----------------------------------------------------------------------------------

އޭނާ ލިޔެފައިވެއެވެ.

މި ވަގުތުތަކުގައި، ފިންލޭންޑުގެ ކޭވް ޑައިވަރުންގެ ހިތްވަރުގަދަކަމުގެ ވާހަކަ ގިނަ ބަޔަކު ދައްކަމުން ދަނީ ހަމަ އެންމެ ރަނގަޅަށެވެ. އާދެ، ސާމީ ޕާކަރިނެން، ޖެނީ ވެސްޓަރލަންޑް އަދި ޕެޓްރިކް ގްރޮންކްވިސްޓް އަކީ ފުރިހަމަ އިޙްތިރާމް ޙައްޤު ބައެކެވެ. އެމީހުން ކުރިމަތިލީ ކަނޑުގެ އަޑީގެ ކަނު އަނދިރިކަމާއެވެ. އިޓަލީގެ ފަސް މީހަކު އެނބުރި ޤައުމަށް ގެންގޮސްދިނުމަށްޓަކައި އެމީހުންގެ ފުރާނަ އަތްމައްޗަށް ލައިގެން ނުރައްކަލާ ކުރިމަތިލިއެވެ. އަދި އެންމެ ފަހުން، އެއްވެސް އުޖޫރައެއްގައި ހިފުމަށްވެސް އެމީހުން އިންކާރުކުރިއެވެ. އެއީ ވަރަށް މަތިވެރި ނަމޫނާއެކެވެ. މަދު ބަޔަކު ނޫނީ ނުދައްކާނެ ފަދަ ނަމޫނާއެކެވެ. އެއީ ހަގީގީ އިންސާނިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ.

ނަމަވެސް މިއަދު، މުޅި ދުނިޔެ އެ ނުކުރެވޭނެ ފަދަ މިޝަންއަށް ތައުރީފު ކުރަމުންދާއިރު، އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ ނަމެއް އެބައޮތެވެ. ސާޖަންޓް މޭޖަރ މުޙައްމަދު މަހުދީއެވެ. ސަބަބަކީ އޭނާ އެ ކަނޑުގެ އަޑިން އެނބުރި ނައުމެވެ. އެންމެން އުންމީދެއް ފެނޭތޯ ހޯދަމުން ދިޔައިރު، އޭނާ ދިޔައީ އެ އަޑިއަށެވެ. ފެންބޮޑުވެފައިވާ ހޮހަޅަތަކުގެ ހިމޭންކަމުގެ ތެރެއަށެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ކަނޑުގެ ލޮނުގަނޑު މަރުގެ ޙުކުމަކަށް ވެދާނެ ފަދަ ނުރައްކާތެރި ހިސާބަކަށެވެ. އޭނާ އެކަން ކުރީ އޭނާ ދަންނަ ބައެއް ނޫން ކަމުގައިވިޔަސް، އެ އިޓަލީ މީހުން ސަލާމަތް ކުރުމަށެވެ. ފައިސާއަކަށް ނޫނެވެ. މަޝްހޫރުކަމަކަށް ނޫނެވެ. އަދި ހަމައެކަނި ވާޖިބެއް އަދާކުރުމުގެ ގޮތަކުންވެސް ނޫނެވެ. އޭނާ އެކަން ކުރީ، އަމިއްލަ ފުރާނައަށްވުރެ އެހެން މީހުންގެ ފުރާނަ އިސްކުރާ ފަދަ ފިރިހެނުން އުޅޭތީއެވެ. އަދި އެއީ އިންތިހާއަށް ބަރުދަން ހުރި ކަމެކެވެ.

މިއަދު، އަޅުގަނޑުމެން އެންމެންނަށްވެސް ފެނުނު ހަށިތަކުގެ ވާހަކަ ދެއްކިދާނެއެވެ. އެންމެ ފަހުގެ ވަދާޢީ ސަލާމް ކުރުމުގެ ފުރުސަތު ލިބުނު އާއިލާތަކުގެ ވާހަކައެވެ. އެނބުރި ގެއަށް ގެނެވުނު ދަރިންނާއި، ބޭޭބެމެންނާއި އަދި ރަހުމަތްތެރިންގެ ވާހަކައެވެ. ނަމަވެސް އެ އެނބުރި އައުމުގެ އަގު ވަރަށް ބޮޑެވެ. އެއީ އެއް އިންސާނެއްގެ ފުރާނައެވެ. މިއަދު ކޮންމެވެސް ތަނެއްގައި، މުޙައްމަދު މަހުދީގެ ވަކިވުމުގެ ހިތާމައިގައި އާއިލާއަކުން ރޮނީއެވެ. ހުސް ގޮނޑިއެކެވެ. ދުވަހަކުވެސް އެނބުރި ނާންނާނެ އަޑެކެވެ. އެއްވެސް މެޑެއްޔަކަށް ފޮހެނުލެވޭނެ ފަދަ ތަދެކެވެ. އަދި ފަހަރުގައި އޭނާގެ ޤުރުބާނީ މާ މަތިވެރިވަނީ މި ސަބަބަށްޓަކައެވެ. ސަބަބަކީ ހަގީގީ ބަތަލުންނަކީ އާންމުކޮށް ތައުރީފަށް އެދޭ ބަޔަކަށް ނުވާތީއެވެ.

