އިސްރާއީލުން ފޭރިގެންފައިވާ ހުޅަނގު އައްސޭރީގައި، އިސްރާއީލުގެ ހަރުކަށި ޔަހޫދީންތަކެއް ފަލަސްތީނުގެ އާއިލާއަކަށް ބިރުދައްކައި، އެ އާއިލާގެ ބައްޕަގެ ހަށިގަނޑު ވަޅުލާފައި އޮތް މަހާނައިން ނެގުމަށް މަޖުބޫރުކުރުވައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ޖެނީން ކައިރީގައި އޮންނަ އަސާސާ އަވަށުގެ ގަބުރުސްތާނެއްގައެވެ. މިއީ ޖައްބާރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން އަލުން އާބާދުކޮށްފައިވާ އިސްރާއީލުގެ ވަޒަންވެރިންގެ އާބާދީއަކާ ކައިރީގައި އޮންނަ ސަރަހައްދެކެވެ.

Ad
rt

އުމުރުން 80 އަހަރުގެ ހުސައިން އަސާސާ ނިޔާވީ މިދިޔަ ހުކުރު ދުވަހު ގަދަ ބަލީގައި އުޅުމަށްފަހުއެވެ. އޭނާގެ ދަރިފުޅު މުހައްމަދު ''ރޮއުޓާސް'' އަށް ބުނި ގޮތުގައި، އޭނާގެ ބައްޕަ ވަޅުލާފައިވަނީ އިސްރާއީލުގެ އަސްކަރިއްޔާގެ ހުއްދައާއެކު، އަސްކަރީ ސިފައިން އެ ސަރަހައްދުގައި ތިއްބައެވެ. ނަމަވެސް، ވަޅުލުމުގެ ކަންތައް ނިންމާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، ހުޅަނގުއައްސޭރީގެ ބިން ފޭރިގަނެގެން އިސްރާއީލުގެ ވަޒަންވެރިކުރުވާފައިވާ ޔަހޫދީންގެ ބަޔަކު ގަބުރުސްތާނަށް އައިސް މަހާނަ ކޮނެ ހަށިގަނޑު ނެގުމަށް އަމުރުކުރި ކަމަށް އާއިލާއިން ބުނެއެވެ.

މުހައްމަދު ކިޔައިދިން ގޮތުގައި، އެ ސަރަހައްދަކީ އެމީހުންގެ ބިމެއް ކަމަށާއި އެތަނުގައި މީހުން ވަޅުލުން މަނާކަމަށް އެމީހުން ވަނީ ބުނެފައެވެ. އަދި އާއިލާއިން އަމިއްލައަށް މަހާނަ ނުކޮނެފިނަމަ ބުލްޑޯޒަރެއް ބޭނުންކޮށްގެން މަހާނަ ކޮނެ، ގަބުރު ނަގައި އެއްލައިލާނެ ކަމުގެ އިންޒާރު ވަޒަންވެރިން ދިނެވެ. އެހެންކަމުން، ބައްޕަގެ ހަށިގަނޑަށް އިތުރު އިހާނެތިކަމެއް ލިބިދާނެތީ، އާއިލާއިން ނިންމީ އަމިއްލައަށް މަހާނަ ކޮނެ ހަށިގަނޑު ނެގުމަށެވެ.

"އަހަރެމެން މަހާނަ ކޮނުމަށް ދިޔައިރު، އެމީހުން އޮތީ މަހާނަ ކޮނެ ހަށިގަނޑާ ހަމައަށް ފޯރާފައި،" މުހައްމަދު ބުންޏެވެ.

އާއިލާއިން ވަނީ ހަށިގަނޑު ނެގުމަށްފަހު އެހެން ގަބުރުސްތާނެއްގައި އަލުން ވަޅުލާފައެވެ.

މި ހާދިސާ ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުންދާއިރު، އޭގައި ފެންނަނީ މީހުންތަކެއް ބިން ކޮނެގެން ހަށިގަނޑެއް ނަގައިގެން ގެންދާ މަންޒަރެވެ. އަދި އެ މަންޒަރު ބަލަން އިސްރާއީލުގެ ސިފައިން ކައިރީގައި ތިބިތަން ވެސް ފެނެއެވެ.

މިކަމާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ، ޖަނާޒާގެ ކަންކަން އެމީހުންނާ ގުޅިގެން ކުރިއަށް ގެންދިޔަ ނަމަވެސް، ހަށިގަނޑު ނެގުމަށް އާއިލާއަށް އަމުރުކޮށްފައި ނުވާނެ ކަމަށެވެ. އަދި އެތާ ވަޒަންވެރިވެގެން އުޅޭ (އިސްރާއީލުން ފަލަސްތީނުގެ ބިން ފޭރިގަނެ ވަޒަންވެރިކޮށްފައިވާ) ޔަހޫދީން ބިން ކޮންނަ ކަމުގެ ރިޕޯޓު ލިބުމުން ސިފައިން އެ ސަރަހައްދަށް ގޮސް އެމީހުންގެ އަތުން ކޮންނަން ގެންގުޅުނު ސާމާނު އަތުލާފައިވާ ކަމަށްވެސް އަސްކަރިއްޔާއިން ބުންޏެވެ.

އދ. ގެ ހިއުމަން ރައިޓްސް އޮފީހުން ވަނީ މި ހާދިސާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. މިއީ ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ކަރާމާތަށް އަރައިގަތުމުގެ އިތުރުން، މަރުވެފައިވާ މީހުންނަށް ދޭންޖެހޭ އިހުތިރާމު ކުޑަކުރުމުގެ އަމަލެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.