ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގު ހަތަރު ވަނަ މެޗުގައި އޭދަފުށިން މަނަދޫ ބަލިކޮށް ތިން ޕޮއިންޓް ކަށަވަރުކޮށްފިއެވެ.

މިއަދު ހަވީރު އޭދަފުށީގައި ކުޅުނު މި މެޗު ފުރަތަމަ ހާފުގެ 45 މިނިޓާއި ހަމައަށް ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ޖެހިފައެއްނުވެއެވެ. ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި ހާފުގެ 45 ވަނަ މިނިޓްގައި އޭދަފުށީގެ އަލީ ނަސީމް ގޯލް ކުރިމައްޗަށް ގޯލް އޭރިއާ ބޭރަށް ނަގައިދިން ބޯޅައެއް ވަރަށް ހަމަޖެހިލައިގެންހުރެ އޭދަފުށީގެ ބިދޭސީ ކުޅުންތެރިޔާ ޖޯޒީނަންބަރު 26 ސުހުރަބް ވަނީ ގޯލްގެތެރެއަށް ވައްދާލައި އޭދަފުއްޓަށް ލީޑް ނަގައިދީފައެވެ. މިއީ ނޯތު ރީޖަނަލް ލީގުގައި ސުހުރަބް ޖަހައިދިން ދެވަނަ ލަނޑެވެ.

Ad
rt

ދެވަނަ ހާފު ފެށިގެން ވެސް ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި 58 ވަނަ މިނިޓްގައި މަނަދޫ ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ މަނަދޫގެ ޖޯޒީ ނަންބަރު އަބުދުﷲ އިޝާނަށް އޭދަފުށީގެ އިސްމާއީލް ޝަރީފް ފައުލުކުރުމުން ލިބުނު ހިލޭ ޖެހުމަކުން ޖޯޒީ ނަންބަރު 17 އަހުމަދު އަލީ ޖަހައިދިން ލަނޑެކެވެ. އެ ބޯޅަ ގޯލަށް ވަނީ އޭދަފުށީ ކުޅުންތެރިއެއްގެ ގައިގާ ޖެހިފައެވެ.

މެޗުގައި އޭދަފުށިން ތިން ޕޮއިންޓް ކަށަވަރުކުރި ލަނޑު ޖަހައިދިނީ ސުހުރަބް ދިން ބޯޅައެއް ގޯލް އޭރިއާ ބޭރުގައި ހުރެފައި ޖޯޒީ ނަންބަރު 27 އިބްރާހީމް ޝަރީފް ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ. 81 ވަނަ މިނިޓްގައި ޖެހި މި ގޯލް، ގޯލްގެތެރެއަށް ވަނީ މަނަދޫ ކުޅުންތެރިއެއްގެ ގައިގާ ޖެހިފައެވެ.

މިއަދު އޭދަފުށި ޓީމު ކޯޗުކަން ކޮށްފައި ވަނީ އަލަށް ޓީމާއި ހަވާލުވި ރާއްޖޭގެ މަޝްހޫރު އެއް ކޯޗު، އިސްމާއީލް އާސިފް (ކުޑަހީނާ) އެވެ. އޭދަފުއްޓަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚާއި ވަރަށް ބޮޑަށް ގުޅިފައިވާ ރަށެކެވެ.

ނޯތު ރީޖަން ލީގުގެ ހަތަރު މެޗު ކުޅެވުނުއިރު މިވަގުތު ޕޮއިންޓް ތާވަލުގެ އެއް ވަނާގައި ހަ ޕޮއިންޓާއެކު އޮތީ ދެ މެޗުން މޮޅުވި ދިއްދޫ އެވެ. ދެން މި ރީޖަނަލް ލީގުގައި ކުޅޭ ހަނިމާދޫ އަށް 3 ޕޮއިން، އޭދަފުއްޓަށް ވަނީ 3 ޕޮއިންޓް ލިބިފައެވެ. އަދި މަނަދޫ އަށް އެއްވެސް ޕޮއިންޓެއް ނުލިބެއެވެ.

ނޯތު ލީގުގެ ބާކީ ހުރި މެޗުތައް

  • 9 މެއި: ހަނިމާދޫ - އޭދަފުށި
  • 10 މެއި: މަނަދޫ - ދިއްދޫ
  • 13 މެއި: އޭދަފުށި - ހަނިމާދޫ
  • 14 މެއި: ދިއްދޫ - މަނަދޫ
  • 16 މެއި: ހަނިމާދޫ - ދިއްދޫ
  • 17 މެއި: މަނަދޫ - އޭދަފުށި
  • 20 މެއި: އޭދަފުށި - ދިއްދޫ
  • 21 މެއި: މަނަދޫ - ހަނިމާދޫ

މި މުބާރާތް ރާވާފައި ވަނީ ކޮންމެ ޒޯނެއްގެ ފައިނަލަށް ދާ ދެ ޓީމެއް ރީޖަން ލީގަށް ކޮލިފައިވާ ގޮތަށެވެ.

ނޯތު ލީގާއި ސެންޓްރަލް އަދި ސައުތު ރީޖަން މިއިން ކޮންމެ ލީގެއް ވެސް ކުރިއަށް ގެންދާނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.

މާލޭ ލީގު ދެވަނަ ޑިވިޝަނާއި، ނޯތު، ސެންޓްރަލް، ސައުތު ރީޖަންގެ ޗެމްޕިއަނުންނަށް ޕްރިމިއާ ލީގު ކޮލިފައިން އިން ފުރުސަތު ލިބޭނެ އެވެ. މި ހަތަރު ޓީމުގެ އިތުރުން، މި ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނަ އާއި އަށްވަނައަށް ދިޔަ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އާއެކު، ޕްރިމިއާ ލީގު ޕްލޭއޮފްގައި ޖުމްލަ ހަ ޓީމު ވާދަ ކުރާނެ އެވެ. އަދި ޕްލޭއޮފްގެ އެންމެ ރަނގަޅު ހަތަރު ޓީމު، އަންނަ ސީޒަންގެ ޕްރިމިއާ ލީގަށް ކޮލިފައި ވާނެ އެވެ.