އެމީހުން ކުރަނީ ހަމައެކަނި އެމީހުން ގަބޫލުކުރާ ރަނގަޅު ކަންތައްތަކެވެ. އޭގެ އަގަކީ އަމިއްލަ ފުރާނަ ކަމުގައި ވިޔަސްމެއެވެ. ފިންލޭންޑުގެ ޑައިވަރުންގެ ހިތްވަރަށް އިޙްތިރާމް އަދާކުރަމެވެ. ނަމަވެސް މިއަދު އެންމެ ފުން އިހުސާސެއް އޮތީ، ކަނޑުގެ އަޑީގައި ތާށިވި އިޓަލީގެ ފަސް މީހުންނަށް އެހީވުމަށްޓަކައި ހުރިހާ އެއްޗެއް ގުރުބާންކުރި އެ ސާޖަންޓަށެވެ. މުޙައްމަދު މަހުދީއަކީ ހަމައެކަނި ސިފައިންގެ މީހެއްގެ ގޮތުގައި ހަނދާން ކުރަންޖެހޭ މީހެއް ނޫނެވެ. އޭނާއަކީ އެންމެ ދަތި ވަގުތުގައި އިންސާނިއްޔަތުކަން އިޚްތިޔާރުކުރި މީހެއްގެ ގޮތުގައި ހަނދާން ކުރަންޖެހޭ މީހެކެވެ. އަދި އޭނާ އަޅުގަނޑުމެންނަށް ދޫކޮށްފައި އެދިޔައީ ހުރިހާ ނަމޫނާތަކަށްވުރެ ވަރުގަދަ ނަމޫނާއެކެވެ.

----------------------------------------------------------------------------------

ޙަޤީޤަތުގައި ވެސް ކަނޑުގެ އަޑީގައި ތާށިވި އިޓަލީގެ ފަސް މީހުން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި މިޝަންގައި، ސާޖަންޓް މޭޖަރ މުޙައްމަދު މަހުދީ ވެވަޑައިގަތް މަތިވެރި ޤުރުބާނީއަކީ މުޅި ދުނިޔެއަށް ނަމޫނާއެކެވެ. އޭނާ އެ ނުރައްކާތެރި ހޮހަޅަތަކުގެ ތެރެއަށް ފީނައިގެން ދިޔައީ އަމިއްލަ ފުރާނައަށްވުރެ އެހެން ބައެއްގެ ފުރާނަ ސަލާމަތްކުރުމުގެ މަތިވެރި ނިޔަތުގައެވެ. މި މިޝަން ކާމިޔާބުވެ، ތާށިވި މީހުންގެ ހަށިތައް އެމީހުންގެ އާއިލާތަކާ ހަވާލުކުރެވުނު ނަމަވެސް، މި ކާމިޔާބީގެ އަގަކީ މަހުދީގެ ފުރާނައެވެ. އޭނާ އެނބުރި ނައުމުގެ ސަބަބުން އޭނާގެ އާއިލާއަށް ލިބިފައިވަނީ ފޫނުބެއްދޭ ފަދަ ބޮޑު ހިތާމައެކެވެ. މިއީ އެއްވެސް މެޑެއްޔަކުން ނުވަތަ ތައުރީފަކުން ފޮހެލެވޭނެ ތަދެއް ނޫނެވެ.

ސާޖަންޓް މޭޖަރ މުޙައްމަދު މަހުދީއަކީ ހަމައެކަނި ސިފައިންގެ ބޭކަލެއްގެ ގޮތުގައި ނޫން، އިންސާނިއްޔަތުކަމުގެ އެންމެ މަތީ ދަރަޖަ ދެއްކެވި ބަތަލެއްގެ ގޮތުގައި ހަނދާންކުރަންޖެހެއެވެ. އޭނާ ދޫކޮށްފައި އެދިޔައީ އިންސާނިއްޔަތަށްޓަކައި ވެވޭނެ އެންމެ ބޮޑު ޤުރުބާނީގެ ވަރުގަދަ ނަމޫނާއެކެވެ. މާތްﷲ މަރްޙޫމްގެ ސުވަރުގޭގައި ދާއިމަށް ލަހައްޓަވާށިއެވެ! އާމީން